ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލް ލައިސެންސިންގެ ތެރެއަށް އެޕްޓިޓިއުޑް ޓެސްޓެއް ހިމަނަންވެއްޖެ

މާލޭގެ ބޮޑު މަގު : ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކުގައި ދުއްވާ ގިނަ މީހުން ދުއްވަމުންދަނީ އެއްވެސް ވަރަކަށް ނަފްސަށާއި އަނެކާއަށްވެސް ބެލުމެއް ނެތިއެވެ. އަމިއްލަ ފުރާނަ ނުރައްކަލަށް ހުށައެޅުން ހުއްޓުމަކަށް ނުގެނެވުނު ނަމަވެސް ދުއްވާއިރު ގަވައިދުން ދާ މީހާއަށް އެ އިމުގެ ތެރެއިން ރައްކައުތެރިކަން ކަށަވަރުކޮށްދެވިދާނެ އެންމެ ފުރިހަމަ މިންގަނޑަކަށް ތަންފީޒީ އިދާރާތަކުން ކޮށްދޭން އެބަޖެހެއެވެ.  ޓްރެފިކް ބޯކަމުންނާއި ޖުމުލަކޮށް ދުވެލި ބާރުވުމުން މިއަދު މަޑުން ދުއްވާފައި ދެވެންވެސް ނެތީއެވެ. އެކަންވެސް ނުރައްކަލަކަށް ވެއްޖެއެވެ.

މިކަން ހައްލުކުރެވޭނީ ދުއްވާ މީހުންވެސް ޒިންމާ ނަގައި ނުރައްކާތެރި ދުއްވުންތައް ހުއްޓާލައިގެންކަމަށްވާއިރު، ބައެއް މީހުންނަކީ ފިޔަވަޅެއް އެޅުމުގެ ކުރިން ނުވަތަ ހާދިސާއެއް ދިމާވެ އެތައް ދެރައެއް ކުރިމަތިވުމުގެ ކުރިން ނުވިސްނިދާނެ މީހުންކަމަށްވުމުން ދުއްވުމަށް ލައިސެންސް ހޯދާ މީހަކީ އެކަމަށް ބޭނުންވާ ފަދަ ވިސްނުމާއި ބުއްދީގެ ތަނަވަސްކަން ލިބިފައިވާ މީހެއްތޯވެސް ބަލާލުން މިއަދު ޓްރެފިކް ބޯވަމުންދާ އިރު ވަރަށް މުހިންމުވެއްޖެއެވެ. މިއީ ހިނގާބިނގާ އުޅޭ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުންވެސް ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުންނާއި ވިސްނުން ފުރިހަމަ ނުވާ ފަރާތްތަކަށް ލައިސެންސް ނުދޭ އުސޫލުން އާންމުންގެ ތެރެއިން ބައެއް މީހުންނަކީވެސް ދުއްވަން އެކަށީގެންވާ ފަދަ ވިސްނުމެއް ނުގެންގުޅޭ މީހުންނެވެ. އެހެންކަމުން މީހާއަށް އަމަލީގޮތުން ސައިކަލު ނުވަތަ އެ އުޅަނދެއް ދުއްވޭތޯ ޓެސްޓުކޮށް ލައިސެންސް ދޭއިރު، އެޕްޓިޓިއުޑް ނުވަތަ އެކަމަށް ބޭނުންވާ ވިސްނުމާއި ގާބިލުކަން ހުރި މީހެއްތޯ ދެނެގަނެވޭނެ ޓެސްޓެއް ހިމަނައިގެން އެ މީހަކީ އެފަދަ އުޅަނދެއް އާންމު ތަނެއްގައި ދުއްވާ އުޅުމަށް އެކަށީގެންވާ ފަދަ ވިސްނުންތެރިކަމެއް ހުރިކަން ޔަގީންކުރުން މުހިންމެވެ.

ހަމަ އެ ޓެސްޓު މެދުވެރިކޮށް އެ މީހަކީ ބަޔާންކޮށްފައި ނެތަސް ދުއްވާ އުޅުމުގެ ތެރޭގައި ގެންގުޅޭ މަގުމަތީގެ އުސޫލުތަކަށް ހޭލުންތެރި މީހެއްތޯ ބެލުމާއި ކަނޑައެޅިފައިވާ އަސާސީ ގަވައިދުތައް އެނގޭ މީހެއްތޯވެސް ބަލަން މުހިންމެވެ. އަދި އެމީހަކީ ގާނޫނާއި ގަވައިދުގެ ތެރެއިން އެ ލިބިގެންދާ ވެކިލް ދުއްވުމުގެ ހައްގުގެ ނަހަމަ ބޭނުންކޮށް މުޖުތަމައަށާއި މަގުމަތީގައި ދުއްވާ އެހެނިހެން އުޅަނދުތަަކަށް ބޮޑު ނުރައްކަލަކަށް ވެދާނެ މީހެއްތޯ ދެނެގަތުންވެސް މި ޒަމާނުގައި މުހިންމެވެ.

ލައިސެންސް ދޭއިރު ރާއްޖޭގައި އެ މީހެއްގެ ފެނުމުގެ ހާލަތު ހުރި ގޮތްވެސް ހަގީގަތުގައި އެކަށީގެންވާ ގޮތެއްގެ މަތިން ނުބަލައެވެ. މިވަގުތު ކަން ހުރި ގޮތުން ނަމަ ފެނުމުގައި ކުލަތައް ވަކި ކުރުމުގައި ދަތިކަން، ކަލަރބްލައިންޑްނެސް އާއި ޑެފިޝެންސީ ހުރި މީހަކަށްވެސް ލައިސެންސް ނަގާލެވޭނެއެވެ. އެހެންނަމަވެސް ފެއްސާ ރަތް ކުލަ އޮޅޭ މީހުންނަށް ޓްރެފިކް ލައިޓުން ފެންނަ އެތި އާންމު މީހުންނާއި ތަފާތުވާނެކަމަށްވުމުން ރައްކައުތެރި ފިޔަވަޅެއް ގޮތުގައި ލައިސެންސެއް ބައެއް ތަހުޒީބު ގައުމުތަކުގައި މިކަންވަނީ މަނާކުރެވިފައެވެ. ސިންގަޕޫރާއި ތުރުކީ ފަދަ ގައުމުތަކުގައި ނުދެއެވެ. ހިތާމަ ހުރި ނަމަވެސް މިއީ މިކަން އޮތް ގޮތެވެ. ކަރަންޓު ވަޔަރުކުރުން ފަދަ ދާއިރާތަކުގައިވެސް އެފަދަ މީހުންނަށް ހަރަކާތްތެރިނުވެވޭނެއެވެ. ސަބަބަކީ އެކަމުގެ ސަބަބުން ނުރައްކާތެރި މައްސަލަތައް ނުކުމެގެން އައުމުގެ ފުރުސަތު އޮތުމެވެ.

މިހާގެ ޖިސްމާނީ ހާލަތު ހުރިގޮތްވެސް ބަލަން މުހިންމެވެ. ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގައި ހުންނަ ދިރާގުގެ އޮފީސް ކައިރިން ދުއްވާފައި ދިޔަ ކާރެއްގެ ޑްރައިވަރު ސްޓްރޯކެއް ޖެހުމުގެ ސަބަބުން ކާރު ކޮންޓްރޯލުން ކަޓައި މަގުގެ ނުބައި ފަރާތުން ބާރަށް ރޭސްވެގެން އައިސް އެހެން ކާރެއްގައި ޖެހުނު މައްސަލައެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ. އެކްސިޑެންޓުގައި ނިޔާވި އުމުރުން 65 އަހަރުގެ ދިވެހި ޑްރައިވަރަކީ އެ ހާދިސާގެ ކުރިންވެސް ހޭނެތުން ފަދަ ކަންކަން ކުރިމަތިވެފައިވާ މީހެއްކަމަށް އާއިލާއިން މައުލޫމާތުދިންކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކެނަޑާގައި ފަދަ ގައުމުތަކުގައި އޮންނަ އުސޫލުން ނަމަ ސްޓްރޯކެއް ޖެހޭ މީހަކަށް ދެވަނަ ފަހަރަކަށް އުޅަނދަކަށް އެރޭނީ ޑޮކްޓަރަކު އެ ގައުމުގެ ޓްރާންސްޕޯޓު މިނިސްޓްރީއަށް އެ މީހެއްގެ ސިއްހީ ހާލަތު ރަނގަޅުކަމަށް ބަޔާންކޮށް ސިޓީއެއް ފޮނުވުމުންނެވެ. އޭގެ ކުރިން އެ މީހެއްގެ ލައިސެންސް އޮންނަނީ ސަސްޕެންޑުކުރެވިފައެވެ. އިނގިރޭސި ވިލާތުގައިވެސް އޮތީ ހަމަ މިފަދަ އުސޫލެކެވެ.

އިނޖީނުލީ އުޅަނދުތައް ދުއްވާ މީހުންނަށް ގާނޫނީގޮތުން މަގުތައް މަތީގެ ރައްކައުތެރިކަން ކަށަވަރުކޮށްދޭން އިތުރު ފިޔަވަޅެއްވެސް އަޅަން މިއަދު އިންތިހާ މުހިންމެވެ. ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ދުއްވައި އަނެކާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށައަޅާ މީހުންގެ މައްސަލަވެސް ވަރަށް ބޮޑެވެ. މިއީ ޖީއެން ދުއްވާ ކުދިން ނުވަތަ ސްކޫޕީ ދުއްވާ ކުދިން އަދި ވަކި އުމުރު ފުރައަކަށްވެސް ހާއްސަ ކަމެއް ނޫނެވެ. ހުރިހާ ގިންތިއެއް ފަންތިއެއް އަދި އުމުރުކާއި ޖިންސެއްގެ މީހުންވެސް މި އިހުމާލު ކޮންމެ ދުވަހެއްގެ އެތައް ފަހަރެއްގެ މަތިންވެއެވެ. ގަސްތުގައި ނޫނަސް މީހެއްގެ ފުރާނަ ގެއްލިދާނެ ކަން އެނގި ހުރެ ދުއްވާއިރު ނުގަވައިދުން ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލުމުން ލިބޭ އަދަބުވެސް ހަރުކަށިކުރަންވެފައިވާއިރު، އަދަބު ދެވޭކަންވެސް ކަށަވަރުކުރަން އެބަ ޖެހެއެވެ.

މިހާރު މަގުމަތިން ހިފަހައްޓައި ޗެކްކުރަމުންދަނީ ގަވައިދާއި އެއްގޮަތަށް ދުއްވާ މީހުންކަމަށް ބުނެވެސް ޝަކުވާތައް ލިބެއެވެ. ޔަގީނުންވެސް ޗެކްޕޮއިންޓުތަކުގައި ތިބޭއިރު އަދި މަގުމަތިން ދުއްވާއިރު، ތަނާއި ހާލަތާއި ނުބައްދަލުކޮށް ނުރައްކާތެރިކޮށް ދުއްވާ އެތައް ބަޔަކު ފެންނާނެއެވެ. އަދި ބާރަށް ދުއްވައިގެން ލައިސެންސް ކެންސަލް ކުރަން ނުވި ނަމަވެސް ތަކުރާރުކޮށް އަނެކާގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލުކުރާ ނަމަ ކެންސަލްކުރަންވީއެވެ.

މަގުމަތިން ފުލުހުން އަދި ފަހަތުން ދުއްވާފައި ނުދިޔަނަމަވެސް ނޯޓުކުރެވޭނެއެވެ. ތަންތަނުގައި ސީސީޓީވީ ހުންނަ ކަމަށްވުމުން ހެކިވެސް އެއްކުރެވޭނެއެވެ. އަދި ވަކި މިންގަނޑަކަށްވުރެ މައްޗަށް ދިއުމުން ސަސްޕެންޑުކޮށްލަންވީއެވެ. ލައިސެންސް ނެތި އުޅޭ ނަމަ އުޅަނދު އަތުލަންވީއެވެ. އަނބުރާ ލައިސެންސާއި އުޅަނދު ހަވާލުކުރާއިރު، ދެވަނަ ފަހަރަކަށް ތަކުރާރުވެއްޖެ ހާލަތެއްގައި ލައިސެންސް ކެންސަލް ކުރެވި އުޅަނދު ނައްތާލުމަށް އެއްބަސްވެއް އިގުރާރުކުރުވަންވީއެވެ. މިހާރު ރާއްޖޭގައި މި މިންގަނޑަށް ކަން ގެންދާ ވަރަށް އެކްސިޑެންޓުތައް ގިނަވެއްޖެއެވެ.

އެހެންނަމަވެސް މިފަދަ ފިޔަވަޅެއް ތަންފީޒުކުރާއިރު، ރައްޔިތުންނަށް ފުރިހަމަ ރައްކައުތެރިކަން ކަށަވަރުވެ ކުރާ މަސައްކަތަށް އިތުބާރު އޮންންޖެހެއެވެ. ކުރިންވެސް ދެންނެވި ފަދައިން މީހެއްގެ ލައިސެންސެއް ސަސްޕެންޑު ނުވަތަ ކެންސަލްކުރާއިރު އެކަން ކުރެވޭ ސަބަބު ސާފުކޮށްދެވެންޖެހެއެެވެ. ވީޑިއޯ ހެކި ވަގުތާއި ތާރީގު މިއީ އެންމެ ކުޑަ މިނުން ކުރެވިފައި ހުންނަންޖެހޭނެ އިދާރީ މަސައްކަތުގެ މިންގަނޑެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: