މާލެ ސަރަހައްދު ތޮއްޖެހެމުންދިއުން ހައްލުކުރުމުގެ ގޮތުން އެކި ސަރުކާރުތަކުން ކުރަމުން އަންނަ އެއް މަސައްކަތަކީ ޕާކުތައް ބިނާކުރުމެވެ. އެހެންނަމަވެސް މަގުތައް ފިތިބާރުވަނީ ކުޑަކުދިން ނުކުމެ އެނބުރޭތީ ނޫންކަމަށްވުމުން އެ ކުދިންނަށް އަދި ޕާކުތަކެއް އެޅިޔަސް މައްސަލައަށް އެއްވެސް ހައްލެއް ނާދެއެވެ. މަގުމަތީގައި ހަރަކާތްތެރިވަމުންދަނީ ހަރު އުމުރުތަކުގެ މީހުންނާއި ޒުވާނުންނެވެ. އެހެންކަމުން މި އުސޫލުން ޕާކުތަކެއް އަޅާ ނަމަ އަދި ޖާގަ ތަކެއް ބިނާކުރާ ނަމަ ކުރަންޖެހޭނީ އެ މީހުންނަށް އެތަންތަނުގައި ހަމަޖެހި ތިބެވޭނެ އިންތިޒާމެއްގެ މަތިންނެވެ. އެތަންތަނުގައި ނޭދެވޭ އަމަލުތައް ނުހިނގާކަން ކަށަވަރުކުރުމަކީ އަދި ވަކި ވާހަކައެކެވެ.
ކޮފީ ބުއިމަށް ހަރަދުކުރެވޭނީ ވަކި ވަރަކަށެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީޙުން އަދި ކިތަންމެ ސަޅި ހެދި އަޅިކަންމަތީ މަގުތައް މައްޗަށް ނުކުމެ އުޅުނަސް ތިބީ އަނގަޔާ އަތާ ދިމާނުވާ ހާލަތުގައެވެ. ދުއްވާ އުޅަނދުން ފެށިގެން އަތު އޮންނަ ފޯނު ގަތުމަށްވެސް ދިވެހި ގިނަ މީހުން ތިބީ ލޯނު ނަގައިގެންނެވެ. މިއީ ދިވެހި މުޖުތަމައުގެ މާލީ ހަގީގަތެވެ. އެހެންކަމުން ގޭތެރޭގައި ޓީވީ ބެލުން ނޫނީ ގޭމު ކުޅެލުން ނޫންކަމަކަށް ޖާގަ ނޯންނަ ކަމަށްވުމުން ކޮފީއެއް ބޯލަން ނުކުތުމަށްފަހު ދެން ބާކީ ވަގުތު ގިނަ މީހުން ހޭދަކުރަނީ މާލެއާއި ހުޅުމާލެ ދެމެދު ބުރުޖެހުމުގައެވެ. ބާރު ދުވެލިތަކުގައި އެ ތެޅެނީ އެއް ކޮފީއިން އަނެއް ކޮފީއަށެވެ. އެ ދެމެދު މަގުމަތީގައި އެނބުރިލަން ދުވާލަކަށް ތިރީހަކަށް ރުފިޔާގެ ޕެޓްރޯލްއިން ޗަލައެވެ. ޕާކުތަކުގެ މަތިން ގިނަ ހަރު އުމުރުފުރައިގެ މީހުން މިއަދު ހަނދާން ނެތިއްޖެއެވެ.
މާލެ ސަރަހައްދުގައި އުޅަނދެއްގައި އެނބުރެނީ ޕާކުތަކާއި މިފަދަ ހުސް ބިންތައް ބޭނުންކުރުމުގައި ޒުވާނުންނާއި ފުރާ އުމުރުތަކުގެ މީހުންނަށްވެސް ބައެއް ދަތިތައް ކުރިމަތިވެފައިވާކަމަށްވުމުންނެވެ. މިސާލަކަށް ބަލަންޏާ ހެންވޭރުގައި ހުންނަ އުސްފަސްގަނޑަކީ މީގެ ކުރިން އެކި އުމުރު ފުރައިގެ މީހުން ހަމަޖެހި ތިބެލުމަށް ބޭނުން ކުރަމުން އައިސްފައިވާ ތަނެކެވެ. ވަރަށް މަގުބޫލު ތަނެކެވެ. އެހެންނަމަވެސް މިއަދު ހަވީރު ދަޅައިގައިވެސް އެތަނުގައި މާ ވަރެއްގެ ހަރަކާތްތަކެއް ނުފެނެއެވެ. އެކި ސަބަބުތައް ހުންނާނެއެވެ.
އެހެން ނަމަވެސް އެންމެ މައި އެއް ސަބަބަށް ވާނީ އެތަނުގައި ތިއްބާ ފުލުހުން އައިސް ފޮނުވާލާފައިވުމެވެ. އެއް ފަހަރު ފޮނުވާލުމުން ދެވަނަ ދުވަހެއްގައިވެސް އެތަނަކަށް ގޮސްފާނެއެވެ. އެހެންނަމަވެސް ދެވަނަ ފަހަރަކަށްވެސް އެގޮތަށް ކަން ދިމާވުމުން ދެން އާންމު އާދައިގެ ރައްޔިތު މީހާއަށް އެތަނަށް ދިއުމަކީ ކުށަކަށް އަރައިގަތުމާއި އެއްފަދަ ކަމެއްގެ ގޮތުގައި ހީވާން ފަށާނެވެ. ބައެއް ހާލަތުގައި ތަކުރާރުކޮށް ފެނުމުން މައްސަލަތައްވެސް ފެންމަތިވެއެވެ. އެހެންކަމުން މިއަދު އެފަދަ ތަންތަން ގިނައިން އޮންނަނީ ހުސްއަށެވެ. އާންމުތަނެއްގައި ހަމަޖެހިގެން ނީނދެވޭނަމަ އަދި ގޭގައި ނޭވާލުމަށް ޖާގަ ނެތް ނަމައާއި ކޮފީއަކަށް ފަހު ކޮފީއެއް ބުއިމުގެ މާލީ ގާބިލުކަން ނެތް ނަމަ ހިތްހަމަޖެހިލުމަށް އެ މީހާ ދެން ދާނީ ބުރެއް ޖަހާލަންށެވެ. އެ މީހާއަކީ މާލީ ގޮތުން ތަނަވަސް މީހެއް ނޫން ނަމަ ގޮސް ކޮންމެވެސް ކަންމައްޗެއްގައި ކޮފީއެއް ބޯލަން މަޑުކޮށްލި ނަމަވެސް އަނެއްކާވެސް ދާނީ ބުރަކަށެވެ. ދަނޑާއި އެފަދަ ކުޅިވަރު ވަސީލަތްތައް އިންތިހާ ލިމިޓެޑެވެ.
ޕާކުތަކަކީ ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ތަންތަން ކަމަށްވުމުން އެތަނުގައި ޒުވާނުން ހާއްސަ ގޮތެއްގައި ފިރިހެނުން އެއްވެ އުޅޭނަމަ ފުލުހުން އައިސް ކަންކަން ބަލާލަން މަޑުކުރުން ނުވަތަ ގާތްވެލުން އެއީ އާންމުކޮށް ފެންނަ ކަމެކެވެ. ނޭދެވޭ އަމަލުތައް ހިންގާ މީހުން އުޅޭކަން ގަބޫލުކުރި ނަމަވެސް އެއްވެސް އެފަދަ ކަމެއްގައި ޝާމިލުނުވާ ރައްޔިތު މީހާއާއި މެދުވެސް އަމަލުކުރަނީ އެއް ގޮތަކަށެވެ. ބަލަނީ ޝައްކެއްގެ ނަޒަރުންނެވެ. އާންމު ރައްޔިތުން ފުލުހުންނަށް ގަދަރުވެސް ކުރެއެވެ. އެ ގަދަރާއި އެއްވަރަށް އުނިފޯރމު ދެކެ ޖެހިލުންވެސް ވެއެވެ. އެހެންކަމުން ބީޗެއް މަތީ އިނދެލުމަކީ މައްސަލައެއްކަމަށް ފުލުހުން އައިސް ޗެކު ކުރުމުން ނުވަތަ ސުވާލު ފައްޗެއް ކުރުމުން ޔަގީނުންވެސް ހީވެގެންދާނެއެވެ. އެއްވެސް ނޭދެވޭ އަމަލެއްގައި ޝާމިލުނުވާ މީހަކަށް މި މުއާމަލާތް ވާނީ ބިރުވެރި ހާދިސާއަކަށެވެ.
ޕާކެއްގައި އެކަނި އިޝީނދެލައިގެން އިނދާ އައިސް ކީއްކުރަނީތޯ އަހާފާނެއެވެ. އިނީކަމަށްބުނުމުން އިތުރު އެއްޗެކޭ ނުބުނި ނަމަވެސް އެ ތަނުން ގޮސްލުމަށްވެސް އެދިފައިވާ ފަހަރުތައް ގިނަ ދިވެހި ރައްޔިތުންނަށް ތަޖުރިބާ ކުރެވިފައިވާނެއެވެ. ބަޔަކަށް ޝައްކެއް ކުރެވުމަކީ މީހަކު ކުށެއް ކުރިކަމަށް ވުމެއް ނޫނެވެ. ހަމަ ތަނެއްގައި އިނުން ފިޔަވާ އެހެން އެއްވެސް ކަމެއް ފެންނަން ނެތީސް ޝައްކުވެސް ވެގެން ނުވާނެއެވެ. އެހިސާބުން ބައްޔަކަށް ފަރުވާކުރަން ލާޒިމެވެ. ދިވެހި ރައްޔިތުންނަށް އާންމު ތަންތަނުގައި ސަރުކާރުގެ އިދާރާތަކުގެ މުއައްޒަފުންގެ ފަރާތުން ހުރަސްތަކެއް ނުވަތަ އުނދަގުލެއް ނުޖެހި އުޅެވެންޖެއެހެވެ. މީހަކު ކުށެއް ކުރާތަން ފެނުމުން ފިޔަވަޅު އަޅަންވީއެވެ. އޭގެ ކުރިން ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއިއެކު އެއްވެސް އުނދަގުލެއް ހުރަހެއް ނެތި ރާއްޖޭގެ ބިމާއި ޖާގައިގެ ބޭނުން ގާނޫނުތަކާއި ހިލާފު ނުވާގޮތަށް ހިފެން ޖެހެއެވެ. މިއީ ދުނިޔޭގެ ތަހުޒީބު ހުރިހާ ޑިމޮކްރެސީއެއްގައިވެސް އަމަލުކުރާނެ ގޮތެވެ. ސަރުކާރުގެ މަސައްކަތްތަކަށް ކަނޑައެޅިފައިވާ ތަންތަން އަދި ސީދާ މަނާ ނުކުރާ ތަންތަން ފިޔަވާ ޕަބްލިކް ސަރަހައްދުތަކުގައި ގާނޫނާއި ހިލާފު ނުވެ ހަރަކާތްތެރިވުމުގެ ފުރިހަމަ ހައްގު ރައްޔިތުންނަށް ލިބިފައިވާނެއެވެ.
ތޮށިގަނޑު މަތީ އިސްތަށިގަނޑު ދިގުކޮށްފައި ހުރި ފިރިހެނަކު އިޝީނދެ އިން މަންޒަރު ފެނުމަކީ އެއްވެސް ހާލަތެއްގައި އެކަމާއިމެދު ޝައްކުގެ ނަޒަރުން ކޮންމެހެން ބަލަންޖެހޭ ސަބަބެއް ނޫނެވެ. އެ މީހާ ގޮސް އެތަނުގައި ހުރުމަކީ އާންމު އިޖްތިމާއީ އިގްތިސާދީ މަސައްކަތްތަކަށާއި މުޖުތަމައަށް އެކަމުގެ އަސަރެއް އުނދަަގުލެއް ނުފޯރާކަމެއް ނަމަ ސާފު ވައި ލިބިގަތުމުގައި އެއްވެސް މައްސަލައެއް އޮވެގެން ނުވާނެއެވެ. ކުށެއް ކުރާ ތަން ފެނުމުން ހުއްޓުވަންވީއެވެ. އަދި ތަނެއްގައި މީހަކު އިންތީ އެފަދަ ކަމެއް ފެނޭތޯ އެމީހެއްގެ ހަށިގަނޑުގައި އަތް އުނގުޅައި ޖީބަށާއި ތަންތަނަށް އަތް ބާނައި ހެދުމަކީ މިނިވަން ރައްޔިތުންނާއިމެދު އަމަލުކުރެވިދާނެ ގޮތެއް ތޯ އަމިއްލައަށްވެސް ވިސްނާލުމުން ސާފުވާނެއެވެ.
މިފަދަ ގޮތަށް މީހުން ޗެކު ކުރުމުގެ ތެރެއިން އެއްވެސް ނޭދެވޭ އަމަލެއް ނުވަތަ އެއްޗެއްވެސް ފެނިފައިނުވާ އެތައް ފުރުސަތެއް ފުލުހުންނަށް ރެކޯޑުކުރެވިފައިވާނެއެވެ. ޗެކު ކުރުމުން ފުލުހުންނަށް ތަރުހީބު ލިބޭ ނަމަވެސް އަދި ކޯޓާ ހަމަވާ ނަމަވެސް އެއްކަލަ މީހާގެ އަގު މުޖުތަމައުގައި އެ ވެއްޓުނީއެވެ. ވަށާ ބަލަން ތިބި އެންމެނަށްވެސް ހީވާނީ އެމީހަކު ކޮންމެވެސް ނުބައި ކަމެއް ކުރަން ހުރިހެންނެވެ. ހަމަ ފެންނަ އިރަށް އެމީހާ ހަމުގެ ކުލައާއި ލައިގެން ހުރި އަންނައުނަށް ބަލައި ކުށެއް ކުރާނެކަމަށް ބަލަން ވެއްޖެ ނަމަ ރައްޔިތުންގެ މިނިވަންކަމަށް އެކަމުގެ އަސަރު ފޯރާނެއެވެ. މިއީ ކޮންމެވެސް އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމެކެވެ. އާންމުނަށް މިފަދަ ދަތިތައް ކުރިމަތިވުމުން މުއައްސަސާއަށާއި މަސައްކަތްތަކަށް ކުރެވޭ އިތުބާރު ގެއްލިގެންދާނެއެވެ. މުއައްސަސާގެ މޫނުމަތި ހަޑިވެގެންދެއެވެ.
ހުޅުމާލެފަދަ ތަންތަނުގެ ބީޗުވެސް ހަމަ މިފަދައެެވެ. އެތައް ފަހަރެއްގެ މަތިން ފުލުހުން ގޮސް ހަރަކާތްތެރިވުމަށްފަހު ނައްޓާލާ މަންޒަރު ފެނިއްޖެއެވެ. ޒުވާނުންތަކެއް ޗެކުކޮށްލުމަށްފަހު އެ މީހުންގެ އެއްވެސް މީހަކު ހައްޔަރު ނުކުރި ނަމަވެސް އެ ސަރަހައްދުން ދިއުމަށް އެދުނު އަޑުވެސް އިވިއްޖެއެވެ. މައްސަލައެއް ނެތް ނަމަ ދާންވީ ކޮން ސަބަބަކާއި ގުޅިގެންތޯ ހިތަށް އަރައެވެ. ފަހެއްކަ ޒުވާނުން އެއްކޮށް ތިބުމަކީ އެބަޔަކު ގޭންގެއްހެން އޮޕަރޭޓުކޮށް ނޭދެވޭ އަމަލުތަކެއް ހިންގަމުންދާކަމަށް ބަލަންޖެހޭ ސަބަބެއްވެސް ނޫނެވެ. މިހެން ކަން ކުރުމުން ދެން އެ ބަޔަކު ދާނީ ކޮފީ ޝޮޕަކަށެވެ. ނުވަތަ އާންމުން އުޅޭ އެހެންތަނަކަށެވެ. ކުށް ކުރާ ބަޔަކު އެކަންކަން ކުރުމެއް ނުހުއްޓައެވެ. ރޭޓުތައް އަރައިގެންދާ މިންގަނޑަށް ބެލުމުން އެކަން ޔަގީންވެއެވެ.
އެކަހެރި ނުވެވޭ ހާލަތަށް ކަން ގެންދިއުމުން މިއަދު ބައެއް އަމަލުތައް އާންމުން ތިބޭ ތަންތަނުގައިވެސް ފެންނަން ފަށައިފިއެވެ. ޖާގަ ދޭކަށެއް ނުބުނަމެވެ. އެހެންނަމަވެސް ފިޔަވަޅުތައް އަޅަންވާނީ ނަތީޖާތަކާއިމެދުވެސް ވިސްނުމަަށް ފަހުކަން ގަބޫލުކުރެވެއެވެ. ކުށް ކުރާ ފަރާތްތައް ހުއްޓުވުމުގައި ފުލުހުން ފެއިލްވުމަކީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ދިވެހި އާންމު ރައްޔިތުންނަށް ލިއްބައިދީފައިވާ މިނިވަންކަމަށް ހުރަސް އަޅަންވީ ސަބަބެއް ނޫނެވެ.
ސިނގިރޭޓަކީ ރާއްޖޭގައި ބޭނުންކުރުން މަނާ އެއްޗެއް ނޫންކަމަށްވާއިރު އާންމު ތަންތަނުގައި އިސްތިއުމާލުކުރުންވަނީ މަނާކުރެވިފައެވެ. އެހެންނަމވަެސް މަގުމަތީ ބުއިމެއް ނުހުއްޓާއިރު މީހުންނާއި ދުރަށް ޖެހިލައި އެކަހެރިވެ މީހަކު ސިނގިރޭޓެއް އިސްތިއުމާލުކުރާ ނަމަ އެ މީހާއަކީ ނޭދެވޭ އަމަލެއް ހިންގަން އެކަހެރިވެ ހުރި މީހެއްގެ ގޮތުގައި މުޖުތަމައިން ދެކުމުގެ ފުރުސަތު އޮވެއެވެ. މިއީވެސް މައްސަލައެކެވެ. ޔަގީނުންވެސް މަގުމަތިން ދާ އެންމެންގެ މޫނަށް ދުން ބުރުވަން މީހަކު ހުރުމަށްވުރެ އެދެވިގެންވަނީ އެ މީހަކު އެކަހެރިވެ ހުރުމެވެ.
އެހެންކަމުން ޕާކުތަކެއް ހަދާ ނަމަ އެފަދަ ތަންތަނަކީ ރައްޔިތުންނަށް މިނިވަންކަމާއިއެކު ހަރަކާތްތެރިވެވޭވެ ތަންތަން ގޮތުގައި ހެދުން މުހިންމު އިރު އެ މިނިވަންކަމަކީ ގާނޫނުތަކާއި އެއްގޮތަށް ލިބިގަންނަމުންދާ އެއްޗެއްކަން ކަށަވަރުކުރުމަށް މަސައްކަތްތައް ކުރަންވީއެވެ. އެކަކު ގޮސް ތަނެއްގައި ނޭދެވޭ އަމަލެއް ހިންގުމަކީ އެހެން އެންމެންވެސް އެތަނުގައި ނޭދެވޭ އަމަލެއް ހިންގާނެކަމަށް ބެލެވޭ ސަބަބެއް ނޫނެވެ. މި އުސޫލުން ޗެކުކޮށް ހަދަންޏާ ހަމަ ކޮފީ ޝޮޕުތަކަށް ވަދެވެސް ކުރަންޖެހޭނެއެވެ. އެތަންތަނުގައިވެސް ފުލުހުން އެ ހޯދަމުންދާ ފަދަ އަމަލުތައް ހިންގަމުންދާކަމަކީ މިއަދު އާންމު މައުލޫމާތެވެ. މިއީވެސް މިއަދު ތޮއްޖެހުން އިތުރުވެ މާލޭގެ ޓްރެފިކް ބާރު ބޮޑުވުމަށް ދިމާވާނެ އެއް ސަބަބު ކަމަށް ފެނިގެންދެއެވެ.
ރާއްޖޭގައި ހިންގާ ނޭދެވޭ އަމަލުތައް ހުއްޓުވުމަކީ ވަކި މަސައްކަތެކެވެ. އެއް މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ސަބަބުން އަނެއް މައްސަލަ އުފެދި ބޮޑުވެގެން އަންނަ ނަމަ، ކުރެވެމުންންދާ މަސައްކަތްތަކުގެ މިސްރާބަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފެނިގެންދެއެވެ. އެހެންކަމުން ރާއްޖޭގައި ކުށްކުރުން ހުއްޓުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކަށްވެސް އިސްލާހުތައް ގެންނަން ޖެހިފައިވާއިރު ބިމުގެ ބޭނުން ހިފަމުންދާ ގޮތާއި އާންމު މުޖުތަމައުގެ ވިސްނުމަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭކަން ފެނިގެންދެއެވެ.

