ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ތަރައްގީ ކުރުން ރޭވިފައިވާތީ، އެ ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ޖެހިގެން އޮތް ހުސް ސަރަހައްދަށް ބަދަލުކުރަން އެޗްޑީސީއިން އަންގައިފިއެވެ.
އެޗްޑީސީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ސަރަހައްދުގެ ތަރައްގީގެ މަސައްކަތްތައް ކުރުމުގެ ގޮތުން ހުސްކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުން މިހާރު ގާއިމުކޮށްފައިވާ ހަޓު އަދި މުދާ ނަގާލުމުގެ ގޮތުން މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އެ ދުވަހުގެ ނިޔަލަށް އެތަނުގައި ތިބި ތަކެތި ބިމުގެ އިމުގެ ތެރެއިން ހުސްކޮށް އޮތް ސަރަހައްދަށް ބަދަލުކުރަން އެ ކުންފުނިންވަނީ އިރުޝާދު ދީފައެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން އެ ތަނުގައި އަމިއްލަ ފަރާތްތަކުން ހަޓްތަކެއް ހަދާފައިވަނީ ވިޔަފާރި ބޭނުމުގައި ނަމަވެސް އެތަނަކީ ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ތަނެއްކަމަށްވުމުން ވަސީލަތްތައް ގާއިމުވެފައިނުވާމަށްވުމުން ބައެއް ދަތިތައް ކުރިމަތިވެގެންދެއެވެ. އެހެންކަމުން އެ ކުންފުނިންދަނީ އެ ސަރަަހައްދު ތަރައްގީކޮށް ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތްކުރަމުންކަމަށާއި ތަރައްގީކޮށް ނިމުމުން ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިއަށް އަލުން ހުޅުވާލާނެކަމަށްވެސް ބުނެފައިވެއެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށްކަމަށްވެސް އެޗްޑީސީއިން ބުނެފައިވާއިރު މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކުރާކަމަށްވެސް ބުނެފައިވެއެވެ.

