ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އައްޔަން ކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ އިއްތިފާގުން ފާސްކޮށްފިއެވެ.
މުލިޔާގޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަކަށްފަހު ޕީއެންސީގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ރައީސް ޑރ މުއިއްޒުވަނީ މިއަދު ކުރިއަށް ގެންދިޔަ ބައްދަލަުވުމުގެ ތެރޭގައި މަޖިލީސްގެ ބައެއް މަގާމުތަކަށް އައްޔަނުކުރެއްވުމަށް ބޭނުންވާ ނަންތައް ހުށައަޅުއްވިއެވެ. އެގޮތުން ރައީސް ވަނީ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރުމަށާއި، ނައިބުރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އައްޔަން ކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތަށް ފާސްވީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތުފާގުން ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ޕީއެންސީއިން ބުނެފައިވާގޮތުން ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހު ހަމަޖައްސިއިރު ސީނީއަރ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ އައްޔަން ކޮށްފައެވެ.
ޑެޕިއުޓީ ޕީޖީންގެ މަގާމަށް އެމަނިކުފާނުވަނީ ވިލިނގިލި ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއިލް އާއި މަހިބަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ތާރިގުގެ އިތުރުން ހުޅުދޫ ދާއިރާއަށް އިންތިހާބުވެފައިވާ މެމްބަރު މުހައްމަދު ޝާހިދުވެސް ކަނޑައަޅުއްވާފައިކަމަށް ބުނެފައިވެއެވެ. އަދި މި ނަންތައްވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްވެފައިކަމަށްވެސް ބުނެފައިވެއެވެ.

