ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް މުއިއްޒު މި މެއިމަހު 27 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސް މުއިއްޒަކީ އ.ދ.އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއަރއެވެ.
ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ. ސިޑްސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޮރ އެކްޝަން އެޑޮޕްޓުކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް އެކަށައެޅުމެވެ.
ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ ”ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

