ހަރުދަނާ މާލީ ނަތީޖާ ހޯދުމުގެ ފަހަތުގައި ވަނީ ކަސްޓަމަރުން ބޭންކަށް ކުރައްވާ އިތުބާރު ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވަނީ ބޭންކުގެ ކާމިޔާބީއާމެދު ފަހުރުވެރިވާކަން ފާޅުކުރައްވާ، މި ކާމިޔާބީ އަށް ވާސިލްވުމަށް ކަސްޓަމަރުންނަށް ދޭ ހިދުމަތާއި، އިންފްރާސްޓްރަކްޗަރ، ޑިޖިޓަލް ސޮލިއުޝަންސް އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީ މުހިންމު ދައުރެއް އަދާކޮށްފައިވާކަން ހާމަކުރެއްވިއެވެ.
”2023 ވަނަ އަހަރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވޭ. މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދު. މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުން، އަދި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުން. އަޅުގަނޑުމެންގެ ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ. ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރާއެކު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި މިވަނީ މާކެޓްގެ %55 އިންސައްތައާއެކު އަޅުގަނޑުމެންގެ މަގާމު އިތުރަށް ވަރުގަދަވެފަ.“
ކަސްޓަމަރުން ފަސްނުޖެހި ބީއެމްއެލްއަށް ކުރައްވާ އިތުބާރަށް ޝުކުރުއަދާކުރައްވާ ކަމަށާއި އެ ކުންފުނީގެ ކާމިޔާބީގެ ބިންގަލަކީ ކަސްޓަމަރުން ދެއްވާ އެއްބާރުލުން ކަމަށް ސީއިއޯ ވިދާޅުވިއެވެ. އަދި ބޭންކުގެ މި ކާމިޔާބު ދަތުރުގައި ކަސްޓަމަރުން ތިއްބެވިކަމީ ބޭންކަށް ލިބޭ ޝަރަފެއް ކަމަށް ވިދާޅުވިއެވެ. ވީހާވެސް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބޭނެ ގޮތްތަކާއި ކަސްޓަމަރުން ހިދުމަތް ހޯއްދެވުމުގައި ކުރައްވާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް ބޭންކުން އިތުރަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވުއެވެ.
“ އެކުވެރި އަރަބި އިމާރާތުގެ ދިރުހަމް (އޭއީޑީ) އަދި ޗައިނީސް ޔުއާން އިން ކަސްޓަމަރުން މުއާމަލާތްކުރެވޭނެ ގޮތަށް ދާދިފަހުން އަޅުގަނޑުމެންގެ ސިސްޓަމްތައް ވަނީ ކޮންފިގްރޭޓް ކޮށްފައި. އަޅުގަނޑުމެންނަށް މިހާރު ރެންމިންބީ އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ރެންމިންބީ އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތްތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުންކުރެވޭނެ.“
ބޭންކުގެ ކުރިމަގާ ގުޅޭ ގޮތުން ކާރލް ވިދާޅުވީ ރާއްޖޭގައި އެންމެން ހިޔާރުކުރާ ބޭންކަށްވުމުގެ އަމާޒުގައި ވަރަށްވެސް ސާބިތުކަމާއެކު ތިއްބެވިކަމަށެވެ. ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާ ކަމަށް ސީއޯއޯ ވިދާޅުވިއެވެ.

