3 ފިޔަވައްސަކަށް ބަހާލައިގެން ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެމެރިިކާގެ ރައީސް ޖޯބައިޑެން ބާރު އަޅުއްވައިފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ބައިޑެންވަނީ ދާދި ފަހުން ތިން ފިޔަވައްސަކަށް ބަހާލައިގެން ރަހީނުން ދޫކުރުމަށް ޕްލޭނެއްގެ ތަފްސީލުތައް ހިއްސާކޮށްފައިކަމަށެވެ. އަދި އެއީ މީގެ ކުރިން އިސްރާއީލުން ހަމާސް އަށް ހުށައަޅާފައިވާ ޑީލެއްކަމަށާއި އެކަމުގެ ސަބަބުން 8 މަސް ދުވަހަަށް ދިގު ދެމުމާއި ގާތުގައިވާ ހަނގުރާމަ ނިމުމަކަށް އަންނާނެކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
ބައިޑެން ވިދާޅުވީ، އޮކްޓޯބަރު 7 ވަނަ ދުވަހު ފެށިގެން އައިއިރު ދީފައިވާ ވަރުގެ ހަމަލާއެއް ދިނުމުގެ ގާބިލުކަން މިހާރު ހަމާސްގެ ކިބައިގައި ނެތްކަމަށެވެ. އެހެންކަމުން ދެ ފަރާތުންވެސް އެއްބަސްވުމަކަށް އައިސް ހަމަލާތައް ހުއްޓާލާ މީހުން ދޫކޮށްލުމަށްވެސް ގޮވާލެއްވިކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. އަދި އޭނާ ވަނީ އެ އެއްބަސްވުމަކީ ދެމެހެއްޓިނިވި ގޮތެއްގެ މަތިން އަމަންކަން ގާއިމުކުރުމަށާއި ހަމަލާ ބަދަލުކުރުންތައް ހުއްޓާލެވިފައި އޮތުމަށް ފަހިވެގެންދާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށްވެސް މައުލޫމާތު ދެއްވާފައިވެއެވެ.
އޭނާ ވިދާޅުވީ، ހުށައެޅުންތަކުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް 6 ހަފްތާއަށް ދެމިގެންދާނެކަމަށެވެ. އަދި އެ ފިޔަވަހީގައި އެއްކޮށް ހަމަލާތައް ހުއްޓާލުމާއި އިސްރާއީލުގެ ސިފައިން ޣައްޒާގައި ބައިބޯ ސަރަހައްދުތަކުން ބޭލުން ހިމެނޭނެކަމަށެވެ. އަދި ގިނަ އަދަދެއްގެ ރަހީނުން ދޫކޮށްލުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ދެވަނަ ފިޔަވަހީގައި ފިރިހެން ސިފައިންވެސް ހިމެނޭހެން ހުރިހާ ހައްޔަރުކުރެވިފައިވާ ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލައި އިސްރާއީލުން ގައްޒާއިން ފައިބާނެކަމަށާއި ހަމާސްއިން އެއްބަސްވުމާއި ހިލާފު ހިނދު ހަމަލާ ބަދަލުކުރުން ހުއްޓާލައިފައި އޮތުން ދެމެހެއްޓިގެންދާނެކަމަށްވެސް ބުނެފައިވާއިރު މިއީ އެ ގައުމުން ފަލަސްތީނާއިމެދު އަމަލުކުރަމުންދާ އަނިޔާވެރި ގޮތްތައްވެސް ނިމިގެންދާނެ ކަމެއްކަމަށް ބައިޑެންވަނީ އިސްރާއީލުން ބުނެފައިވާކަމަށްވެސ އަލިއަޅުއްވާފައެވެ.
އޭނާ ވިދާޅުވީ، ތިން ވަނަ ފިޔަވަހީގެ ދަށުން ޣައްޒާގެ މަރާމާތުގެ މަސައްކަތްތައް ކުރެވެގެންދާނެކަމަށާއި އެތަނުގައި އެތައް އަހަރެއް ވަންދެން ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަންޖެހޭނެކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި މުޅި އެ ސަރަހައްދުވަނީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިކަމަށްވެސް އިޝާރާތްކޮށްފައިވެއެވެ.

