އަންނަ އަހަރުގެ ލޯ ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް މިހާރަށް ވުރެ އިތުރު ކުރުމަށްޓަކައި ކުރިއާލައި ތައްޔާރުވަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ޓުއަރިޒަމް މިނިސްޓަރ ފައިސަލްވަނީ ވެލާނާ އެއަރޕޯޓުގެ އައު ޕެސެންޖާރ ޓާރމިނަލް ހުޅުވުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. އެގޮތުން އެކަމަކީ މިވަގުތު އެ މިނިސްޓްރީއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަސައްކަތްތައްކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ބޭނުންވަނީ މި އަހަރުގެ ތެރޭގައި އެކަން ކޮށް ނިންމާލެވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެ ޓާމިނަލް ހުޅުވާލެވުމުން އަހަރެއްގެ މައްޗަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށާއި އެހެންކަމުން އެ މަސައްކަތްތައް ނިނުމުން އިތުރު އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފައްޓާނެކަމަށެވެ. ފައިސަލް ވިދާޅުވީ އެމްއޭސީއެލްއިންދަނީ އެ މަސައްކަތްތައް ފަހިކުރުމުގެ ގޮތުން ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެމްއޭސީއެލްއާއިއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އެ ކުންފުނިން ލީޑުކުރާ ގޮތަށް އެއަރލައިންތަކާއިއެކު ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާނެކަމަށާއި އެހެންކަމުން އެ މަަސައްކަތްތައް މެދުވެރިކޮށް ރާއްޖެއަށް އައު އެއަރލައިންތަކުން ދަތުރުތައް ފެއްޓުމަށް ފަހިވެގެންދާނެކަމަށް ހިއްސާކުރެއްވިއެވެ.
މޭ މަހާއި ނޮވެމްބަރު މަހާއި ދެމެދަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންގަނޑުތައް ދަށަށްދާ ދުވަސްވަރު، ”ލޯ ސީސަން“ ކަމަށް މިނިސްޓަރ އަލިއެޅުއްވިއެވެ. ފައިސަލް ވިދާޅުވީ، މި ދުވަސްވަރުގައި ރާއްޖެއަށް ފަތުރުވެރިން އައުން މަދުވުމުން ގެސްޓްހައުސްތަކާއި ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވެގެންދާ މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް އޮތް އަހަރުގެ މި ސީސަންއަށް ތައްޔާރުވަމުންދާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އިންޑިއާގެ މާކެޓުން ފަތުރުވެރިން ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރާނެކަމަށާއި ޗައިނާގެ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދުތައް ގިނަ ކުރުމަށްވެސް މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ޓްރެޑިޝަނަލް މާކެޓުތަކުގައިވެސް މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވިއިރު، ރަޝިއާ މާކެޓުން އަންނަ ފަތުރުވެރިން ހަރަދުކުރާ މިންގަނޑުތައް މަތި ކަމަށްވުމުން އެ ގައުމަށް ހާއްސަ ކޮށްގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް މާކެޓިން މަސައްކަތްތަކެއް ކުރިއަށް އޮތް ދުަވަސްތަކުގައި ކުރެވިގެންދާނެކަމަށް ހާމަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ޓީމެއްގެ ގޮތުގައި ރައީސް ޑރ މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ލިބިގެންދާނެކަމަށެވެ.

