ސުވާލު އުފެދޭ ހާލަތެއްގަ މަރެއް ކުރިމަތިވެއްޖެނަމަ އެ މަރުގެ ސަބަބުތައް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ދައުލަތުން ހަދަން ޖެހޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި މިދިޔަ ހުކުރު ދުވަހު މަރުވި ށ. ފުނަދޫ، ޒަމާނީ ވިލާ، މުހައްމަދު ޖަމީލު، 45އ ގެ މަރުގެ މައްސަލައިގައި ހުރި ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު، އިބްރާހިމް ނާޒިލް ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް އަނިޔާ ހުއްޓުވުމުގެ ގާނޫނާ، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އެނގިވަޑަގަންނަވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެ ބައްދަލުވުމުގައި އެ ޕާޓީން ބުނީ، ސަރުކާރުން މިފަދަ ކަންކަމުގަ އަމަލުކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް އަމަލު ކުރުމުގެ ބަދަލުގައި، އޭގެ ބޭރުން ކަންކަން ކުރަން އުޅޭތަން ފެންނަމުން ދާ ކަމަށެވެ.
މިސާލަކަށް ޕޯސްޓްމޯޓަމް ހެދުމާ މިކަންކަމަކީ މިކަންކަމުގެ ތެރޭގަ، ވަކި މީހަކު ބޭނުންވާ ގޮތަކަށް ކަންކަން ކުރިޔަ ނުދިނުމަށްޓަކައި ނުވަތަ ގޯހުން ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި ގާނޫނުގެ ދަށުން ވަކި ގަވާއިދުތަކެއް ހެދި، ވަރަށް ތަފްސީލުކޮށް އެ ޕްރޮސީޖާތައް ލިޔެވި، ކަނޑައެޅިފަ ހުރި ކަންކަން.
އެ ބައްދަލުވުމުގައި ވާހަގަދައްކަވަމުން މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން ވެސް ވަކި ގަވާއިދެއް ހެދިފައިވާ ކަމަށެވެ. އެ ގަވާއިދުގަ ވަރަށް ސާފުކޮށް ޕޯސްޓްމޯޓަމް ހަދަންޖެހޭ މައްސަލަތައް އެބައޮތް ކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ އޭގެ މާނަޔަކީ ވަކި ހޯމް މިނިސްޓަރަށް ހުންނަވާ ބޭފުޅަކު ނިންމެވެޔަސް ނުނިންމެވިޔަސް ކުއްލި މަރެއް ނުވަތަ ސުވާލު އުފެދޭ މަރުތައް އަދި ޖިނާއީ މައްސަލަތުގަ މަރުވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް އެގްޒަމިނޭޝަނެއް ހަދަން އިޖުރާއަތުތަކެއް އެބަހުރި ކަމަށެވެ.
އެކަމުގަ ޕޯސްޓްމޯޓަމް އަށް ހުއްދަ ދޭ ފަރާތަކީ ތަހުގީގުކުރާ ޔުނިޓުގެ ވެރިޔާ ކަމަށް ގަވާއިދުގަ ވަރަށް ސާފުކޮށް ކަނޑައަޅާފަ އެބައޮތް ކަމަށާ އެހެންކަމުން މިކަމަކީ އިއްޔެ ހޯމް މިނިސްޓަރު ނިންމެވި ކަމެއް ނޫން ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އަދި އެއީ މީގެ ދެއަހަރު ކުރިން ކަނޑައަޅާ އާންމުކޮށް އަމަލުކުރަން ފަށާފައިވާ ގަވާއިދެއްގަ ބަޔާންކޮށްފައިވާ އިޖުރާއަތުތަކެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
ޖަމީލް ނިޔާވި ޖަލުގައި ލިބުނު އަނިޔާތަކަށް އެއްވެސް ފަރުވާއެއް ނުލިބިކަމަށް އަޑުފެތުރުނު ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ފުލުހުންނާއި ކަރެކްޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އޭނާ ބަންދުކޮށްފައިވާ ގޮޅީގެ ސީސީޓީވީ ފުޓޭޖު އާންމުކޮށްފަ އެވެ. ހިނެވުމުގެ ތެރޭގައި ނަގާފައިވާ ޖަމީލްގެ ހަށިގަނޑުގެ ފޮޓޯތަކާއި، ކަފުންކޮށްފައި ވަނިކޮށް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ގައިގައި ނޫފައިގެންފައި ހުރިހެން ހީވާ ލަކުނުތަކެއް ހުއްޓެވެ.
މި މައްސަލައިގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައީޑް އިންވެސްޓިގޭޝަން ޔުނިޓް ހެޑް އިންސްޕެކްޓަރ އޮފް ޕޮލސް އަހުމަދު ސާމިހު ވިދާޅުވީ ޖަމީލުގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ އިންސާނެއްގެ މަރަށް ފަހު އަންނަ ބަދަލުތަކެއްގެ ސަބަބުން ހަށިގަނޑުން ފެންނަން ހުރި ނިޝާންތައް ކަމަށެވެ.
ސާމިހު ވިދާޅުވީ، އެއީ ނިޔާވި ވަގުތު ހަށިގަނޑު އޮތް ގޮތުން ހުރި ނިޝާންތަކެއްކަމަށް ބެލެވޭ ކަމަށެވެ. ސާމިހު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ ޖަމީލު ނިޔާވިތާ ގިނަ އިރުތަކެއްވުމަށްފަހު އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު އާއިލާ އާއި ހަވާލުވިފަހުން ސަހަރާގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.
ފޮޓޯތައް ދައުރުކުރަން ފެށުމާއެކު އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި އެމުއައްސަސާއާ މެދު ޝައްކު އުފެއްދުމަށް ޖާގަ ނުދިނުމުގެ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށް އޮޓޮޕްސީއަށް ހުއްދައަށް އެދުނީކަމަށް ސާމިހު ވިދާޅުވި އެވެ.

