ޕީއެންސީގެ ޕޯޑިއަމްގައި ތަފާތު ވާހަކަތަކެއް ދެއްކުމުން ސަރުކާރުގެ މާލިއްޔަތަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ފައްޔާޒް ވިދާޅުވީ 186 ރަށުގެ އެވްރެޖްކޮށް ފަސް ކައުންސިލަރު ކަމަށް ބަލައިފިނަމަ މުސާރައަކީ ގާތް ގަނޑަކަށް 100 މިލިއަން ނުވަތަ 120 މިލިއަން ކަމަށެވެ.
ދައުލަތުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެއްކޮށްލީމާ 200 ނުވަތަ 300 މިލިއަނަށް އަރާކަން އެނގެވަޑައިގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ވަޒީފާ ތަކުގެ ތެރެއިން ލިބޭ އާމްދަނީ އަކީ ރަށްރަށުގެ އިގްތިސާދަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމެއް ކަމަށެވެ. ފައްޔާޒް ވިދާޅުވީ ސަރުކާރަށް ސިޔާސީ މަގާމުތަކަކީ ކިހާވަރެއްކަން ނޭންގޭކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަކަމަށް ބުނެ 700 ގައި ހިފަހައްޓާނެ ކަމަށް މި ސަރުކާރުން ވިދާޅުވެފައިވާ ކަމަށެވެ.
”މިހާރުވެސް އަޅުގަނޑު ހުވާކޮށްފައި ދަންނަވަން ކެރިދާނެ 1500 އަށްވުރެ ހަމަ ޔަގީނުންވެސް އިނގިގެން ސިޔާސީ މަގާމުތައް އިތުރުކަން. އަޅުގަނޑުމެންނަށް އެކިގޮތް ގޮތުންވެސް އަޑު އިވޭ ނުވަތަ ލަފާ ކުުރެވޭ ގޮތްގޮތަށް ބަލާ ކަމުގައި ވާނަމަ 200 ވުރެ އެބަ އިތުރުވޭ“
ފައްޔާޒް ވިދާޅުވީ ރަށްރަށުގައި ތިބި އާންމު ރައްޔިތުން ތަކަކަށް އެ ބަދަލު ގެނައުމުގެ ކުރިއަށް ސިޔާސީ މަގާމުތަކުގެ ވާހަކަ ދައްކަވަން ޖެހޭ ކަމަށެވެ. ސަރުކާރުން ސިޔާސީ މަގާމުތައް ދަށްކޮށްގެން ވަކި ވަރަކަށް ފައިސާ ކަނޑާލި ކަމަށް ވިދާޅުވާން ޖެހޭ ކަމަށާއި ރައްޔިތުންނަށް އަސަރުކުރާ ހިސާބަށް ދާނީ އޭގެ ފަހުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ގައުުމު ބަނގުރޫޓު ވަނީތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން ކެނޑިނޭޅި ދަރަނީގެ ވާހަކަ ދައްކަވާ ކަމަށާއި އެހެންނަމަވެސް އެވާހަކަ ޖެހިގެން އަންނަ ދުވަހު ބަދަލުވާތަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެކަމުން ދޭހަ ވެގެން ދަނީ އިހުލާސްތެރިކަމެއް ނެތްތަން ކަމަށާއި އަދި ކަންކުރުމުގެ ގާބިލް ކަންވެސް ނެތްތަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ދައުލަތުގެ ވެރިން ދަރަނީގެ ވާހަކަތަކެއް އެފަދަގޮތްތަކަށް ސިޔާސީ ބޭނުމަށް ނުދައްކަވާނެ ކަމަށެވެ. އޭގެ ސަބަބުން ރަނގަޅަށް އޮތް އެއްޗެއްވެސް ހަލާކުވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
”މުޅި އިގްތިސާދަކީ ވަރަށް ބޮޑަށް އިގްތިސާދުގެ ކުރިއެރުމާއި ހަލާކުވުމަށް ވަރަށް ބޮޑަށް ޑިޓާމައިން ވާނެ މީހުން އެކަން ދެކޭ ގޮތް. މިސާލަކަށް ކިތަންމެ ރަންގަޅުކޮށް އޮތް ކަމެއް ވިއަސް ހާއްސަކޮށް އިގްތިސާދީ ކަންކަމުގައި ވަރަށް ގޯސް ކޮށް ކަންކަމާއ ދޭތެރޭ ދެކެންޏާމު އެކަމެއް ހަލާކުވުމުގެ ފުރުސަތު ބޮޑުވާނެ. އެއީ މީހުން ކުރަން ވިސްނާފައި ހުރި ކަންތައްތައް އިންވެސްޓަރުން އިންވެސްޓު ކުރުން މަދުކޮށްލުން، ހަރަދުކުރުން ކުޑަކޮށްލުން“
ފައްޔާޒް ވިދާޅުވީ ހާލަތު ގޯސް ނަމަ ރައްޔިތުން އެކަމަށްތަކައި ފިޔަވަޅު އަޅަން ފުރުސަތު ލިބެންޖެހޭ ކަމަށާއި އޭގެތެރޭގައި ހަރަދު ކުޑަކޮށް ދިރިއުޅުން ބައްޓަން ކުރުން ހިމެނޭ ކަމަށެވެ.

