”ގެދޮރުވެރި ކޮމިޓީ“ ގެ ނަމުގައި ބޯހިޔާވަހިކަމުގެ ކަންކަމަށް ހާއްސަކޮށްގެން މުޅިން އަލަށް މަޖިލީހުގައި ދާއިމީ ކޮމިޓީއެއް އުފައްދައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ކޮމިޓީ އުފެއްދެވިކަން އިއުލާން ކުރައްވާފަ އެވެ. އަދި މަޖިލީހުގެ މިއަދުގެ ވޯޓު ގަޑީގައި އެ ކޮމިޓީގެ މެންބަރުންގެ އަދަދާއި އައްޔަން ކުރާނެ މެންބަރުންގެ ނަންތައް ވަނީ ފާސްކޮށްފައެވެ.
އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކޮށް، މައްސަލަތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގޫޅޭ ގޮތުން ސަރުކާރަށް ލަފާ ދިނުމާ، ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެކަން ފާހަގަކޮށް މަޖިލީހަށް ހުށަހެޅުމުގެ އިތުރުން ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުން ހިމެނެއެވެ.
މީގެ ކުރިން ބޯހިޔާވަހިކަމާ ގުޅޭ ކަންކަމުގެ މެންޑޭޓް އޮންނަނީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގައެވެ

