ވިނަރެސް ފްލެޓްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް ބުނެ ލިންކުތަކެއް ފޮނުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ވިނަރެސް ފްލެޓްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލާފައިވާ ކަމަށާ އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް ބުނެ ލިންކަކާއެކު ފޮނުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ. އަދި މި ލިންކު މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް ފްރެންޑް ލިސްޓުގައިވާ މީހުންގެ އަތުން ފައިސާ ހޯދަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފަހަކަށް އައިސް އެކި ގޮތްގޮތުން އޮޅުވާލައިގެން، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފައިސާތައް ފޭރޭ މައްސަލައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެކަމާ ގުޅިގެން ދާދިފަހުން ފުލުހުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު އެ ބައްދަލުވުމުގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވެފައި ވަނީ މިއަހަރުގެ މިހާތަނަށް ސްކޭމްގެ އެކި މައްސަލަތަކުގައި 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓު ފްރީޒްކޮށް ބްލޮކް ކުރިކަމަށެވެ. އަދި 70 އަށް ވުރެ ގިނަ ވެބް ލިންކް ބްލޮކްކޮށް، 279 ސިމްކާޑު ވަނީ ބާތިލުކޮށްފައެވެ. އޭގެ އިތުރުން ބްލޮކް ކުރި ޑިވައިސް ނެޓްވޯކްތަކުގެ އަދަދު 782 އަށް އަރައެވެ.
ސްކޭމްގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މަރިޔަމް ވިދާޅުވި ގޮތުގައި 156 މައްސަލައެކެވެ. އޭގެ ތެރެއިން ގިނަ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ވަނީ ފަށާފައެވެ.
މީގެއިތުރުން މަރިޔަމް ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި، ފުލުހަށް 2023 ވަނަ އަހަރު ޖުމްލަ އެއްކުރުމުން 20 މިލިއަން ރުފިޔާ ހިމެނޭ 1،661 މައްސަލައެއް ރިޕޯޓު ކުރިކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ލިބުނު މައްސަލަތަކުގެ އަދަދު 1،302 އަށް އަރާކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، މަރިޔަމް ވަނީ ސްކޭމްކޮށް ކުށް ހިންގާ މީހުން އަތުލައިގަތުމަށް ގާއިމު ކުރި އެންޓި ސްކޭމް ސެންޓަރުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. މި ސެންޓަރު ގާއިމުވުމުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް ހުށަހެޅޭ ސްކޭމްތަކުގެ ހުރިހާ މައްސަލައަކަށް ވެސް ރެސްޕޮންސް ދޭނީ އެ ސެންޓަރުންނެވެ. މަރިޔަމް ވިދާޅުވި ގޮތުގައި، ސެންޓަރު ގާއިމު ކުރުމަށް ކުރިޔަށް ގެންދިޔަ ދިރާސާތަކުގައި ދުނިޔޭގެ އެކި ގައުމުތަކުން އަމަލު ކުރަމުންދާ މޮޑެލްތައް ބަލާފައިވެއެވެ.

