ރާއްޖޭގައި ގާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އަޅަން ހިންގަމުން އަންނަ އޮޕަރޭޝަނުގައި، ފުޅާދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ތަނަކުން އިތުރު ހަތަރު ބިދޭސީއަކު ރޭ ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީ ކުރަމުން ދިޔަ ތަނެއްގެ މައުލޫމާތު އިމިގްރޭޝަނަށް ލިބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ހުށަހެޅޭ ގޮތަށް އިމިގްރޭޝަނުން ތައާރަފް ކުރި ”އިމިގްރޭޝަން ވޮޗް“ މެދުވެރިކޮށް ކަމަށެވެ. އެ ތަން ބަލައި ފާސްކޮށް އެ މަސައްކަތުގައި ހަރަކާތްތެރިވި ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ފާއިތުވި ހަތް މަސް ތެރޭގައި 2000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. މިގޮތަށް ހިފަހައްޓާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދޭން އިމިގްރޭޝަނުން ވަނީ ނިންމައިފައެވެ.
”އިމިގްރޭޝަން ވޮޗް“ އަކީ އިމިގްރޭޝަނާއި ގުޅޭ މައްސަލަތައް 24 ގަޑީއިރުގެތެރޭގައި އިމިގްރޭޝަނަށް ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

