ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަން ގެ ހުޅަނގުފަރާތު ދޮރުގެ ލައިޓް ތަޅާލިކަމަށް ތުހުމަތު ކުރެވޭ މީހަކު ރޭ 04:15 އެހާކަންހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެކަމުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކ. މާލެ، ހ. ހެމަވަތި، ޒައިދާން މުހައްމަދު ޒާހިރު ކަމަށެވެ. ފުލުހުން ބުނީ ޒައިދާން މުހައްމަދު ޒާހިރަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން އޭނާގެ ސައިކަލު ފުލުހުން ޓޯ ކުރުމުން ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެއް ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސް ބަލާފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓު އޭނާ ލައިގެން ހުރި ޖިިންސުގެ ޖީބުން ފެނިފައިވާ ކަމަށާ ޒައިދާން ޕޮލިސް ސްޓޭޝަން ގެއްލުންދިން މައްސަލައާ މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މިފަހުން ވެސް ޕޮލިސް ސްޓޭޝަނަކަށް ގެއްލުންދިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ އިތުރުން ފުލުހުންގެ ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައެއް ވެސް ތަހުގީގު ކޮށްފައިވެއެވެ.

