ޓްރާންސްޕޯޓު އޮތޯރިޓީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންތަކެއް ކަނޑާލުމަށް މަސައްކަތް ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހްއަށް ސިޓީއެއް ފޮނުވައިފިއެވެ.
ސަންގަށް ވެސް ކޮޕީ ލިބިފައިވާ އެ ސިޓީއަކީ ފަސް ސޮފުހާގެ ސިޓީއެކެވެ. އަދި ތަނުގެ ތެރޭގައި ހިނގަމުން އަންނަ ބައެއް ކަންތަކާއި ގުޅޭގޮތުން ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ރައީސް ސޯލިހްއާއި ބައްދަލު ކުރުމަށް އެދި ފޮނުވާފައިވާ އެ ޕެޓިޝަންގައި ބުނެފައިވަނީ މުވައްޒަފުންތަކެއް ވަޒީފާއިން ކަނޑާލަން އުޅޭކަމުގެ މައުލޫމާތު ލިބުނީ ޖުލައި މަހުގެ 8 ވަަނަ ދުވަހު ކަމަށެވެ. އެ މައުލޫމާތު ލިބުމާއި އެކު އޮފީހުގެ މާހައުލު އެކީ ބަދަލުވެ، މުވައްޒަފުންގެ އިހުސާސްތައް ހިއްސާ ކުރަން ފެށިކަމަށާއި އެ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ ބެލުމަށް ކުރި މަސައްކަތުން އެނގުނީ މުވައްޒަފުންގެ ހާޒިރީ ނަގާ، އެހެނިހެން މައުލޫމާތުތައް ވެސް އެއްކޮށްފައިވާ ކަމެވެ.
ނަމަވެސް، އޭރު އޮފީސްތެރޭ ދެކެވޭ ވާހަކަތަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނުމުން އެ ވާހަކައާއި މެދު މާގިނަ ވާހަކަތަކެއް ދައްކާފައި ނުވާކަމަށެވެ. ނަމަވެސް، ސެޕްޓެމްބަރު 18 ގައި ރާއްޖޭގެ ޓީވީ ސްޓޭޝަނަކާއި، އޮންލައިން ނޫހަކުން މުވައްޒަފުންތަކެއް ވަކިކުރަން އުޅޭކަމުގެ ހަބަރުތައް ފެތުރިގެން ދިޔަކަމަށް ސިޓީގައި ބުނެފައިވެއެވެ. އެކަމުގެ ސަބަބުން އަނެއްކާވެސް އޮފީހުގެ މާހައުލު ގޯސްވެގެން ދިޔަކަމަށާއި އެކަމުގެ މައުލޫމާތު އެ އޮތޯރިޓީގެ ސިވިލް ސާވިސް މަގާމުގައި ތިބި ފަރާތްތަކާއި ހިއްސާ ކުރުމުން “އެއީ އެމީހުންނަށް އެނގިފައިވާ ކަމެއް ނޫން” ކަމަށް ބުނެފައިވާ ކަމަށެވެ. މުވައްޒަފުން ކުރި މައްސަައްކަތްތަކުގެ ތެރެއިން، ތަނުގެ ޕާމެނެންޓު ސެކޭޓްރީ އެއީ “އަސްލު ވާހަކައެއް” ކަމަށް ބުނެއިވާކަމަށް ސިޓީގައި ވެއެވެ.
ސިޓީގައި މުވައްޒަފުން ވަކިކޮށްފާނެކަމަށް ބެލެވޭ، ސިވިލް ސާވިސް ގަވައިދުގެ ނުކުތާތައް ވެސް ފާހަގަކޮށްފައިވެއެވެ. އެއީ ކުށުގެ ދަރަޖަތައް ކަނޑައެޅުމުވެ. ފާއިތުވެ ދިޔަ ހަތަރު ފަސް އަހަރު މުވައްޒަފުންގެ އެޕްރައިސަލް ފުރިހަމަކޮށްފައި ނުވުމާއި އެކު މުވައްޒަފުންނަށް ހާއްސަކޮށް އެއްވެސް ޕްރޮގްރާމެއް ހިންގިފައި ނުވާކަމަށް ސިޓީގައި ވެއެވެ. މީގެ އިތުރުން، އެ ސިޓީގައި ވަަނީ 2018 ވަނަ އަހަރުގެ ރޯދަ މަސްތެރޭގައި ކުރިޔަށް ގެންދިޔަ “އެއްލަކިން ލައިސަންސް” ޕްރޮގްރާމަށް މުވައްޒަފުންލައްވާ ރެއާއި ދުވާލު މައްސައްކަތް ކުރުވާފައިވާކަމަށް ބުނެފައެވެ. އެގޮތުން، ދަންވަރު 3-4 ޖަހާފަހުން މަސައްކަތް ނިންމައި ޖެހިގެން އަންނަ ދުވަހު ރަސްމީ ގަޑިއަށް ކޮންމެ މުވައްޒަފަކުވެސް މަަސައްކަތަށް ހާޒިރުވެފައިވާނެކަން ސިޓީގައި ވަނީ ބަޔަންކޮށްފައެވެ. އަދި އެކަން އެގޮތަށް 2 މަހެއް ހާ ދުވަސްވަންދެން ދެމިގެން ދިޔަކަމަށް ރައީސްއަށް އެޑްރެސްކޮށް މުވައްޒަފުން ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ރައީސް ސާލިހް ވެެރިކަމަށް ވަޑައިގެންނެވުމަށް ވީ ބޮޑު ވައުދެއް ފުއްދުމަށް ވެސް ހަމަ އެ މުވައްޒަފުން މަސައްކަތް ކުރީ އުފަލާއި އެކު އެއްވެސް ވަރުބަލި ކަމެއް ނެތިކަމަށް ސިޓީގައި ފާހަގަކުރިއެވެ. އެގޮތުން ހެލްމެޓު ޕްރޮގްރާމްގެ ދަށުން ހުކުރެއް، ހޮނިހިރެއް ނެތި މަސައްކަތްކޮށް އާއިލާއަށް ވެސް ވަގުތު ދެވިފައި ނުވާކަމަށް ބުނެފައިވެއެވެ.
މުވައްޒަފުން ގަޑިއާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު އިތުރު ގަޑީގެ އުޖޫރަ ނުލިބޭ ކަމަށާއި، އެހެން ނަމަވެސް އެއްވެސް މަސައްކަތެއް ޑިއުޓީއިން ބޭރު ކުރުމަށް ޝަކުވާއެއްކޮށްފައި ނުވާނެކަމަށް ބުނެފައިވެއެވެ.
މަސައްކަތް ކުރަމުންދާ އިމާރާތަކީ، ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ އިމާރާތަކަށްވާއިރު ތަނުގެ ސާފުތާހިރުކަން އެކަމުގެ ސަބަބުން ގާއިމްވެފައި ނުވާކަމަށް ވަނީ ބުނެފައެވެ.
މުވައްޒިފުން ސޮއި ކޮށްފައިވާ ސިޓީގައި ބުނެފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލު ކުރައްވާ، އޮތޯރިޓީގެ މަސައްކަތްތަކަށް ދަތިވި ނަމަވެސް އަދި މަސައްކަތްތައް ހުއްޓުމަކަށް އައި ނަމަވެސް މުވައްޒިފުންނަށް ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެ އޮތޯރިޓީގައި މަސައްކަތް ކުރާ 48 މުވައްޒިފަކު ސޮއިކޮށްފައިވާ ޕެޓިޝަނަކާއެކު ހިމެނޭ ސިޓީގައި ވަނީ މުވައްޒިފުންތަކެއް އެގޮތަށް ކަނޑާލުމަށް ފުރުސަތު ނުދެއްވުމަށް އެދި ޝަކުވާތަކުގެ އަޑުއެއްސެވުމަށް ރައީސަށް ދަންނަވާ ކަމަށް ލިޔެފައި ވެއެވެ.
މި ކަމާ ގުޅިގެން ޓްރާންސްޕޯޓުގެ ޕާމެނެންޓް ސެކެޓްރީއަށް ގުޅުމުން ވިދާޅުވީ، “ތިއީ ތިމަންނާއަށް އެނގޭކަމެއް ނޫން” ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން، މުވައްޒަފުންތަކެއް ކަނޑާލަން އުޅޭ ވާހަކައެއް މުވައްޒަފުންތެރޭ ދެކެވެން ފެށުމުގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ސްޓާފް މީޓިންއެއް ބާއްވާފައިވެއެވެ. އެގޮތުން، އެ ބައްދަލުވުމުގައި، އެކަމަނާ މަސައްކަތް ކުރައްވަނީ މުސާރައަކަށް ނޫން ކަމަށާއި 65،000 ރުފިޔާއަށް ނުލިބުނަސް އުޅޭނީ ތަނަވަސް ދިރިއުޅުމެއްގައިކަމަށް ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުންވެސް ހަ ކުދިން ދޫކޮށް ޓްރާންޕޯޓާއި ހަވާލުވީ ރައްޔިތުންނަށްޓަކައި ކަން ފާހަގަކުރައްވައި، ޝަކުވާއެއްކޮށްގެން ވާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.
ނަން ހާމަކުރަން ބޭނުންނުވާ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފެއް ބުނީ ތަނުގެ ތެރޭގައި ހިނގަމުންދާ ގޯސް ކަންތަކުގެ ވާހަކަ މިނިސްޓަރާއި ބައްދަލުކޮށް ބައެއް މީހުން ހިއްސާކޮށްފައިވާކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިތީ އިން މައުލޫމާތު ދިން މުވައްޒަފުން ބުނާ ގޮތުގައި މުވައްޒަފުންނާއި ހޮނިހިރު ދުވަހު އެ މީހުން ކަނޑާލިކަމުގެ ލިޔުން ހަވާލު ކުރާނެއެވެ.
ރައީސް ސާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަގުސަދެއްގައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ވައުދު އެތައް ފަހަރަކު ތަކުރާރު ކުރެއްވުމަށް ފަހުއެވެ. ނަމަވެސް ފާއިތުވި ދިހަ ވަރަކަށް މަސް ދުވަސް ތެރޭގައި ސަރުކާރުގެ އެތައް މުވައްޒަފުންނެއް ވަޒީފާ އިން ވަކިކޮށްފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
4 Responses
Kandaalan ulhuneema petition husha elhiyas nuvaane. Gadi ah office ah haaziru nuvumaa license vihkumuge amalu hingaameehun thithaa ginavegen ulhenee. Ebayaku beyrukuran ulheythee dhahkaavaahaka thee. Transport
Kandaalan ulhuneema petition husha elhiyas nuvaane. Gadi ah office ah haaziru nuvumaa license vihkumuge amalu hingaameehun thithaa ginavegen ulhenee. Ebayaku beyrukuran ulheythee dhahkaavaahaka thee. Transport
ހަމަ ކަނޑަންވީ… ކޮރަޕްޝަންގެ ހާއްޔެއްތިޔައީ…އައިޝާ ހަމަ ހަބޭސް..
މިނިސްޓަރެއްގެ ފަރާތުން ފެންނަންޖެހޭ ތެދުވެރިކަން މި ފެންނަނީ. އަޅުގަނޑުގެ ދުޢާ އަކީ މި ސަރުކާރުގެ ހުރިހާ މިނިސްޓްރީ އަކާއި ޙަވާލުވެގެންތިއްބެވި ބޭފުޅުންވެސް މިކަހަލަ ޒިއްމާދާރުކަން ދެއްކުން. އަޅުގަނޑު ފަޚުރުވެރިވަން މިނިސްޓަރ ނަހުލާ އަށް