މި ސަރުކާރު ވެރިކަމަށް އައި ހަތަރު ލީޑަރުންނާއި އެކު ވީ އެއްބަސްވުމުގެ މަތީން ކަމަށާއި، ކޯލިޝަން ސަރުކާރެއް އިދިކޮޅު ޕީޕީއެމް ޕީއެންސީ ޝިއާރުތަކަށް އަމަލު ކުރާކަށް ނުޖެހޭނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ، އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނައި، ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އުވާލުމަށް އިދިކޮޅު ފަރާތްތަކާއި އާއްމުން ގޮވާލަމުންދާ ދަނިވަޅެއްގައެވެ.
ަރައިސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނިކުތީ ތިން ބަޔަކާއި އެކު އެއްބައިވަންތަކަމުގެ ސަރުކާރެއް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ކަމަށެވެ. އަދި ސަރުކާރުން ދީނީ ކަންކަމުގައި ހިޔާލު ހޯދާނީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ފަރާތުން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގައި ދީނީ ކަންކަން ގެންދާނެ ގޮތަކީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ހުށަހެޅުމަށް ކަމަށް އެމްޑީޕީން ގަބޫލު ކުރާ ކަމަށެވެ. އެހެން ކަމުން އޭގައި 2015 ަވަނަ އަހަރު ނެރެފައިވާ ރިޕޯޓަކަށް ނުވަތަ ޕީޕީއެމް، ޕީއެންސީގެ ޝިއާރުތަކަކަށް އަމަލު ކުރާކަށް ނުޖެހޭ ކަމަށެވެ.
https://twitter.com/MohamedNasheed/status/1188078239547183105?ref_src=twsrc%5Etfw%7Ctwcamp%5Etweetembed&ref_url=https%3A%2F%2Fsun.mv%2F126374
އެމްޑީއެން ރިޕޯޓާއި ގުޅިގެން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ނެރުނު ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓް ނެރުމާ ގުޅިގެން އެ ރިޕޯޓްގައި ހުރި ދިނާއި ހިލާފު ބަހުރުވަ މި ސަރުކާރުގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ކުށްވެރިކޮށްފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި އޮތް އަސްލު އަސާސީ ވާހަކަ ގެއްލިދާ ކަމަށާއި ރިޕޯޓު މިހާރު ބޭނުން ކުރެވެނީ ސަރުކާރަށް ހަމަލާ ދެވޭނެ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ.
އެމްޑީއެންއިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން މީސް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެމްޑީއެން ކުށްވެރި ކުރުމުގެ ބަދަލުގައި އެމްޑީޕީން ނެރުނު ބަޔާނުގައި މުޅިންވެސް ވަނީ ރިޕޯޓުގައިވާ “ކަންކަން” ކުށްވެރިކޮށްފައެވެ. އެމްޑީޕީން ބުނެފައިވަނީ، އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއްނޫން ކަމަށް ބުނެ އެމްޑީޕީން ވަނީ އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ޕާޓީން ކުށްވެރި ކުރާކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެމްޑީއެން އާއިމެދު ފިޔަވަޅު އެޅުމާއި ޖަމްއިއްޔާ ބަންދުކުރުމާއި މެދު އެމްޑީޕީއިން އެއްޗެއް ބުނެފައެއް ނުވެއެވެ. އެމްޑީޕީން ބުނެފައިވަނީ ގާނޫނު އަސާސީން ލިބިފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ އިސްލާމްދީނުގެ އަސާސްތަކަށް ފުށުނާރާ ގޮތަކަށް ކަމަށެވެ.