ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަންގެ މަސައްކަތް ނުނިމެނީސް، ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން އުޅޭތީ ހަސަން ލަތީފްގެ ރައްދެއް ރައީސްއަށް!

ކޮމިޝަންގެ މަސައްކަތް ނުނިމެނީސް، ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން އުޅޭތީ ހަސަން ލަތީފްގެ ރައްދެއް ރައީސްއަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ފުރިހަމަކަމެއް ނުލިބެނީސް، ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރާ ސަބަބާއި މެދު އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސުވާލު އުފައްދަވައިފިއެވެ.

އުއްތަމަ ފަނޑިޔާރަކަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ހުސްނުއް ސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަން ކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފޮނުއްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި ބަދަލާއި އެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރަކު ތިއްބަވަން ޖެހޭނެއެވެ. މީގެ ކުރިން ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ. ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަނީ އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. އަދި އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދު ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. އެއަށްފަހު ސުލޫކީ މައްސަލައެއް ބަލަމުން ގެންދަނިކޮށް އަބްދުﷲ އަރީފް ވަނީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޢަނީ ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން އިއުލާނުކޮށް މިހާރު ވަނީ ކޮމީޓީއަށް ފޮނުވާފައެވެ. އެހެން ކަމުން މިވަގުތު ސުޕްރީމް ކޯޓުގައި ޢަނީ ނުހިމަނާ ތިއްބެވީ ތިން ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓު މިވަގުތު ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތްއިރު ކޯޓު ހިންގެވުމާއި ހަވާލުވެހުންނެވީ މިފަހުން ކޯޓަށް އައްޔަން ކުރި ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރުންގެ ލަފައަކަށް އެދި ޖޭއެސްސީއަށް ފޮނުވާފައިވާ ނަންތައް ހާމަކުރައްވާފައިވަނީ ރައީސް ސޯލިހްއެވެ. ރައީސް ސޯލިހް ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވާ ހަސަން ލަތީފް ވިދާޅުވީ މަރުތަކާއި ބެހޭ ކޮމިޝަންގެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އެހެން ކަމުން، ކޮމިޝަންގެ މަސައްކަތްތައް ނުނިމެނީސް ސުއޫދު ސުޕްރީމް ކޯޓު ބެންޗަށް ގެނެސްގެން، ތަހުގީގުތައް ފުރިހަމަ ކުރާނެ ގޮތާއި ގުޅޭގޮތުން ހަސަން ލަތީފް ސުވާލު އުފެއްދެވިއެވެ.

“ޔާ ރައްބީ. ރައީސް، މަރުތަކާއި ބެހޭ ކޮމިޝަންގެ މަސައްކަތްތައް ނުނިމެނީސް ކޮމިޝަންގެ ރައީސް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީމަ ކިހިނެއްތޯ، ކޮމިޝަންގެ މަސައްކަތްތަކަށް ދެން ވާނީ؟.” ރައީސް ސޯލިހްގެ ޓްވީޓަށް ކޮމެންޓު ކުރައްވާ ހަސަން ލަތީފް ވިދާޅުވިއެވެ.

https://twitter.com/HassanLatheef/status/1200371382229450752

ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި މެދު، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑީއާގައި ނުރުހުން ފާޅު ކުރަމުންނެވެ. ކޮމިޝަންގެ މަސައްކަތްތައް ނުނިމި ހުރިމާއި އެކި، އޭނާއަކީ މިހާރު ސިޔާސީ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މިދިޔަ ޖުލައި މަހުގެ 13 ގައި ބޭއްވި ބާކައުންސިލްގެ އިންތިހާބުގައި ކައުންސިލްގެ ރައީސްކަމަށް ވެސް ސުއޫދު ވާދަ ކުރެއްވިއެވެ. އެހެން ނަމަވެސް، އެ މަގާމު ދިފާއު ކުރައްވާފައިވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދުއެވެ.

އިންތިހާބަށް ނަން ތަރުތީބު ކުރުން އޮތް ދުވަހު “ސަންގު” އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވީ ޖުލައި 31 ގައި ކޮމިޝަންގެ މަސައްކަތްތައް ނިމޭނެ ކަމަށެވެ. އަދި ރައީސްއަށް ރިޕޯޓުތައް ފޮނުވުމަށްފަހު ކޮމިޝަން އުވާލެވޭނެ ކަމަށެވެ.

ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: