ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮފިސަރުންނަށް ބަންދު މީހުން ހަމަލާދިނީ ޖަލު ބެލެހެއްޓުން ވަރުގަދަ ކުރުމުން: މުނާޒް

މިޝަނާރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީ ޖަލުގައި ތިން ދުވަސްވަންދެން ބަންދު މީހުން އޮފިސަރުންގެ ގަޔަަށް މިރުސް ފެނާއި ކާއެއްޗެހިން ޖެހި ކަމަށާއި ރިމާންޑުގައި ތިބި މީހުން ހަމަނުޖެހުން އުފެއްދީ ޖަލު ބެލެހެއްޓުމާއި ސެކިއުރީޓީ ވަރުގަދަ ކުރުމުން ކަމަށް ކޮމިޝަނާރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖަލުގައި ގައިދީންނަށް އަނިޔާ ކުރާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަސާސީ ހައްގުތަކުން މަހުރޫމް ކުރާ މައްސަލައިގައި ގައިދީން ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ރަނގަޅު ބޭސްފަރުވާއެއް ފޯރުކޮށްދީފައިނުވާކަމަށް ބައެއް ގައިދީން ވަނީ ބުނެފައެވެ. މައްސަލަ ބަލާ ނިމެންދެން ބަންދުކޮށްފައި ބަހައްޓާފައިވާ މީހުންގެ މައްސަލަތައް ކުރިޔަށް ނުދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. ގައިދީންނަށް އަނިޔާ ކުރާ މައްސަލައިގައި، ކަރެކްސްޝަންސް އިން ބުނެފައިވަނީ އޮފިސަރުންނަށް އަނިޔާ ކުރަނީ ގައިދީން ކަމަށެވެ.

ގައިދީންނަށް އަނިޔާކޮށް ޕެޕާ ސްޕްރޭ ޖަހާ އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި “ސަންގު” އިން ވަނީ މުނާޒް އާއި ބައްދަލު ކޮށްފައެވެ.

މުނާޒް ވިދާޅުވީ ބަންދުގައި ތިބި މީހުންގެ ފަރާތުން މައްސަލަތައް އަންނަން ފެށީ ކުއްލިގޮތަކަށް ކަމަށެވެ. ދައްކަންޖެހޭ ސްޕެޝަލިސްޓުންނަށް ދެއްކުމުގައި ދަތިތަކެއް ހުރި ނަމަވެސް، ބަންދުގައި ތިބޭ މީހުންނާއި ގައިދީންނަށް ބޭސްފަރުވާ ފޯރުކޮށްދޭކަން މުނާޒް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ބޭސްފަރުވާގެ ދަށުން ބޭސްދޭން ޖެހޭ މީހުންނަށް އާދައިގެ މަތީން ޖަލުގެ ނަރުހުން ދިޔައީ ބޭސްދޭން ކަމަށް މުނާޒް ވިދާޅުވިއެވެ. އެހެން ނަމަވެސް، ހުކުރު ދުވަހުގެ މެންދުރު ވަގުތު ނަރުހުން ގޮޅިއަށް ވަނުމާއި އެކު މޫނަށް ޖެހީ ގިތެޔޮ މިރުސް ފެން ކަމަށް އޭނާ ވިދާޅުވިއެވެ.

ހެނދުނުގެ އެވަގުތުގައި މިރުސް ލިބޭނެ އެއްވެސް ގޮތެއް ނެތުމާއި އެކު، އެއީ ކުރިޔާލާއި ތައްޔާރުވެގެން ހިންގި އަމަލެއްކަމަށް މުނާޒް ވިދާޅުވިއެވެ. މުނާޒް ވިދާޅުވީ، މިރުސް އެމީހުންނަށް ލިބޭނީ ކެއުމުގެ ވަގުތުތަކުގައި ކަމަށެވެ. އެހެން ކަމުން، އެއީ ކާން ގެނައި މިރުސް އެއްކޮށްގެން އެމީހުން ހިންގި އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޮފިސަރުންގެ ގަޔަށް ފެންޖެހުމާއި، މިރުސް ޖެހުން ނުވަތަ ކާއެއްޗެހިން ޖެހުމަކީ އާއްމުކޮށް ހިނގާ ކަމެއްގެ ގޮތުގައި މުނާޒް ވިދާޅުވިއެވެ.

މުނާޒް ވިދާޅުވީ، އެއީ އާއްމުކޮށް ވެސް ހިންގާ އަމަލެއް ކަމަށް ވުމުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. އަދި ޖަލު ރިހެބިލިޓޭޓު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ގައިދީންނަށް ގަދަ ބާރު ދެއްކުން ފަދަ އެއްވެސް ކަމެއް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. ހުކުރު ދުވަަހުގެ ހެނދުނު މިރުސް ފެންޖެހުމުން އެކަމާ މާބޮޑު ސަމާލުކަމެއް ނުދީ ތިއްބާ އެ ދުވަހު ދެތިން ފަހަރަށް އެ އަމަލު ހިންގި ކަމަށް މުނާޒް ވިދާޅުވިއެވެ.

މާފުށީ ޖަލުގެ ތެރެއިން އާއްމުވި ވީޑިއޯގެ ސްކްރީންޝޮޓެއް

އެއާއި އެކު، އެ ދުވަހު ހަވީރު ވަގުތު އެހެން ގޮޅިތަކުން ވެސް ކުށްލިގޮތަކަށް ކާއެއްޗެހި ޖަހަން ފެށީ ކަމަށް މުނާޒް ވިދާޅުވިއެވެ. އެއް ގޮޅިއަކަށް ވުރެ ގިނަ ގޮޅިން މިރުސް ފެންޖެހުމުން އެކަމުގައި ގޯހެއް ވާކަމަށް ގަބޫލު ކުރެވުނު ކަމަށް މުނާޒް ވިދާޅުވިއެވެ. އެގޮތުން، ޖަލުގެ ރިމާންޑު ގޮޅީގައި ހިނގިކަމެއް ބެލުމަށްފަހު ނޫނީ ގޮޅިއަށް ވަދެ އެތަކެތި އަތުނުލުމަށް ނިންމީކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މުނާޒް ވިދާޅުވީ، އެއީ ހަމަނުޖެހުން ހިނގާ އޮފިސަރުން ގޮޅިއަށް ވެއްދުމަށް ހިންގި އަމަލެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. އެހެން ނޫނަމަ ކުށްލިގޮތަކަށް ކާއްޗެހި އުކުމާއި މިރުސް ފެން ޖަހަންވީ ސަބަބެއް ނެތް ކަމަށެވެ. މިވީ ދުވަސްތަކުގައި ހިނގާފައި ނުވާކަންތަކެއް ހިނގަން ފެށުމުން އެކަމުގެ ހަގީގަތް ބެލި ކަމަށް މުނާޒް ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ، މި އަހަރު ފެށުމާއި އެކު ޖަލު ބެލެހެއްޓުން ހަރުދަނާކޮށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އޮފިސަރުންގެ ފިޒިކަލީ ބޭނުންކޮށް މަސައްކަތްތައް ހަރުދަނާ ކުރުމާއި އެކު، ޖަލަށް ވަގަށް އެއްޗެހި ވެއްދުމަށް ކުރާ މަސައްކަތުގެ މަގުތައް ހަނިވެގެން ދިޔައީ ކަމަށް މުނާޒް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އަތުގައި ނެތް އެއާޕޯޓުގައި ގެންގުޅޭ ކަހަލަ ސްކޭނަރެއް. މި އަހަރު ކިރިޔާ މެޓަލް ޑިޓެކްޓަރެއް މި ލިބުނީ. އެހެން ވީމާ އިކުއިޕްމެންޓު ބޭނުން ކުރެވޭކަަށް ނެތް. އަޅުގަނޑުމެންގެ އަތަކު ފޯނު ޖޭމަރެއް ނެތް. މިދިޔަ އަހަރު ގެނައި އެކަތި، އޭތި ނެތް ވާހަކައެއް ނޫން. އެހެން ނަމަވެސް މުޅި ޖަލު ކަވަރެއް ނުކުރާނެ އޭގެއިންނެއް. އެހެންވީމަ މި ވާގޮތަކީ ފިޒިކަލް ސެކިއުރިޓީ ވަރުގަދަ ކުރުމުން އެމީހުންނަށް އެއްކަލަ ޖަލަށް އެއްޗެހި ވެއްދުމުގެ ބައި އެބަ ތާށިވޭ. ވައްދާފައި މިއޮންނަ ފޯނު ޗާޖު ކުރެވޭނެ ގޮތް އެބަތާށިވޭ. ދެން މައްސަލަޖެހިގެން މިއުޅެނީ ރިމާންޑު ބަންދުގައި ތިބޭ މީހުންގެ ގޮޅީގައި” މުނާޒް

މުނާޒް ވިދާޅުވީ ގޮޅީގެ ތެރެއިން ކަރަންޓު ނެގޭނެ ގޮތެއް ނުހުންނާނެ ކަމަށެވެ. ކަރަންޓު ނެގޭނީ ކޮރިޑޯއިން ކަމަށާއި، އެހެން ނަމަވެސް ގައިދީންނަށް ކޮރިޑޯއާއި ހަމަަށް ނުދެވޭނެ ކަމަށެވެ. އެހެން ކަމުން، ކޮންމެވެސް މީހެއް ނުވަތަ ބަޔަކު އެހީތެރިކަން ފޯރުކޮށްދެނީ ކަމަށް އޭނާ ވިދާޅުވިއެވެ.

މުނާޒް ވިދާޅުވީ، އެކަން ހިނގާގޮތް ވެސް ބެލި ކަމަށާއި، ގޮޅިތަކަށް ކާއެއްޗެހި މުސާރަ ހިނގާގޮތަށް ގެންދަނީ ގައިދީން ކަމަށެވެ. އެހެން ނަމަވެސް، އެ މީހުންގެ ބައިވެރިވުން އެކަމުގައި އެކުލެވޭތީ ފަހުން އޮފިސަރެއް އެމީހުންނާއި އެކީ ދާން ފެށިކަމަށް ވިދާޅުވިއެވެ.

މުނާޒް ވިދާޅުވީ، އެހެން ކަމުން ފޯނު ޗާޖަށް ޖެހުމަށް ހުރަސްތަކެއް ދިމާވާނެ ކަމަށެވެ. އެހެން ނަމަވެސް ޖަލުގެ ތެރެއިން ވެސް ބައެއް އޮފިސަރުން އެކަމުގައި ބައިވެރިވާ ކަމުގެ ތުހުމަތުތަކެއް ކުރެވޭއިރު، އެފަދަ މައްސަލައެއްގައި ދެ މީހަކު ވަޒީފާއިން ވަކި ކުރިކަމަށް ވެސް މުނާޒް ވިދާޅުވިއެވެ. މުނާޒް ވިދާޅުވީ މިހާރު އެފަދަ އެހީތެރިކަން ދޭ މީހުން މަދުވާނެ ކަމަށެވެ.

މައްސަލަ ބެލި ބެލުމުން އެނގިގެން ދިޔައީ، ޖަލުގެ ސެކިއުރިޓީ ވަރުގަދަކުރުމުން އެ މީހުން ހަމަނުޖެހުން ހިންގުމަށް ނިންމީ ކަމަށެވެ. މުނާޒް ވިދާޅުވީމ ރިމާންޑުގައި ތިން އަހަރު ވެފައިވާ މީހުންވެސް އެބަތިބި ކަމަށެވެ. އާއިލާއާއި ވަކިން އުޅޭއިރު އެފަދަ ކަންކަން ދިމާވާނެ ކަން ގަބޫލު ކުރާކަމަށް މުނާޒް ވިދާޅުވިއެވެ.

އިތުރަށް މުނާޒް ވިދާޅުވީ، ހުކުރު ދުވަހުން ފެށިގެން އެމީހުން ކުރަމުން އައި ކަންކަަމަށް އެހާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. އެއީ އެމީހުން ބޭނުންވާ ފުރުސަތު ނުދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއަށްފަހު ބަންދުގައި ތިބި މީހުން ޑިމާންޑުތަކެއް ކުރަން ފެށީ ކަމަށް މުނާޒް ވިދާޅުވިއެެވެ. އެގޮތުން ބޭސްފަރުވާއަށް ޑިމާންޑުކުރުމާއި، ސްޕެލިސްޓުންނަށް ދެއްކުމަށް އެދުނު ކަމަށެވެ.

މުނާޒް ވިދާޅުވީ ބޭސްފަރުވާގެ ކަންތަކެއް ދިމާވާކަން އޭނާ ގަބޫލު ކުރާކަމަށެވެ. އެކަން ހައްލު ކުރުމަށް މާފުށީ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އެއާއި އެކު އައިޖީއެމްއެޗްއިން ސްޕެޝިއަލިސްޓުންނަށް ދޫކުރާ ނަންބަރުތަކުން އެއް ނަންބަރު އަބަދުވެސް ކަރެސްކްޝަންއަށް ދޫކުރާކަމަށް މުނާޒް ވިދާޅުވިއެވެ.

“ގިނައިން މިތިބެނީ މަސްތުވާތަކެތީގެ މައްސަލައިގެ ކުދިން. ދެން، އެ ބޭނުންނުކޮށް ދުވަސްވީމަ އެކުދިންގެ އަނގައިގަ އާއި ދަތުގަ ރިއްސާނެ. ދެން އެ ކުދިން ބޭނުންވާނެ ޑެންޓިސްޓަކަށް ދައްކަން. އެތަނުގައި ގޮޅީގައި ތިބެންޖެހޭ އަދަދަށް ވުރެ ގިނަ މީހުން އެތަބިތި، އެެހެންވީމަ ހަމުގެ މައްސަލަވެސް އެބަދިމާވޭ” މުނާޒް

މުނާޒް ވިދާޅުވީ، ގޮޅިތައް އިތުރު ކުރަންޖެހިފައިވާ ކަމަށެވެ. މީގެ ކުރިން ޖަލުތަކާއި އެއްވެސް ވަރަކަށް އަޅާލެވިފައި ނެތް އިރު، ދެ މީހުންގެ ޖާގައިގެ ތަންތަނަށް ހަތަރު މީހުންވެސް ލާފައިވާ ކަމަށެވެ. ނަމަވެސް، އެ ގޮޅިތަކުން އެ މީހުން މަދުކޮށް ގެންދާނެ ވަކި އިތުރުތަނެއް ވެސް ނެތް ކަމަށެވެ.

ޖަލުގައި ދިމާވާ އެކި ކަންތަކަށް މުނާޒް ވިދާޅުވީ، އެއް ގައިދީއަކު އަނެއް ގައިދީއަކަށް ހަމަނުޖެހުން ހިންގުންވެސް ހިމެނޭ ކަމަށެވެ. އެހެން ކަމުން އެއް ގޮޅިއަކާއި އަނެއް ގޮޅީގެ މީހުން އެއްފަހާރާ އިރުގެ އަލިކަމަށް ދޫނުކުރެވޭ ކަމަށެވެ. ޖަލުގައި ހުރި ގިނަ މައްސަލަތަކާއި ގުޅޭގޮތުން މުނާޒް ވާހަކަ ދެއްކެވިއެވެ. އަދި އިސްލާހު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކަރެކްޝަންސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަލުގައި ހަމަނުޖެހުން ހިންގާފައިވަނީ ރިމާންޑުގައި ތިބި މީހުން ކަމަށެވެ. އަދި އެ މީހުންގެ ޝަކުވާއަކަށްވީ ތަހުގީގުގެ ބަންދު މުއްދަތު ދިގުލައިގެންދިއުމާއި ބޭސް ފަރުވާގެ އިންތިޒާމްތައް އެ އެދޭގޮތަށް ފުރިހަމަކޮށް ނުދިނުން ކަމަށެވެ. އެއީ ކަރެކްޝަންސްގެ ވެސް ކަބްބޮޑުވުމެއްގެ ގޮތުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: