ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕް ކުރުން: އިންސާނުން ޖަނަވާރުންގެ ދަރަޖައަށް ދިޔައިމަ ލިބެންޖެހޭ ހައްގެއް ނޯންނާނެ!

ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރުން: އިންސާނުން ޖަނަވާރުންގެ ދަރަޖައަށް ދިޔައިމަ ލިބެންޖެހޭ ހައްޔެއް ނޯންނާނެ! - ފޮޓޯ: މޮމްސް ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަތަރު، ފަސް ދުވަހު މުޅި ގައުމު މިއޮތީ ޝޮކެއްގެ ތެރޭގައެވެ. ކުޑަ ކުދިންނަށް ކުރާ، ޖިންސީ އަނިޔާގެ މައްސަލަތަކާއި އެކު ފެންމަތިވެގެން މި އަންނަނީ ހިތް ފަޅައިގެން ދާ ވަރުގެ ވާހަކަތެކެވެ. ބޮޑެތި މުސްކުޅި ފިރިހެނުން އުމުރުން ޅަ ކުދިންގެ މުޅި މުސްތަގުބަލު ދުއްވާލަނީއެވެ. އެ މީހުންގެ އެދުން ފުއްދުމުގެ ބޭނުމުގައެވެ. މިއީ އަލަށް ދައްކަން ޖެހުނު ވާހަކައެއް ނޫނެވެ. ޒަމާނުއްސުރެން ފެށިގެން އައިސް މި ކަންތައް ވެފައި އޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. އާއިލާގެ ބޮޑު ސިއްރުގެ ގޮތުގައެވެ. ކުއްޖާގެ އަބުރާއި، އިއްޒަތާއި އެ މައުސޫމު ކަމަށް ވުރެ އާއިލާއިން އިސްކުރަނީ، އެ އާއިލާގެ އަބުރެވެ. މި ހުންނަނީ ކަންބޮޑުވާންޖެހޭ ފަދަ މައްސަލަތަކެވެ.

ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޮނާކޮށް އުމުރުން ދުވަސް ވީ ދެ މީހަކު އެ ކުއްޖާ ރޭޕް ކުރި ވާހަކަ އަޑުއިވުނު މީހަކުވެސް ހިތް ކުދިކުދި ވާނެއެވެ. އުމުރުން ދުވަސްވީ މީހުންނަކީ މުޖްތަމައުގެ ތެރޭގައި ގަދަރުދެވިގެންވާ ބަޔަކަށް ވާއިރު، މިއަދު މަގުމަތީން ދާ އުމުރުން ދުވަސްވީ މީހަކާއި ދިމާއަށް ނަޒަރު ހިންގާލެވެނީ މުޅިން އެހެން ކަހަލަ ގޮތަކަށެވެ. އެއް ގޮތަކަށް ވެސް އެންމެންގެ ވާހަކައެއް ނޫންވެ. އެހެން ނަމަވެސް، “ޕީޑިއޯައިލްސް” ގެ އެތައް ވާހަކައެއް މުޖްތަމައުގެ ތެރޭގައި ދެކެވޭއިރު އެ ލިސްޓުގައި ތިބި އުމުރުން ދުވަސްވީ މީހުން މަދެއް ނޫނެވެ. މި ވާހަކަތައް މި ދައްކަނީ ސަބަބުތަކާއި ހެދިއެވެ. ނޫސްވެރިންގެ ޕްރެޝަރާއި ގުޅިގެން އެންމެފަހުން ފުލުހުން ބުނީ ކުއްޖާގެ މުނި ކާފަ ދޫކޮށްފައި ހުރީ “އުމުރަށް ރިޔާއަތް” ކުރުމަށްފަހުގައި ކަމަށެވެ.

ޖިންސީ ގޯނާގެ ކުށެއް ކުރާ މީހާއަކީ ކާކުތޯ، ކޮން އުމުރެއްގެ މީހެއްތޯ ބަލާނެ ކަމެއް ނެތެވެ. ބަލަން ނުވެސް ޖެހޭނެއެެވެ. އެއީ އިސްލާމީ ޝަރީއްޔާ ވެސް ދަންނަ ކަމަެއް ނޫނެވެ. އިސްލާމީ ޝަރީއްޔާ ގާއިމް ކުރުމުގައި ބަލަން ޖެހޭ ހަމައެކަނި އުމަރަކީ ބާލިޢުނުވާ ކުޑަކުދިންގެ އުމުރެވެ. އެ ނޫން އުމުރެއްގެ ބަޔަކު ކުށެއް ކޮށްފިނަމަ އުމުރަކަށް ބަލާކަށް ނުޖެހޭނެއެވެ. ދޭންވީ އެންމެ ހަރުކަށި އަދަބެވެ.

މާތްﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނެއްގައި ވެއެވެ. “ﷲ އާއި، އެކަލާންގެ ރަސޫލާއާއި ހަނގުރާމަކޮށް އުޅޭ މީހުންނާއި ބިމުގައި ފަސާދަ ކުރުމަށް މަސައްކަތްކޮށް އުޅޭ މީހުންގެ ޖަޒާއެއް ކަމުގައި ވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ ސޮލީބަށް އެރުވުމެވެ. ނުވަތަ ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. އެބަހީ- ކަނާއަތާއި، ވައަށް ފައި ނުވަތަ ވައަތާއި، ކަނާއަތް ފައި ބުރި ކުރުމެވެ. ނުވަތަ ރަށުން ފޮނުވާލުމެވެ. އެއީ، އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާހިރަތުގައި އެއުރެންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ”. މިއީ ﷲ ގެ ވަހީގެ ބަސްފުޅެވެ.

މީގެން ސާފުވެގެންދާ ކަމަކީ މާތް ﷲ އިންސާނުން އުޅެން އަންގާފައިވާ ގޮތާއި ހިލާފަށް އިންސާނުން އެ މީހުންގެ އިމުން ބޭރުއްވެއްޖަނަމަ އެ މީހުންނަށް ދިރިހުރުމުގެ ހައްގު ލިބިގެން ނުވާ ކަމެވެ. މާތް ﷲ އާއި އެކަލާންގެ ރަސޫލާ އަންގަވާފައިވާ ގޮތާއި ހިލާފަށް ބިމުގައި ފަސާދަ އުަފައްދާ މީހުންނަށް ދޭން ޖެހޭ އަދަބަކީ މަރުގެ އަދެބެވެ. އެހެން ކަމުން ކުޑަކުދިން ރޭޕް ކުރާ މީހުންނާއި އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަތުމަކީ މާތްﷲ ހަރާމް ކުރައްވާފައިވާ ކަންތައްތަކެވެ. އެފަދަ ކުށްތައް ކުރާ މީހުންނަށް ދޭން ޖެހޭ އަދަބަކީ މަރުގެ އަދަބެވެ. މުޖުތަމަޢުގެ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. ދެން އޮތް ގޮތަކީ މިފަދަ ނުބައި ނުލަފާ ޖަނަވާރުން ފަދަ މީޙުން މުޖްތަމައުގެ ތެރޭގައި ފަޟީހަތް ކުރަންވީއެވެ.

ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ގަން ހިނގުވާ ކަރު ގޮހޮރާއި، ކަޅު ތެޔޮވެސް ޖަހަންވީއެވެ. މުޅި ރައްޔިތުންގެ ތެރޭގައި އޭނާ ލަދުގަންނުވާލަން ވީއެވެ. ދުނިޔޭގެ ވޭނާއި، ތަދު އިހުސާސް ކުރުވަންވީއެވެ. މިއީ ފަހަރުގައި އަނިޔާއަށް ހިއްވަރު ދިނުން ކަމަށް ބައެއް މީހުން ބުނެފާނެއެވެ. އެހެން ނަމަވެސް، ކުޑަކުދިންނަށް ދޭ އަނިޔާކޮށްބާ ހެއްޔެވެ؟ މުޅި އުމުރަށް އެ ކުދިންނަށް ދިން ވޭން ކޮބައި ހެއްޔެވެ؟ އެކަމުގައި ޝާމިލްވީ މީހާ ޖަލު ހުކުމަށްފަހު ސަލާމަތް ވެދާނެއެވެ. އެކަން އޭނާ ހަނދާންވެސް ނައްތާލަފާނެއެވެ. އެހެން ނަމަވެސް، އެ ކުޑަކުއްޖާ އެ ވޭންދެނިވި ދުނިޔެ މަތީން ހަނދާން ނައްތާލާނެ ހެއްޔެވެ؟ މި ދުނިޔެއަށް އެ ކުއްޖާ ނަފްރަތު ކުރާނެތެވެ.

ދެ އަހަރުގެ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ކުއްޖާގެ ކާފައާއި މުނިކާފަ

މީގެ ކުރިން މިފަދަ އެތައް ވާހަކައެއް ފެނުނީ އަވައްޓެރި އިންޑިއާއިންނެވެ. މަޒާޖީ ސިފައެއްގައި ބައެއް ފަހަރަށް “ސާވްދާން އިންޑިއާ” ގެ ވާހަކަ ދެކެވެއެވެ. އެހެން ނަމަވެސް، ވިސްނާލާށެވެ. މިއަދު ގައުމު މިސްރާބު ޖަހާފައިމިވަނީ އެ ހާލަތާއި ދިމާލަށެވެ. އެ ސީރީޒް އެޕިސޯޑުތަކުން ފެންނަހެން ޖިންސީ ގޯނާގެ ޝިކާރައަކަށް ވާ ކުއްޖާގެ ވާހަކަ އަޑެއް ނާހައެވެ. އާއިލާގެ އެއްބާރުލުމެއް ނުލިބެއެވެ. އެ ވާހަކަ އެހެން މީހެއްގާތު ނުދެއްކުމަށް ބުނެއެވެ. އެކަމުގެ ނަތީޖާއަކީ، ޖިންސީ ގޯނާ ކުރާ މީހާއަށް އިތުރު ހިއްވަރެއް ލިބުމެވެ.

ދިވެހި ހަރުބަހެއްގައި އޮވެއެވެ. އެއް ފުޅައްމަތީން ފުންމާލި ބަކަރި އަނެއް ފުޅައްމަތީންވެސް ފުންމާލާނެއެވެ. “ނަސޭހަތް” ދީ މީހާ ދޫކޮށްލުމުން، “ހާލަތަށް” ބަލާ މީހާދޫކޮށްލުމުން ދެން އެ މީހާ އިތުރު ކުދިންވެސް ޝިކާރަ ކުރަނީއެވެ. ސިންގާއެއް ފަދައިންނެވެ. ނުވަތަ ބަނޑުހައި ހޫނު ކަމުގައި ހުރި ކުއްތާއެއް ފަދައިންނެވެ.

މިއަދު މުޅި ގައުމު ހިތާމައާއި ކުރިމަތިލާންޖެހިފައި މިވަނީ ރާއްޖޭގެ މުވައްސަސާތަކުގެ ހުރި ދޯދިޔާކަމުންނެވެ. މި ޒަަމާނުގެ ބަހުން ބުނާނަމަ ކަން ފަސޭހަކޮށްލުމުންނެވެ. މަސްތުވާތަކެތި ކަމަށް “ބެލެވޭ” ރަބަރު ޕެކެޓާއި އެކު ހައްޔަރު ކުރާ މީހާގެ ޝަރީއަތް ނިމެންދެން ބަންދަށް ޖަހާލަނީ އެ މީހާގެ ސަބަބުން އިތުރު ނުރައްކަލެއް އައިސްދާނެ ކަމަށް ބުނެއެވެ. މާރާމާރީ ހިނގިކަމަށް “ބެލެވޭ” މީހާ ވާނުވާގައި 4-5 އަހަރު ވަންދެން ބާއްވަނީ ހަމަ އެބުނާ މުޖްތަމައުއަށް ނުރައްކަލެއް އަތުވެދާނެ ކަމަށް ބުނެއެވެ.

ކުޑަކުދިންގެ އިއްފަތްތެރިކަން ފޭރިގަންނަ މީހެއްގެ ފަރާތުން އޮންނީ ގައުމީ ނުރައްކަލެކެވެ. އޭނައަކީ ވަގުތުން ވަގުތަށް މައްސަލަ ބެލި، ޖަލު ގޮޅިއަށް ލެވެންޖެހޭ މީހެކެވެ. ބަލިއަކަސް، މުސްކުޅިއަކަސް ބެލުމެއް ނެތެވެ. މުސްކުޅިއްޔާ، ނަމާދުކޮށް އަޅުކަންކޮށްގެން ގޭގައި އޮންނާށެވެ. ބަލިއްޔާ، ބޭސްކައިގެން ގޭގައި އޮންނާށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާނެ ކަމެއް ނެތެވެ. މިއަދު ދުނިޔޭގެ ހުރިހައި ގައުމެއްގައި ވެސް ކުޑަކުދިންނާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަންނަ މީހުންނަށް ދޭ އަދަބަކީ މަރުގެ އަދަބެވެ. މި ރާއްޖޭގައި މިއަދު މި ނޫން ގޮތެއް ނެތެވެ.

ދެ އަހަރު ނުވާ ކުއްޖަކަށް ގއ. ކަނޑުހުޅުދޫގައި ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއެކު ގައުމު މިއޮތީ ހޭ އަރާފައެވެ. މުވައްސަސާތައް ހޭލައިފިއެވެ. މި ވާހަކަތައް ދައްކާއިރު ފެއިލްވީ ކާކުތޯ ވެސް ސުވާލު އުފެދެއެވެ. ޖެންޑާ މިނިސްޓަރު ޝިދާތާ ބާއެވެ. ނޫނީ، މައްސަލަ ނުބެލި ފުލުހުން ބާއެވެ. ކުއްޖާއަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން ނުކުޅެެދުނު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ) ބާއެވެ. ނޫނީ، މުޅި މުޖްތަމައު ބާއެވެ.

ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރުން: ޝިދާތާ “ފްރައިޑޭ ހިނގުމުގައި” – ފޮޓޯ: ސަންގު

ހަތަރު ދުވަސްތެރޭ، ޖުޑީޝަލް ސާވިސް ކޮމީޝަން (ޖޭއެސްސީ) އިން ވެސް ޝަރީއަތްތައް އަވަސް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކުޑަކުދިންނަށް ރައްކާތެެރިކަން ފޯރުކޮށްދިނުމަށް ރިސްކް އެސެސްމެންޓު ހެދުމަށް ފާސްކޮށްފިއެވެ.

ބޮޑު ރަށެގައި އެއްވެސް ކަމެއް “ނެތި” ތިބި ކައުންސިލަރުންގެ ވެސް ޒިންމާދާރުކަން ކުޑައީއެވެ. ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ވާހަކަ ދެއްކީ ހޮޅު އަށީގައި އާއި ޖޯލިފަތީގައި ތިބެގެންނެނެވެ. “ތުންތުން” މަތީން ދެކެވުނަސް، ލޯ މައްޗަށް ފެންނަމުން ދިޔަ މަންޒަރުތައް އެއީ ނުހިނގާ ކަމަކަށް ހަދައިގެން ތިބީ “ރަސްމީ” ސިފައެއްގައި މައްސަލަ ހުށަހަނާޅާތީކަމަށް ބުނެއެވެ. އެންމެ ފުރަތަމަ އަދަބު ފެށެންވީ ހިސާބަކީ މިއީއެވެ. ކައުންސިލްގެ ރައީސް ޝަހީމް ހިއުމަން ރައިޓްސް ކޮމިތީގައި ދެއްކި ވާހަކަ މި ކަންފަތުން އަޑުއެހީއެވެ. އެ އަޑުގައި ހުރީ “ވަރިހަމަ” ކަމެވެ. ރީތި ގޮތުގައި ބުނީ ތިމާމެންނާއި ބެހޭ ކަމެއް ނޫން ކަމަށެވެ.

މިކަން އެންމެ ބޮޑަށް ސާބިތުކޮށްދެނީ މިދިޔަ ޑިސެމްބަރު 27 ގައި، ސޯޝަލް މީޑިއާގައި އާއްމުވީ ވީޑިއޯއާއި ގުޅޭގޮތުންނެވެ. އުމުރުން ދުވަސްވީ މީހަކު ކުޑަކުދިންނާއި ޖިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރަނީއެވެ. މިއީ، ލިޔަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އޭނާ، އެ ކުދިންނައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކިއެވެ. އެ ވީޑިއޯއަކީ ކަނޑުހުޅުދޫގެ ވީޑިއޯއެކެވެ. ވީޑިއޯގައި އިން އުމުރުން ދުވަސްވީ މީހާއަކީ ކާކުކަން ރަށުގެ މީހުންނަށް ނޭނގިއެއް ނުހުންނާނެއެވެ. މިކިޔަނީ 500 ވެސް ހަމަނުވާ އާބާދީއެއް އޮތް ރަށެއްގެ ވާހަކައެވެ. މި މައްސަލައިގައި ކައުންސިލް ރައީސް އާމިރު ވިދާޅުވީ އޭނާއަށް އެ ވީޑިއޯގައި ވާހަކަ ދައްކާ އުމުރުން ދުވަސްވީ މީހަކީ ކާކުކަން ނޭނގޭ ކަމަށެވެ. ކުޑަކުދިން އެނގުނަސް، އެ ކުދިން އުޅެނީ މައިންބަފައިންނާއި އެކު ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން އޭނާ “ވަކި ކަންބޮޑުވެގެން ކުރެވޭނެ ކަނެއް ނޯންނާނެ ކަމަށް” މަޖިލީހުގެ ކޮމިޓީގައި ވިދާޅުވިއެވެ.

މީހެއްގެ ލަދު ހަޔާތް ކުޑަވާނީ މިހާވަރަކަށެވެ. މި ލެވެލްއިން ކަންކަން ހިނގަމުންދާއިރު ރީތި ބަހުން މި ވާޙަކަ ދައްކާނެ ގޮތެއް ވެސް ނޭނގެއެވެ. ލޭ ކެކެނީއެވެ. ރުޅިވެސް ގަދަވަނީއެވެ. ކަންކަން މިއޮތީ އަވަގުރާނެ ގޮވޭ ހިސާބަށް ގޮސްފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ – ފޭސްބުކް/ އަހުމަދު އާއިދު

މި ފުރުސަތުގައި ދައްކަން ބޭނުންވަނީ ޝިދާތާގެ ވާހާކައެވެ. އެއްގޮތަކަށް ވެސް ޒާތީ ކަމެއް އޮވެގެންނެއް ނޫނެވެ. ފެއިލިއާކަަށް ވީމައެވެ. ފެއިލްވީ އިއްޔެއަކު ނޫނެވެ. މާޒީގެ ތެރެއަށް ޖެހިލާއިރު 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ގައި ވ. ރަކީދޫގައި އިބްތިހާލު މަރާލިއިރު ޝިދާތާއަކީ ޑެޕިއުޓީ މިނިސްޓަރެކެވެ. އެއީ ކުރީގެ ރައީސް، ޔާމީންގެ ސަރުކާރެވެ.

މައްސަލަ ބަލާ ޑިޕާޓްމެންޓާއި ހަވާލުވެގެން ހުރީ ޝިދާތާއެވެ. ކަމެއްގެ މަޗަށް އަނެއްކަން ފުނި ޖަހަމުންގޮސް އިބްތިހާލުގެ މައްސަލައަށް އަޅާނުލާ ދޫކޮށްލީއެވެ. ރަށަށް ޓީމެއް ދިއުމަށްފަހު ދިނީ ނަސޭހަތެވެ. ކުއްޖާ ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށް ނިންމިއެވެ.

އިބްތިހާލުގެ މަރުގެ މައްސަލައިގައި އިހުމާލު ވީ މީހުންނަށް ދައުވާ ކުރަން ފޮނުވިއިރު ޝިދާތާގެ ނަން އޮތީ އެއްވަނައިގައެވެ. ޝިދާތާގެ އިހުމާލު މި މައްސަލައިގައި އޮތްކަން އެޗްއާރުސީއެމްގެ ފަރާތުން މި މައްސަލައިގަިއ އެންމެ ފުރަތަމަ ޕީޖީ އޮފީހަށް ފޮނުވި ލިޔުންތަކުން ސާފުވާނެއެވެ. އެ ރިޕޯޓުތަކާއި ލިޔުންތައް ބަޔަކު މީހުން ވަގަށް ނުނަގާނަމަ އެ ލިޔުންތަކާއި ރިޕޯޓުތައް ޕީޖީ އޮފޯހުގައި ހުންނަން ޖެހޭނެއެވެ. ދެން ތިމަންނާ ސިޔާސީ ގޮތުން ކުރިއެރީމަ ބަޔަކު ހަސަދަވެރިވަނީކަމަށް ބުންޏަސް ޝިދާއަކީ އެއްވެސް އިރަކު ސިޔާސީ ބުރަދަނެއް ހުރި މީހެއް ނޫނެވެ. އިބްތިހާލުއަށް ލިބެމުން ދިޔަ އަނިޔާތައް ޖެންޑަރ މިނިސްޓްރީއާ ހިއްސާކުރި ނަމަވެސް އެކަމާ މެދު ފިޔަވަޅެއް ނޭޅި ވަނިކޮށް އެ ތުއްތު މައުސޫމު ފުރާނަ މި ދުނިޔެ އާއި އަލްވަދާއު ކީ އެކަމުގައި ޝިދާތާގެ ވެސް އިހުމާލު އޮތުމުންނެވެ. މިއީ ބަދަލު ނުކުރެވޭނެ ހަގީގަތެކެވެ.

މިއީ އަދި އެންމެ ވާހަކައެކެވެ. މިފަދަ އެތައް އިހުމާލެއްގެ ވާހަކަ ދެކެވިދާނެއެވެ. ކުޑަކުދިންގެ ހިޔާގެ ހާލަތު އެއޮތީ ފެންނާން ށެވެ. އެތަނުގެ ކުދިންނަށް ރައްކާތެެރިކަމެއް ނެތެވެ. ދެން ފިޔަވަތީގެ ކުދިން ފާރުން މައްޗަށް އަރާ ވާހަކަ ދެއްކީމަ “ތިމަންނާމެންވެސް ކުޑައިރު އުޅުނީ ފާރުމަތީންނޭ” ބުނީމަ ލަދުވެތިއެވެ. ހަޑިއެވެ. ޝިދާތާއަށް ކޮންމެ ކަމެއް ވެސް ވަނީ މަޖަލަކަށް ހެންވެސް ހީވެއެވެ. މުޅި މާލެ ވަށާ “ގަޓު” ދައްކަން ހިންގަވާފަ ވިދާޅުވީ “މިއީ އަޅުގަނޑުގެ ފްރައިޑޭ” ކަމަށެވެ.

ޝިދާތާ ވިދާޅުވާ ގޮތުގައި މިނިސްޓްރީގައި ބަޖެޓާއި ވަސީލަތާއި މުވައްޒަފުންނެއް އެކަށީގެންވާ ލެވެލްއެއްގައި ނެތެވެ. އަތޮޅުތަކުގައި ހުރި އެ މިނިސްޓްރީގެ ސެންޓަރުތައް ހުރީ އެކަށީގެންވާ ހާލަތަކު ނޫނެވެ. މި ވާހަކައަށް އެންމެ ފުރިހަމަ ޖަވާބުދެއްވީ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދެވެ. ބަޖެޓާއި މެދު ވާހަކަ ދެއްކޭނެ ޖާގައެއް ނެތެވެ. ބަޖެޓު ކަނޑައަޅާ ކޮންމެ އިދާރާއަކަށް ވަކިވަކީން ސިޓީ ފޮނުވިއެވެ. މިނިސްޓްރީއަކުން އެއްބާރުލުމެއްވެސް ޖަވާބެއް ވެސް ނުދެއެވެ.

ހަގީގަތަކީ ޝިދާތާއަށް ޒިންމާ ނުނެގޭކަމެވެ. ސިޔާސީ ގޮތުން ދެއްކެނީ މޮޅު ވާހަކައެވެ. މިވީ އެއް އަހަރު ދުވަސްތެރޭ ތިމަންނާމެން ކާމިޔާބީތަށް ހޯދައިފީމޭ ވިދާޅުވީމަ އަޅުގަނޑަށް ވަނީ ޖޯކަކަށެވެ. ޝިދާތާ މިއަދު ތިހުންނެވީ، ފެއިލްވެފައެވެ. ތިމާގެ ނަފްސަށް އިތުބާރު އޮތް ކަމަށް ވިދާޅުވިޔަސް، ރައްޔިތުންނަށް ކަމަނާގެ މައްޗަށް އިތުބާރެއް ނެތެވެ. ރައްޔިތުންގެ ނުރުހުން އިތުރުވުމަށްވުރެ އެންމެ ރަނގަޅީ އަމިއްލައިން މަގާމުން ދުރަށްޖެހިވަޑައިގެން ޒިންމާތައް ނެގޭނެ މީހަކާއި ހަވާލު ކުރުމެވެ. “ކިތަންމެވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެ.” އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: