ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިފުޅު އެހެން މީހުންގެ ކުދިންނާއި އަޅާ ނުކިއުއްވާ، މުޅި އުމުރަށް އެ ކުއްޖާގެ ހިތަށް އެ ވަންނަނީ ނިކަމެތިކަން: ހުތުބާ

ކުޑަކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ބަލާ ބޮޑުކުރުން - ފޮޓޯ: އަަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރީންނަށް ނަަސޭހަތް ދޭއިރު، އޯގާތެރި ބަހުން ވާހަކަ ދެއްކުމަށާއި ހަރުކަށިކަމާއި، ރުޅިއިސްކޮށް އެ ކުދިންނާއި އެހެން މީހުންގެ ކުދިންނާއި އަޅާ ކިއުމަކީ މުޅި އުމުރަށް ކުއްޖާގެ ހިތަށް ނިކަމެތިކަން ވަދެގެންދާނެ ސަބަބެއްކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ދަރީންނަކީ މާތްﷲ އިންސާނުންނާއި ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއްގެ ގޮތުގައި ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު މައްސޫލިއްޔަތު ކަމަށެވެ.

ކޮންމެ ކުއްޖެއްވެސް ހެޔޮ މަގުން އެއްކިބާވުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނެ ބަޔަކީ ވެސް މައިންބަފައިންކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކޮންމެ ކުއްޖެއްވެސް ދުނިޔެއަށް އުފަންވަނީ ކުށެއް ނެތް މައުސޫމް ދަރިއެއްގެ ގޮތުގައި ވީ ހިނދު، އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވެގެންދަނީ މައިންބަފައިން އެ ކުއްޖާ ގެންގުޅޭ ގޮތެއްގެ މައްޗަށްކަމަށް ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެ ކުއްޖާގެ އުޅުމާއި، ގުޅުން، އަދި އަހުލާގާއި ސުލޫކު ބިނާވަނީ މައިންބަފައިން ދޭ ތަރުބިއްޔަތެއްގެ މައްޗަށް ކަމަށެވެ.

ދަރީން ދެކެ ލޯބިވުމަކީ އެ ކުދިންގެ އުމުރާއި ބޭނުންތަކަށް ނުބަލައި އެ ކުދިންނަށް ބޭނުންވަރަކަށް، ބޭނުން އެއްޗެއް ހޯދައިދިނުން ނުވަތަ ފައިސާ ދިނުންކަމަށް ބައެއް މައިންބަފައިންނަށް ހީވީ ނަމަވެސް ދަރީން ދެެކެ ހަގީގީ ލޯބިވުމަކީ އިސްލާމީ ތަރުބިއްޔަތުތަކުން އެ ދަރީން ތަރުބިއްޔަތު ކުރުންގެ ގޮތުގައި ހުތުބާގައި ފާހަގަކުރިއެވެ. ދަރީންގެ ހިތަށް ތަދުވެދާނެތީ، ނުވަތަ އެ ކުދީން ހިތްހަމަނުޖެހި ދެރަވެދާނެތީ ބައެއް މައިންބަފައިން އެ ކުދީން ބޭނުންތަނަކަށް ދިއުމުގެ މިނިވަންކަން ދޭކަަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އެހެން ނަމަވެސް ކުދިން ތަރުބިއްޔަތު ކުރަންވީ ރަނގަޅު ތަރުބިއްޔަތު ދީ، ރަނގަޅު ތައުލީމާއި، ފައިދާ ހުރި ކާނާ، އަދި ރީތި ފޭރާން ހަލާލު މަސައްކަތަކުން ހޯދައިގެންކަމަށް ހުތުބާގައި ވެއެވެ.

“އެ ކުދިންގެ އުޅުމާއި، އަހުލާގާއި، ސުލޫކު ރަނގަޅު ކުރުމަށްޓަކައި އަބަދާއި އަބަދު މަސައްކަތް ކުރުމަކީ މައިންބަފައިން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިސްލާމްދީނުގެ ރިވެތި އަދަބުތަކުން ޒީނަތްތެރިވެ ތިބުމަށްޓަކައި، ލޮބުވެތި ނަބިއްޔާގެ ސީރަތުން އެ ކުދިންނަށް އުނގަންނައި ދިނުމަކީ އެ ކުދިންނަށްޓަކައި މައިންބަފައިން ކޮންމެހެން ކޮށްދޭންޖެހޭ ކަންކަމެވެ. އިސްލާމްދީނުގެ ރުކުންތަކާއި ހުކުމްތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދީނީ ވާޖިބުތައް އަދާކުރުމުގައި ފަރުވާތެރިވުމަށް ނަސޭހަތްތެރިވުމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.” ހުތުބާ

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ދަރީން ތަރުބިއްޔަތު ކުރުމަށް މައިންބަފައިން ކުރާ މަސައްކަތުގެ އެ އަގުހުރި ނަތީޖާ ފެންނަނީ މައިންބަފައިން ދަރީންނަށް ނަމޫނާއަކަށް ވެގެން ކަމަށެވެ. އަދި މައިންބަފައިން ދޭ ނަސޭހަތާއި އިރުޝާދުން ކުދިންނަށް އަސަރު ކުރާނީ އެންމެ ފުރަތަމަ މައިންބަފައިން އެ ކަންތައް ތަންފީޒުކޮށް ކުދިންނަށް މުނާ ކުރާކަންތަކުން މައިންބަފައިން ވެސް ދުރުހެލިވެގެން ކަމަށެވެ.

ބަންގީގެ އަޑާއި އެކު، ދަރިފުޅު ގާތު ނަމާދަށް ދާން ބުނުމަށްފަހު ބައްޕަވެސް އަމިއްލަ މަސައްކަތަކަށް އެނބުރިގަތުމާއި އަދި މަންމަވެސް ކަމެއް ނެތި ގޭތެރޭގައި އިންނަތަން ދަރިފުޅަށް ނުފެންނަ ނަމަ ދަރިފުޅު އެ ނަސޭހަތުގައި ހިފާނެތޯ ހުތުބާގައި ވަނީ ސުވާލުކޮށްފައެވެ.

ބައްޕަވެސް ނަމާދަށް ދަމުން، ދަރިފުޅު ގޮވައިގެން ދާނަމަ ނުވަތަ މަންމަ ބަންގީގެ އަޑާއި އެކު ދަރިފުޅު ގާތު ދެ މީހުން އެކީ ނަމާދު ކުރުމަށް އައުމަށް އެދޭނަމަ ދަރީން އެކަމަށް އިންކާރެއް ނުކުރާނެ ކަމާއި އަދި ދަރީން އަމިއްލައިންވެސް ަނަމާދަށް އަވަސްވެގަންނާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ބަވަނަވެފައިވާ ދުނިޔެއެއްގައި ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު އޭގެ ވަސީލަތްތަކުން ދަރީން ކުރާކަންކަން މައިންބަފައިން ބެލުމަށް ހުތުބާގައި އިލްތިމާސްކުރިއެވެ. އަދި ޓީވީ ޗެނަލްތަކުން ދައްކާ ތަފާތު އެކި ޕްރޮގްރާމުތަކާއި، ކާޓޫނު ނުވަތަ ޑްރާމާތަކަކީ ކުދިންނާއި އެކީ ބެލުން އެންމެ އެކަށީގެންވާ އެއްޗެއްތޯ ވިސްނުމަށް ހުތުބާގައި ގޮވާލިއެވެ. އަދި އެ ކުދިން އަމިއްލަން ބަލާ ފިލްމުތަކަކީ ކުއްޖާގެ އަހުލާގާއި، އިސްލާމީ މިންގަނޑަށް ފުށު ނާރާ ޕްރޮގްރާމްތަކެއްކަން ޔަގީން ކުރުމަސް ހުތުބާގައި ވަނީ ބެލެނިވެރީންނަށް އިލްތިމާސްކޮށްފައެވެ.

ދަރީންނަށް ކޮންމެ ކަމެއްގައި ވެސް ނަސޭހަ ދިނުމަށް ހުތުބާގައި ގޮވާލިއެވެ. އަދި އެކުދިންނަށް ނަސޭހަތް ދޭއިރު އޯގާތެރިކަމާއި ލޯބިން ވާހަކަ ދެއްކުމަށް ހުތުބާގައި ބުންޏެވެ. ހަރުކަށިކަން އިސްކުރުމާއި، ރުޅި އިސްކޮށް އެ ކުދިންނާއި ވާހަކަ ދެއްކުމަކީ އަދި ހައްލެއް ނޫންކަމަށް ހުތުބާގައި ބުނެފައިވެެއެވެ. އަދި އޯގާތެރިކަމާއި އެކު ދަރީންނާއި މުއާމަލާތް ކުރާނަމަ އެ ކުދިންގެ އަހުލާގަށް އަންނާނެ ހެޔޮ ބަދަލު ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އެކި ކުދިންގެ މިޒާޖުތައް ތަފާތުވާނެކަން ފާހަގަކޮށް ހުތުބާގައި ބުނެެފައިވަނީ އެއް ކުއްޖަކީ މަޑުމައިތިރި ކުއްޖަކަށް ވެދާނެ ކަމަށެވެ. އަދި އަނެއް ކުއްޖާގެ ސަކަ މިޒާޖެއް ހުރެދާނެ ކަމަށެވެ. އަދި ބައެއް ކުދިންނަށް އެ ކުރެވޭ ގޯސްކަމެއް ހުއްޓުވުމަށް އެންމެ އިޝާރާތެއް ވެސް ފުދޭ ކަމަށެވެ. އަދި އަނެއްބައި ކުދިން އެހާ ތަފާތު ކަމަށެވެ. އެހެން ކަމުން ނަސޭހަތް ދޭއިރު ކުއްޖާ ނިކަމެތިވެ، ހިތުގައި ޖެހޭ ބަސްތައް ބޭނުން ނުކުރުމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ހާއްސަކޮށް އެކުދިންނާއި، އެހެން މީހުންގެ ކުދިންނާއި އަޅާނުކިއުމަށް ހުތުބާގައި ވަނީ ބުނެފައެވެ. އޭރުން އެ ކުއްޖާއަކީ އެއްވެސް އަގެއް ނެތް، އަދި ަބަޔަކު ލޯބި ނުވާ ކުއްޖެއްގެ ގޮތުގައި އެ ކުއްޖާއަށް ވިސްނެން ފަށާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ދަރީން ތަރުބިއްޔަތު ކުރާއިރު، ކުއްޖާގެ މާހައުލުގެ ތެރެއިން ދިމާވާ އަދި ފެންނަކަންކަން ކޮޕީ ކުރާކަމަށް ހުތުބާގައި ބުންޏެވެ. ކުދިންނަށް މުޖްތަމައުގެ ތެރެއިން އިވޭ އަޑުތަކާއި، އަދި ފެންނަ މަންޒަރުތަކުން ވަރަށް ބޮޑަސް އަސަރުކުރާނެ ކަމަށާއި، އެއީ ނުބައި މަންޒަރަކަށް ވެއްޖެނަމަ އޭގެ އަސަރު ކުއްޖާގެ މުޅި ހަޔާތަށް ކުރާނެކަމުގައި ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި، ބުނެފައިވަނީ ދަރީން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ދަރީންނަށް ހެތި ދުއާ ކުރަންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: