ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯ ޕްރެކްޓިސްއަށް ލައިސެންސް ދިނުމާއި ވަކީލުންނަށް ޓްރެއިނިން ދިނުމަށް ހައްލު ބޭނުންވޭ: ނޫރުބާން

ބާ ކައުންސިލާއި މަޖިލީހުގެ ކޮމިޓީއިން ބައްދަލު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތައް ވުޖޫދަށް ގެންނަނީ ކަންކަމަށް ހައްލު ގެނައުމަށް ކަމަށާއި ނަމަވެސް، ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދަށް ގެނައިރު ލޯޔަރުންގެ މައްސަލައިގައި އެ މީހުންގެ ހައްގުތަކަށް ކުރާނެ އަސަރުތަކާއި އެ މީހުންގެ ދިރިއުޅުމަށް ކުރާނެ އަސަރުތަކާއި އަދި އާމްދަނީ ހޯދުމުގެ ހައްގަށް އަންނާނެ އުނިކަން ބެެލެވިފައި ނެތްކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ބާކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ނޫރުބާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލުކަމުގެ ދާއިރާއިން ކިޔެވުމަށްފަހު ހުވާނުކުރެވި ތިބި ގިނަ ބައެއްގެ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބާކައުންސިލްއާއި ބައްދަލުކޮށް ވަނީ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ނޫރުބާން ވިދާޅުވީ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުސޫލުތައް ތަންފީޒު ކުރުމަށްޓަކާ އުނދަގޫތަކަކާއި ކުރިމަތިވާ ކަމާށެވެ. އަދި ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބިދިނުމަށް ބޭނުންވާ ވަކީލުންގެ ހައްގުތަކަށް މި ގާނޫނުގެ ދަށުން ނިކުންނަށް ބައެއް ދަތިތަކާއި އެކަންތަކަށް ހައްލެއް ބޭނުންވާ ކަމަށެވެ.

އެޑިއުކޭޝަން ކަރަކިއުލަމް އެކުލަވާލެވޭ މައްދާއަށް ބޮޑަށް ބޭނުންވަނީ ވަކި މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅިފައި ހުރި އެ މުއްދަތުތައް ފަހަނައަޅައި ދާއިރު އިތުރު މުއްދަތެއް އިންޓަރިމް މާއްދާއެއް ހިމެނުމަށް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، މިހާރު ކުރެވެން ނެތް ބައެއްކަންކަން ހުރިކަން ނޫރުބާން ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި ކިޔަވާ ނިމިފައި ތިބި ވަކީލުންނާއި، މި މުއްދަތުގައި ކިޔަވަމުންދާ ވަކީލުންނަށް ޓްރެެއިނިން ހިންގުމާއި، ބާ އިމްތިހާނުތަކުގައި ބައިވެރިވެވޭގޮތަށް ގާނޫނުގައި ބަޔާން ކުރާ ކަރައިޓީރިއާއަށް ފެތޭނެގޮތް ކަނޑައަޅާނެ ގޮތް ހިމެނޭކަމަށް ނޫރުބާން ފާހަގަ ކުރެއްވިއެވެ.

އިސްލާހުތައް ގެންނަން ބޭނުންވާ މައިގަނޑު ސަބަބުތައް ފާހަގަކުރައްވަމުން ނޫރުބާން ވިދާޅުވީ، މިއަދުގެ ހާލަތަށް ރިއާޔަތް ކުރާއިރު އަދި ކުރިޔަށް އޮތް ތަނުގައި އެ މިންގަނޑުތަކަށް ހުރިހާ ކަމެއް ފެއްތުމަށް ބޭނުންވީ ނަމަވެސް މިހާރުން މިހާރަށް އެކަންތައް ކުރެވެން ނެތުމުން ލޯ ޕްރެކްޓިސްއަށް ލައިސެންސް ދިނުމާއި ވަކީލުންނަށް ޓްރެއިނިން ދިނުމާއި މިހުރިހާކަމަކަށް ވެސް އެކަށީގެންވާ ހައްލެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން ބޭނުންވަނީ އިންތިގާލީ މާއްދާތަކެއް ހިމަނައި ފަހުން ތަފްސީލުތައް އެކުލަވާލެވެން ދެން ގާނޫނުގެ ތެރެއިން ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށް ނޫރުބާން ފާހަގަ ކުރެއްވިއެވެ. 

ބާ ކައުންސިލާއި މަޖިލީހުގެ ކޮމިޓީއިން ބައްދަލު ކުރުން – ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން އަމިއްލަ ވިޔަފާރި ނުވަތަ ޕާޓްނާޝިޕް ހިމެނޭ ފަރާތްތަކަަށް ގާނޫނީ ހިދުމަތް ނުދެވޭގޮތަށް މާއްދާއެއް އޮތްއިރު އެ މާއްދާގެ ސަބަބުން ކުންފުނިތަކާއި އެހެން ގޮތްގޮތުން ރެޖިސްޓްރީ ކުރެވިފައި ހުންނަ ގާނޫނީ ހިދުމަތްދޭ ތަންތަކަށް ލީގަލް ފޯމް ބަދަލުނުކޮށް ހިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށެވެ. ނޫރުބާން ވިދާޅުވީ ދުނިޔޭގެ އެކި ތަންތަނުގައި ލީގަލް ފޯމަކީ އެ ޕްރެކްޓިސް ކުރާ ޕްރޮފެޝަންއެއްގެ ބޭނުން ގޮތަކަށް އެކުލަވާލެވޭ އެއްޗެއް ކަމަށެވެ.

އެއީ އެލްއެލްޕީ ނުވަތަ ސޯ ޕްރޮޕްރިއޭޓާއެއް ތޯ ގާނޫނުން ކަވަރު ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ނުވަތަ ނޫންތޯ، އަދި އޭގެ ޕްރެކްޓިކަލް އިޝޫތަކެއް ވިޔަފާރި ކުރުމުގައި ވެސް އަދި ހިދުމަތް ދިނުމުގައި އަންނަ ކަމަށެވެ. އެހެން ކަމުން އެކަމަށް ވެސް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށް ނޫރުބާން ވިދާޅުވިއެވެ. 

“ދެންވެސް އެބަހިމެނޭ ޕާޓްނާޝިޕްއެއް ގޮތަށް އެލްއެލްޕީ ފޯމުކުރާއިރުގައި އެ ލޯޔަރުންގެ ހިއްސާ 80 އިންސައްތައަށް އޮންނަން ޖެހޭ ކަމަށް. މިވެސް ހަމަ މިޒަމާނުގެ މޮޑާން ބިޒްނަސް ޕްރިންސިޕަލްއެއް. އޭގެ ތެރޭގައި އެބަ ހިމެނޭ މަލްޓި ޑިސިޕްލިނަރީ ޓެކްނިކަލް ސާވިސް ޕްރޮވައިޑްކޮށްދޭ އެކި ފަންނީ މާހިރުން ހިމެނޭގޮތަށް ވިޔަފާރި އުފައްދައިގެން ހިދުމަތް ދިނުން. އެހެންވީމަ އެ ކޮންސެޕްޓާއި ފުށު އަރާކަހަލަ ކޮންސެޕްޓުތަކެއް އެބައާދޭ. އެހެންވީމަ ހިދުމަތް ދިނުމުގެ އަސްލާއި ޒަމާނީ ފެންވަރަށް ހިދުމަތް ދިނުމުގައި އަދި ރެގިއުލޭޓު ކުރިކަމުގައި ވިޔަސް އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް ކަހަލަ މިންގަނޑުތަކެއް ހިފަހައްޓަން. މިއީ ބަލާ ރެވައިސް ކުރަންޖެހޭ ކަންތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނޭ” ނޫރުބާން.

އެތިކްސް ގަވައިދާއި، ސުލޫކީ ކަންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނޫރުބާން ވިދާޅުވީ ސުލޫކީ ކަންތައް ގާނޫނުގެ ތަރަހައިގެތެރެއިން، ފުރިހަމަކޮށް އިސްލާހު ކުރަންޖެހޭ ކަމަށެވެ.

މެމްބަރުންނަށް ސުވާލު ކުރުމަށް ފުރުސަތު ހުޅުވާލުމުން، ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ އެތިކްސް އާއި ގުޅޭ ކަންތަކަށް ކޮންސަލްޓެންޓުން ދެއްވި އިތުރު ލަފާތައް އޮޅުން ފިލުއްވާފައެވެ.

އަލީ ހުސެއިންއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ލ. ފުނަދޫ ދައިރާގެ މެމްބަރު އަދި ގާނޫނީ ވަކީކު މޫސާ ސިރާޖު ވަނީ ގާނޫނުގެ ހަވަނަ ނަމްބަރުގައި ފާހަގަކުރާ ސަބް ކޮމިޓީތައް އެކުލަވާލަންޖެހޭ ޖެހުމަށް ސުވާލުކޮށްފައެވެ. އަދި އެ މަަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ސިރާޖު އެދުނެވެ. ޖަވާބުގައި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ ކޮމިޓީތައް އެކުލަވާލުމަށް މިހާރު އިއުލާނުކޮށްފައިވާކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މި ހަފްތާއަށް ހަމަވާނެ ކަމަށެވެ. އެހެން ނަމަވެސް ސިރާޖު ވަނީ އޭނާ ކަމާއި ކަންބޮޑުވާކަމަށް ވިދާޅުވެ ސަބްކޮމިޓީތައް އެކުލަވާނުލެވި މަސައްކަތް ވެސް ކުރިޔަށް ނުދާނެ ކަމަށް ވިދާޅުވެފައެވެ.

ތަމްރީނުތައް ދިނުމާއި، އަދި އެކްސްޕީރިއަންސްއަށް ލޯފާމެއްގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ސިރާޖު ވަނީ ބާ ޖައުންސިލްގެ ގަވައިދުގެ ދަށުން ހުއްދަތައް ދޫކުރުން “އުނދަގޫ ގޮތްތަކެއް” އޮތްކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނުގައި ވާ ތަމްރީނުތަކަށް ފޯމު ހުށަހެޅި ކުދިންގެ އަދަދަކީ ކޮބައިތޯ ސިރާޖު ސުވާލު ކުރެއްވިއެވެ.

ސިރާޖުގެ ސުވާލުގެ ރައްދުގައި ނޫރުބާން ވިދާޅުވީ ކަމަކަށް އެދުމުން އެއީ ގާނޫނު ފަހަނައަޅައި ދިއުމަަށް މަސައްކަތް ކުރުން ކަމުގައި ބައެއް ފަރާތްކަަށް ހީވެދާނެ ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކާއި އެއްގޮތަށް ބޭނުންވަނީ ޕޮލިސީ އަދި ނީޑް އެސެސްމެންޓެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. ވަކީލުކަން ކިޔަވަމުންދާ ކުދިންނާއި، ނުވަތަ އެހެން އަދަދުތައް ދެނަގެނެވޭނެ ލިޔެކިއުމެއް ނެތްކަން ވެސް ނޫރުބާން ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް، ގާނޫނުތައް ހެދިގެން އައިއިރު އެއީ މައްސަލައެއްގެ ހައްލު ހޯދުމަށް ގެނައި ބަދަލެއް ނަމަވެސް އެ ގާނޫނުގެ ވުޖޫދުގެ ތެރެއިން ވަދެފައިވާ ހުރިހާކަމެއްވެސް އަދި އެ މީހުންގެ ހައްގުތަކަށް ކުރާނެ އަސަރުތަކާއި އެ މީހުންގެ ދިރިއުޅުމަށް ކުރާނެ އަސަރުތަކާއި އަދި އާމްދަނީ ހޯދުމުގެ ހައްގަށް އަންނާނެ އުނިކަން ބެެލެވިފައި ނެތް ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރަން ފަށާއިރު މިއަދުން މިއަދަށް، އިއްޔެ ގާނޫނު އައިސް ގާނޫނަށް އަމަލު ކުރަން ފެށިއަސް އެ ގަވައިދުގެ ދަށުން ނިކުންނަ ކުއްޖާއަށް ހުއްދަ ނުދޭނެކަމަށް ބުނުމަކީ ދަތިކަމެއް ކަމަށެވެ. މިއީ އެއްވެއް ގޮތަކަށް އެގްޒެކެޓިވް ކޮމިޓީގެ މީހެއްގެ ހައްގުގެ ވާހަކައެއް ނޫން ކަމަށާއި، މީގެއިން އުނިކަން އަންނަނީ އެހެން ބައެއްގެ ހައްގަށް ކަމަށް ނޫރުބާން ވިދާޅުވިއެވެ. 

“އަޅުގަނޑުމެންނަށް ގައިދުތައް ވެސް ހެދިދާނެ އިށީދެގެން ތިބެ. އަޅުގަނޑުމެންނަކީ ލޯޔަރުން. އަޅުގަނޑުމެންގެ އެ ގާބިލިއްޔަތުކަން ހުންނާނެ. ގަވައިދުތައް ހަދާ ކިތަންމެ ހަރުކަށި ކްރައިޓީރިއާތައް ވެސް ހެދިދާނެ. އެހެން ނަމަވެސް އޭގެ ސަބަބުން ހައްގުތަކެއް އުނިވެގެންދާ ވަކީލުން ގިނަ އަދަދަކަށް އެބަތިބި. އެހެންވީމަ އެ މީހުންގެ ހައްގުތައް ރައްކާތެރުކުރުމަށް އަޅުގަނޑުމެން މީގަ ތިބި މައްދާތަކަށް ފަސް ކުރުމަށް މި އެދެނީ. ބޭސްލައިން ސާވޭއެއް ހެދިގެންނެއް ނޫން އަސްލު ގާނޫނުތައް ހެދިގެން މި އަންނަނީ. އެހެން ވީމަ އަސްލު އޭގެ ނަތީޖާއަކަށް ވެގެން މިދަނީ ގާނޫނު ތަންފީޒު ކުރަންޖެހޭ އިދާރާއިން ކުރިމަތިލާން މިޖެހެނީ ދެން، އެ ގާނޫނަށް އަމަލު ނުކުރުމުގެ މައްސަލަ. އެހެން ވީމަ އެއީ އަޅުގަނޑުމެން އެންމެވެސް ހަމަ ވަރަށް ޒިންމާދާރުކަމާއި އެކު ބާކައުންސިލްގެ ވެސް އަދި ދައުލަތުގެ އެހެން މުވައްސަސާތަކުގެ ވެސް، ގާނޫނު ހަދާ މަޖިލީހުން ކަމުގައި ވިޔަސް ހަމަ ފުންކޮށް ވިސްނާލަންޖެހޭ ކަމެއް އެއީ ގާނޫނު ހެދިގެން އަންނައިރު އެކަން ތަންފީޒު ކުރެވޭނީ ކިހާ މިންވަރަކަށް ތޯ. އިންތިގާލީ މުއްދަތެއް ގާނޫނުގެ ތެރެއަށް ލެވެންޖެހޭ ކަންކަން. އެހެން އެގޮތަށް ކުރެވޭނަމަ ވަގުތުވެސް ލިބޭނެ” ނޫރުބާން

ބާ ކައުންސިލާއި މަޖިލީހުގެ ކޮމިޓީއިން ބައްދަލު ކުރުން — ފޮޓޯ: ޕީއެސްއެމް

ނޫރުބާން ވިދާޅުވީ ގަވައިދު އެ އޮތީ ފެންނަން ކަމަށާއި، ކިޔަވައިދޭ ތަންތަނުގެ ފެންވަރު ބަލަން ދެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ. އަދި ހަތް މަސް ދުވަހަކީ ލައިސެންސް ދޫކޮށް އެ ހުރިހާކަމަކަށް އެކަށިގެންވާ މުއްދަތެއް ނޫންކަމަށް ނޫރުބާން ފާހަގަކުރިއެވެ.

ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންވެގެންވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެއް ޝަރުތަކީ ޤާނޫނުގައި ބުނެފައިވާ ތަމްރީނާއި ބާ އިމްތިހާނު ފުރިހަމަކޮށްފައިވާ މީހެއް ކަމުގައި ވުމެވެ. އަދި ބާ އިމްތިހާނުގެ މުޤައްރަރާއި އިމްތިހާނު ދޭނެ ގޮތާއި އިމްތިހާނު އޮންނާނެ ތާރީޚާއި އިމްތިހާނުގައި ބައިވެރިވެވޭނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅާނީ ބާ ކައުންސިލުންކަމަށް ޤާނޫނުގައި ބަޔާންވެގެންވެ އެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވާތީ މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހެދި ގެޒެޓްކުރުމާ އެކު ގާނޫނީ ވަކީލުންގެ ހުއްދަ ދިނުމުގެ ޒިންމާ އަދާކުރާނީ ބާ ކައުންސިލުންނެވެ. ވަކީލުންގެ ދާއިރާއާއި ގުޅޭ ހުރިހާ ކަންކަން ބެލަހައްޓުމުގެ ބާރާއި، ގާނޫނީ ފަންނުގެ ގާނޫނު ބެލެހެއްޓުން ކުރިޔަށް ގެންދާނީ ބާ ކައުންސިލްއިންނެވެ.

 ބާ ކައުންސިލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި، ވަކީލުންގެ މަސައްކަތްތަކާއި ގުޅޭ ކަންކަން ބަލައި ރެގިއުލޭޓް ކުރުމާއި، ޚިދުމަތުގެ ގާބިލުކަން އިތުރުކޮށް، ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތިކުރުމެވެ. މީގެ އިތުރަށް ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި، ވަކީލުންގެ ސުލޫކީ ކަންކަމަށް ފާރަވެރިވުމާއި، ވަކީލުންގެ ފަރާތުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ކަންކަންވެސް ބާ ކައުންސިލުން ބަލައި މޮނިޓާ ކުރަން ޖެހޭނެއެވެ.

ބާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި ވަކީލުން ކުރާ މަސައްކަތްތައް ބަލައި، ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުން އަދި ވަކީލުންނާ ގުޅުން ހުރި ހުރިހާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރާނީ ވެސް ބާ ކައުންސިލުންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަކީލުން ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: