ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް އޮތީ ޤާނޫނު އަސާސީން ކަނޑައަޅައިދިން މިނިވަންކަމުގައި: ރައީސް

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، ދާއިރާގެ ތެރެއަށް ވަދެފައި އޮތް ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހެޔޮ ނިޔަތެއްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން ރައީސް ވިދާޅުވީ، ބޭނުންވަނީ ނުފޫޒެއް ނެތް ފަނޑިޔާރު ގެއެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާއިރު ފަނޑިޔާރުންގެ މައްޗަށް ލާޒިމް ވެގެންވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމް ކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ޝަރުއީ ނިޒާމަށް ކުރެވުނު އިތުބާރު މާޒީގައި ހިނގާފައި ހުރި ބައެއް ކަންތަކުގެ ސަބަބުން ގެއްލިގެން ދިޔަކަމަށެވެ. އަދި ރައްޔިތުންގެ ކިތަންމެ ކުޑަ ހައްގެއް ނިގުޅައިގަތަސް އެ ހައްގެއް ކޯޓުތަކުން އަނބުރާ ހޯދައިދޭނެކަން ރައްޔިތުންނަށް ޔަގީންކޮށް ދިނުމަކީ ސަރުކާރުގެ އަމާޒުގެ ގޮތުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ދާއިރާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށް ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެކަންތައްތައް ފާހަގަކޮށް ރައީސް ވިދާޅުވީ ގާނޫނުތައް ފުރިހަމަ ވުމަކީ އެންމެ ބޮޑު އަސާސް ކަމަށެވެ. އެއާއި އެކު ކުރިޔަށް އޮތް ތަނުގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މިއީ އިންސާފު ގާއިމް ކުރުމުގައި ފަނޑިޔާރުންނަށް އަންނަ އެކި ނުފޫޒުތަކުން އެއްކިބާވެ، އެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް ބާރުއަޅާ ބިލުތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ރައްޔިތުންގެ ޙައްޤުތަކާއި، ފަނޑިޔާރުންގެ ނިންމުންތަކާ ދެމެދަށް ހުރަސްއަޅާ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ކޮރަޕްޝަނާއި، ފައިސާގެ ދަހިވެތިކަން، އަމިއްލަ މަޞްލަޙަތުތަކާއި، ތަފާތު ނުފޫޒުތައް، މިއިން ކޮންމެ ކަމަކީވެސް، ފަނޑިޔާރުން އިއްވާ ނިޔާތައް، އަނިޔާއަކަށް ވެގެން ހިނގައިދާނެ ކަންކަން. ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް ހުރަސްއަޅާ މިފަދަ ކަންކަމަށް، ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު، ފަނޑިޔާރުންގެ ކިބައިގައި އަށަގަނެގެން ނޫނީ، ޢަދުލު އިންޞާފު ޤާއިމެއްނުކުރެވޭނެ. އެކަން ނުކުރެވޭހާ ހިނދަކު، ރައްޔިތުންގެ ޙައްޤުތައްވެސް ރައްކާތެރިއެއް ނުކުރެވޭނެ. އަދި އިޖުތިމާޢީ ހަމަޖެހުމާއި އަމަންއަމާންކަމެއްވެސް ޤާއިމެއްނުކުރެވޭނެ.” ރައީސް ސޯލިހް

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް

ރައީސް ސޯލިހް ވިދާޅުވީ މިއަދު ދައުލަތް މިއޮތީ ތިން ބާރަށް ގާނޫނު އަސާސީން ކަނޑައަޅައިދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި ކަމަށެވެ. އަދި ސަރުކާރުން ވޭތުވެ ދިޔަ ދުވަސްތަކުގައި ފަނޑިޔާރުގެ އާއި ކުޅެން މަަސައްކަތްކޮށްފައި ނުވާނެ ކަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް އެފަަދަ އެއްވެސް އަމަލެއް ނުފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ފައިސާގެ ދަހިވެތިކަން އަދި އަމިއްލަ މަސްލަހަތުތަކާއި ތަފާތު ނުފޫޒުތައް، މިއިން ކޮންމެ ކަމަކީ ވެސް ފަނޑިޔާރުން އިއްވާ ނިޔާތައް އަނިޔާއަކަށް ވެގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ. އަދި ފަނޑިޔާރުގެ ނަޒާހަތްތެރިކަމަށް ހުރަސް އަޅާ މިފަދަ ކަންކަމަށް ނޫނެކޭ ބުނުމުގެ ހިތްވަރު ފަނޑިޔާރުންގެ ކިބައިގައި އަށަގަނެގެން ނޫނީ އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެކަން އެމަނިކުފާނުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ގެއްލޭ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި މައްސަލަތައް ނުނިމު ދިގުލައިދިއުން ރައީސް ފާހަގަކުރެއްވިއެވެ. އެހެން ކަމުން، ޝަރީއަތްތައް ދިގުލައިގެން ދިއުން ހައްލުކޮށް، މައްސަލަތައް އަވަހަށް ނިމޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ އިޖުތިމާއީ އެތައް މައްސަލަތަކަކަށް ހައްލު ހޯދައި ދެވޭނީ ކޯޓުތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

“ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އިހުމާލުގެ މައްސަލަތައް ކަމަށް ވިޔަސް، މާރާމާރީ އާއި ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ވިޔަސް، މިފަދަ ކޮންމެ މައްސަލައެއް ހައްލު ކުރުމުގައި ކޯޓުތަކުގެ ދައުރު ވަރަށް ބޮޑު. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ އަދުލު އިންސާފު އޭގެ ވަގުތުގައި ގާއިމް ކުރުން. ޝަރުއީ މަރުހަލާތައް އަވަސްކޮށް، އަވަހަށް ނިޔާ ކަނޑައެޅުން.” ރައީސް ސޯލިހް

މައްސަލަތައް އަވަހަށް ކުރިއަށް ގެންދަން ކޯޓުތަކަށް ޖާގައިގެ ދަތިކަމާއި މެޖިސްޓްރޭޓުންގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމާ މެދު، ރައީސް ވިދާޅުވީ ކޯޓް ކޮމްޕްލެކްސް އެޅުމަށް ހުޅުމާލެ އިން ދާދި ފަހުން ދޫކުރި ބިމުގައި އަޅާ އިމާރާތާ އެކު، މާލޭގެ ކޯޓުތަކަށް ޖާގައިގެ ދަތިކަން ހައްލު ވާނެ ކަމަށެވެ.

އޭގެ ތެރެއިންވެސް އެންމެ ބޮޑީ، މާލޭގައި ހުރި ކޯޓުތަކުގެ ޖާގައިގެ ދަތިކަންގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މުޅި ރާއްޖޭގެ ނިސްބަތުންވެސް އެންމެ ގިނަ މައްސަލަތައް ހުށަހެޅެނީ މާލޭގައި ހުރި ކޯޓުތަކަށް ކަމަށެވެ. އަދު އެމައްސަލަ ޙައްލުކުރުމުގެ ގޮތުން، ކޯޓު އެކުވެންޏެއް އެޅުމަށްހުޅުމާލެއިން ބިމެއް ކަނޑައަޅާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އެ ބިން ހަވާލުކޮށްފައިވާކަން ރައީސްގެ ވާހަކައިގައި ވިދާޅުވިއެވެ.

“ހުޅުމާލޭ ކޯޓު އެކުވެނި ޢިމާރާތްކުރުމުގެ މަޝްރޫޢު އެކުގައި ނިމޭއިރު، ސުޕްރީމް ކޯޓު ފިޔަވައި މާލޭގެ ހުރިހާ ކޯޓެއް، އެ ޢިމާރާތަށް ބަދަލުވެގެންދާނެ. އޭރުން މާލޭގެ ކޯޓުތަކަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، ޝަރީޢަތްތައް މިހާރަށްވުރެ ހަލުވިމިނުގައި ކުރިއަށްދާނެކަމަށް އަޅުގަނޑު އުންމީދުކުރަން. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ޢަދުލު އިންޞާފު ޤާއިމުކުރުމަކީ، ހަމައެކަނި ފަނޑިޔާރުގެއާއި ފަނޑިޔާރުންނާ ހަމައިން ނިމޭ ކަމެއް ނޫން. މިއީ އެތައް މުއައްސަސާއެއްގެ އެތައް ބަޔަކު ލާމެހިފައިވާ، ވަށައިޖެހޭ ނިޒާމަކުން ނޫނީ ޙާޞިލުކުރެވޭނެ ކަމެއް ނޫން.” ރައީސް ސޯލިހް

ޖުޑީޝަރީ ދާއިރާ އިސްލާހު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: