ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މީކާއީލް އަޙްމަދު ނަސީމަށް ތާއީދުކުރައްވާނެކަން އިއުލާނުކުރައްވައި، އެ މަގާމަށް ކުރިމަތިލެއްވި އިބްރާހީމް މުހައްމަދު (ވާޑު) އޭނާގެ ކެންޑިޑެސީ އަނބުރާ ގެންގޮސްފިއެވެ.
ސޯޝަލް މީޑިއާގައި މީކާއިލް އާންމުކުރެއްވި ވީޑިއޯއެއްގައި ވާޑު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ވާހަކަދެއްކެވުމަކީ އޭނާއަށް ނުހަނު ދަތި ކަމެއް ކަމަށެވެ. އަދި އޭނާގެ އުމުރުން 18 އަހަރުން ފެށިގެން، މިހާރު އުމުރުން 40 އަހަރުވީއިރުވެސް ހުންނެވީ ސާބިތުކަމާއެކު ރައީސް ނަޝީދުގެ ފަހަތްޕުޅުގައިކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުގެ ހަޔާތުގެ ދެބައިކުޅަ އެއްބައި ހޭދަކުރީ އެމްޑީޕީއާއި ރައީސް ނަޝީދާއެކު،“ ވާޑު ވިދާޅުވިއެވެ.
އޭގެ އިތުރުން، ޕާޓީގެ ގިނަ ބަޔަކު އަދިވެސް ތިބީ ރައީސް ނަޝީދުގެ ފަހަތުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޕާޓީގެ ލީޑަޝިޕް އަބަދުވެސް އެއް ބައެއްގެ އަތްމަތީގައި އޮންނަންޖެހޭތޯ ވާޑު ސުވާލު އުފެއްދެވިއެވެ. އެމްޑީޕީ އަދިވެސް ދުވަންވީ ރައީސް ނަޝީދުގެ ފަހަތުންތޯ އަދި ޗެއާޕާސަންގެ މަގާމަށް މިވަގުތު އެންމެ ބޭނުންވަނީ އެމަނިކުފާނުތޯ ވެސް ސުވާލު އުފެއްދެވިއެވެ.
ވާޑު ދެކެވަޑައިގަންނަވާ ގޮތުގައި، އެމްޑީޕީގެ އިސް ސަފުން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހެއެވެ. ނަމަވެސް، އާ ޖީލަކަށް ޖާގަ ދެއްވުމަށް ރައީސް ނަޝީދު ބޭނުންފުޅުނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ޕާޓީގައި އާ ލީޑަރުން އުފެއްދުމަށާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ފަދަ އޮނިގަނޑެއް އެކުލަވާލުމަށް އޭނާ މެންބަރުންނަށް ގޮވާލެއްވިއެވެ.
ވާޑު ވިދާޅުވި ގޮތުގައި، އޭނާ ކުރިން އުންމީދުކުރެއްވީ ރައީސް ނަޝީދު އިންތިހާބުގައި ވާދަނުކުރައްވައި ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް، އެގޮތަށް އެކަން ނުވުމުން، މީކާއިލްގެ ފަހަތަށް އެރުއްވީ ޒުވާނަކަށް ފުރުސަތު ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑު ގަބޫލުކުރީ ރައީސް ނަޝީދު މަގަށް ދޫކުރައްވައި، އަޅުގަނޑަށާއި މީކާއީލަށް ވާދަކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް. އެކަން އެގޮތަށް ނުވުމުން، ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ޓަކައި އަޅުގަނޑު މި ނިންމީ މީކާއީލަށް ތާއީދުކުރަން،“ ވާޑު ވިދާޅުވިއެވެ.
ރައީސް ނަޝީދާއެކު އޮތް ގާތް ގުޅުމާއި ސިޔާސީ ތާރީހަށް އިހްތިރާމްކުރާ ހާލު، މިވަގުތު ޕާޓީއަށް އެންމެ މުހިންމީ ޒުވާން ލީޑަޝިޕަކާއި އާ ސިޔާސީ މިސްރާބެއް ކަމަށް ވާޑު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ތާވަލުކުރެވިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހަށެވެ.

