ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކޮށްފިއެވެ. މަހީރާ މަގާމުން ވަކިކުރިކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މަހީރާ މަގާމުން ވަކިކުރި ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޓްރައިބިއުނަލްގެ ރަސްމީ ވެބްސައިޓުން މިހާރު ވަނީ އޭނާގެ މައުލޫމާތުތައް އުނިކޮށްފައެވެ.
މަހީރާ މި މަގާމުން ވަކިކޮށްފައި މިވަނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އަމްޖަދު މުސްތަފާ އެ މަގާމަށް އައްޔަންކުރެއްވުމާއެކު ޓްރައިބިއުނަލްގެ ހިންގުމަށް ވަނީ ބަދަލުތަކެއް އަންނަން ފަށާފައެވެ.
ފާތިމަތު މަހީރާ މުހައްމަދަކީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެވުނު ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރިއިރު، ޓްރައިބިއުނަލްގެ މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ގާނޫނީގޮތުން ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

