ސޯޝަލް މީޑިއާ އަދި އާންމު ތަންތަނުގައި ވަޒީފާ އަދާކުރާ އަންހެނުންނަށް ކުރާ ފުރައްސާރައިގެ މައްސަލަތައް ތަހުގީގުކުރަން އެދިވަޑައިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފުލުހުންނަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މެމްބަރު ކުޑޫ އިއްޔެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ފޮނުއްވި ސިޓީގައި ވަނީ 48 ގަޑިއިރުުގެ ތެރޭގައި ސޯޝަލް މީޑިއާ އާއި އާންމު ތަންތަނުގައި ވަޒީފާ އަދާކުރާ އަންހެނުންނަށް އަމާޒުކޮށް ފުރައްސާރަކުރުމާއި އަބުރަށް އަރައިގަތުމުގެ ހިތާމަވެރި ދެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުގެ އަންހެން މުވައްޒަފަކު އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް ފިރިހެނަކު އެ އަންހެން މީހާއާ މެދު ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުރައްސާރަކުރި މައްސަލަ ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ކަސްޓަމްސްގެ އަންހެން މުވައްޒަފެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ބޭނުންކޮށް އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތެއް އަޅުވައި، އޭނާގެ އަބުރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ މައުލޫމާތު ފަތުރާފައިވާ ކަމަށް ވެސް ކުޑޫ ވިދާޅުވެފައިވެއެވެ.
މީހަކަށް އުނދަގޫވާނެކަން ނުވަތަ ބިރުހީވާނެކަން އެނގިހުރެ، އާންމު ތަނެއްގައި އެ މީހަކާ ދިމާލަށް ހަޑި ހުތުރު އެއްޗެހި ކިޔައި، ހަޑިހުތުރު ބަސް ބޭނުންކުރުމާއި، ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިޔުން ފަދަ ފުރައްސާރައިގެ އަމަލުތަކަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުތަކުގެ ކުށުން ކުށްވެރިވާނެ އަމަލުތައްކަން މެމްބަރު ކޫޑޫ ފާހަގަކުރެއްވިއެވެ.
އާންމު ތަންތަނުގައި ކުރެވޭ ގޯނާ އާއި ބިރު ދެއްކުމާއި އިޖުތިމާއީ މިންގަނޑުން ބޭރުން ކުރެވޭ އަމަލުތައް ހުއްޓުވުމަކީ ފުލުހުންގެ ގާނޫނީ ޒިންމާއަކަށް ވާއިރު، އެފަދަ ކަންކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި ތިބުމަކީ ފުލުހުންގެ ޒިންމާއާ ހިލާފުވުން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް މެމްބަރު ކުޑޫ ވިދާޅުވިއެވެ. އަދި މީހަކު މައްސަލަ ހުށަނޭޅިޔަސް ފުލުހުންނަށް އަމިއްލަ އިސްނެގުމަށް ވެސް އެފަދަ މައްސަލަތައް ބެލޭނެކަން ފާހަގަކުރެއްވިއެވެ.
އެފަދަ އަމަލުތަކަކީ ޖިނާއީ ކުށްތައް ހިމެނޭ އަމަލުތަކަށް ވާއިރު، ގާނޫނީ ބާރު ލިބިފައިވާ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދާ ކަމަށް ވިދާޅުވެ، އެ ސިޓީގައި ކުޑޫ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ސިޔާސީ ގޮތުން އަދި ދައުލަތުގެ އިސްވެރިން ޝާމިލުވާ މައްސަލަތަކުގައި ފުލުހުންގެ އިސްނެގުމަށް ތަހުގީގު ފަށައި، ހަލުވި ފިޔަވަޅުތައް އަޅާއިރު، ރައްޔިތުންގެ ރައްކާތެރިކަމާއި މަގުމަތީގެ އަމާންކަމާ ގުޅިފައިވާ އެފަދަ މައްސަލަތަކުގައި އިހުމާލުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ މައްސަލަތައް ތަހުގީގުނުކޮށް ދޫކޮށްލުމުން މުޖުތަމައުގެ އަމާންކަން ގެއްލި ގާނޫނުގެ ސިޔާދަތު ބަލިކަށިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ނޭދެވޭ އަމަލުތައް ތަކުރާރުކުރުމަކީ އަންހެނުން ވަޒީފާގެ މާހައުލަށް ނުކުމެ ބިރުވެރިކަމެއް ނެތި މަސައްކަތްކުރުމަށް ވެސް ވަރަށް ބޮޑު ހުރަހަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، ފުލުހުން ޒިންމާ އަދާކުރައްވައި، ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެ މައްސަލަތައް ތަހުގީގުކުރުމަށް ކުޑޫ ގޮވާލެއްވިއެވެ.
އަންހެނުންނަށް ކުރާ ފުރައްސާރައިގެ މައްސަލަތައް ބަލަން ކުޑޫ ގޮވާލައްވާފައިވާއިރު، މަގުމައްޗަށް ކުނި ނާޅަން މާލޭ ސިޓީ ކަައުންސިލުގެ އަންހެން މުވައްޒަފުންތަކެއް މީހަކަށް ނަސޭހަތްތެރިވުމުން، އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބުނެ އެ މީހާ އެ މުވައްޒަފުންނާ ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް ފުރައްސާރަކުރި މަންޒަރު ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

