ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19 ގައި ނޫސްވެރިން ކުރަމުންދާ މަސައްކަތް: “ތާރީހު ލިޔެވޭނީ ނޫސްވެރިންގެ ވާހަކަތަކާއި އެކު”!

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ އޮންލައިން ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރެއްގެ ވެސް، މޭއި މަހުގެ 4 ވަނަ ދުވަހަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މި ދުވަސް މީގެ ކުރިން، ކޮންމެ ނޫސްވެރިއެއް ވެސް ފާހަގަކުރަމުން އައި ވޭތުވެ ދިޔަ އަހަރުތަކުގައި ތަޖުރިބާ ކުރަންޖެހުނު ބައެއް ކަންތަކާއި އެކުއެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރަކީ ނޫސްވެރިންނަށް އެއްގޮތަކަށް ވެސް ފަސޭހަ އަހަރުތަކެއް ނޫނެވެ. އޭރު ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމެއްގެ ސަބަބުން، ކޮންމެ ދުވަހެއް ވެސް ނިންމާލަން ޖެހުނީ ވަރުބަލިކަން މަތީއެވެ. އަދި އެ ދުވަސްތައް މަތީން ހަނދާނެއް ވެސް ނުނެތޭނެއެވެ.

2020 ވަނަ އަހަރާއި ކޮންމެ މީހަކުވެސް ކުރިމަތި ލީ އާ އަޒުމްތަކަކާއި އުންމީދުތަކާއި އެކުއެވެ. އޭގެ ތެރޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭނެ ބަޔަކަށް ނޫސްވެރިން ވާނެއެވެ. މިނިވަންކަމާއި އެކު، ހަމަޖެހިލައިގެން ނޫސްވެރިކަން ކުރެވޭނެ ކަމުގެ އުންމީދު ކުރީމެވެ.

ދުނިޔެ މިހާރު ކުރިމަތިލަމުންދާ ބަލިމަޑުކަމުގެ ތެރޭގައި، ރައްޔިތުންނާއި ހަމައަށް މައުލޫމާތުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން މިދަނީ ނޫސްވެރިންނެވެ. ކުރު ގޮތަކަށް ބުނާނަމަ، ނޫސްވެރިއާ އަކީ، ފަރުދާއެއްގައި ފޮރުވިފައި ހުރި ނަމަވެސް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ އެކަކުއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ޕްރެސްތަކުގެ ތެރެއިން

ނޫސްވެރިއެއްގެ ހައިސިއްޔަތުން މިއަދު އިހުސާސް ކުރެވެނީ ތަފާތު ތަޖުރިބާއެކެވެ. ގެއަށް ދެވޭނެ ދުވަހެއް، ވަގުތެއް ނޭނގެއެވެ. މަންމަ އާ ބައްޕަ އަދި އާއިލާގެ އެހެން މެމްބަރުންނާއި ދެން ބައްދަލުވާނެ އިރެއް ވެސް ނޭނގެއެވެ. ވަށައިގެންވާ ހަތަރު ފާރެއް ތެރޭ މިހެން ބަންދު ވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި ފެތުރިފައިވާ މިންވަރާއި އަދި ރާއްޖޭގެ ހާލަތުގެ މައުލޫމާތު ހޯދާ އެ މައުލޫމާތުތައް ސިކުނޑީގެ ތެރޭ ކުރަހާލައިގެން ހުންނަން ޖެހުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ކޮންމެ ނޫސްވެރިއެއް ވެސް ހުންނަކީ މައުލޫމާތު ދޭ އިދާރާތްތަކުން އާއްމު ކުރާ ބަޔާންތަކާއި، އަދި ކުރާ ޓުވީޓުތަކުގެ ނޮޓިފިކޭޝަން ފޯނަށް އަދި ސިސްޓަމަށް އަންނަ ގޮތަށް ހަދާފައެވެ. ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީގެ ނޮޓިފިކޭޝަނާއި އެކި، ފޯނަށް ބަލާލެވެނީ އެއީ އިތުރު ކްލަސްޓާއެއްގެ ބަންޑަލްކޮށް އައި ޕޮޒިޓިވް ކޭސްތަކަށް ނުވާނެ ކަމުގެ އުންމީދާއި އެކުއެވެ. ހާއްސަކޮށް ރޭގަނޑު ދަންވަރު އަންނަ ނޮޓިފިކޭޝަންތަކެވެ.

ނޫސްވެރިންނަށް މި ދުވަސްތަކުގައި ވަރަށް ފާޑުކިޔުންވެސް އަމާޒުވިއެވެ. ޕްރެސް ކޮންފަރެންސްތައް ނިންމާލުމަށްފަހު، ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ޓްވިޓާ ހުޅުވާލާއިރު ފެންނާނީ ނޫސްވެރިންނަށް އަމާޒުކޮށް ލިޔެފައި ހުންނަ ވާހަކަތަކެވެ.

މިއަދު ރާއްޖޭގެ ހަތަރު މެއިން ސްޓްރީމް ޓީވީ މީޑިއާގެ ނޫސްވެރިން ތިބީ ތަނުގައި ލޮކްޑައުން ވެފައެވެ. އޭގެ ތެރޭގައި އަޅުގަނޑުމެން ސަންގު ޓީވީގެ އިތުރުން، ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއި، ރާއްޖެ ޓީވީ އަދި ވީޓީވީ ހިމެނެއެވެ. ބައެއް ނޫސްވެރިން މަސައްކަތް ކުރަމުން އަންނަނީ ގެއިންނެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބުނެވެ. ސިޔާސީ އެތައް ބައެއް ވެސް ދުވަހުގެ ތަހުނިޔާ މެސެޖުތަކުގެ ޒަރިއްޔާއިން ފޮނުވިއެވެ. ސޯޝަލް މީޑިއާއިން ވެސް މެސެޖުތައް ލިބުނެވެ. އެކުވެރި ނޫސްވެރި އެކަކު އަނެކަކަށް ހިއްވަރު ދިނުމުގެ މެސެޖުތައް ފޮނުވިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދާ ޕްރެސްތައް

އެހެން ނަމަވެސް، އެންމެ ތަފާތު ގޮތަކަށް ދުވަހުގެ ތަހުނިޔާ ފޮނުވި ފަރާތަކީ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. ވޭތުވެ ދިޔަ މަހެއް ހާ ދުވަސް ހޭދަ ކުރީ، ކޮންމެ ދުވަހެއްގެ ދެ އިރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުންނެވެ. މި މުއްދަތުގެ ތެރޭގައި ނޫސްވެރިންނާއި، މަބްރޫކާއި ދެމެދު އުފެދިފައި އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. ދަރުބާރުގޭގައި ބޭއްވި ބައްދަލުވުންތަކަށް ފަހު އެންމެން އެކީ ވަގުތުކޮޅެއް ހޭދަ ކުރެއެވެ. އޮންލައިންކޮށް ކުރިޔަށް މި ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފަހު ވެސް، ނޫސްވެރިންގެ ވަކިވަކި ސުވާލުތަކަށް މަބްރޫކް ވަގުތު ދެއްވައެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން، މަބްރޫލް ވަނީ އިތުރު ކަމެއް ފާހަގަކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެ ނޫސްވެރިންގެ ދުވަހުގެ ތަހުނިއްޔާ ފޮނުއްވާފައެވެ.

މަބްރޫކް ވިދާޅުވީ ވަރުބަލިކަމެއް ނެތި، ނޫސްވެރިން ކުރަމުންދާ މަސައްކަތްތައް ގައުމުގެ ތަރީހުގައި ލިޔެވޭނެ ކަމަށެވެ. އަދި ލޮކްޑައުންއާއި އެކު ނޫސްވެރިން ގެއަށް ނުގޮސް މަސައްކަތް ކުރަމުން އަންނަކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެންމެ ބޮޑު މަސައްކަތަކީ އެއްވެސް ތަފާތު ކުރުމެއް ނެތި، ސައްހަ މައުލޫމާތު ނޫސްވެރިންނާއި ހަމައަށް ގެނެސްދިނުން ކަމަށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދިޔަ ޕްރެސްތަކުގެ ތެރެއިން – ފޮޓޯ: ސަން

“އަޅުގަނޑަށް ޔަގީން ދިވެހިރާއްޖޭގެ ތާރީހުގައި މި ހިނގައިދާ ބޮޑު ކާރިސާގެ ވާހަކަ ލިޔެވޭ އިރު ތިޔަބޭފުޅުން ގައުމަށްޓަކައި ތި ކޮށްދެއްވާ މިންނެތް މަސައްކަތް ވެސް ލިޔެވިފަ އޮންނާނެ. އަޅުގަނޑުގެ މުޅި ހަޔާތުގެ އެންމެ ބޮޑު އެއް ފަހުރު، އެއީ ތިބޭފުޅުންނަށް މި މަސައްކަތުގައި އެހީތެރިވުމުގެ ފުރުސަތު ލިބުމަކީ” މަބްރޫކް

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދިޔަ ޕްރެސްތަކުގެ ތެރެއިން – ފޮޓޯ: ޝަރުހާން/ ރައީސް އޮފީސް

މިނިވަން ނޫސްވެރިކަމުގެ ދުވަހެއް ފާހަގަ ކުރިއިރު، މީޑިއާތަކުން އަދި ނޫސްވެރިއަކު ކުރާ ސުވާލަކީ “މިނިވަން ނޫސްވެރިކަމެއް އެބައޮތް ތޯ؟” މި ސުވާލެއް ނޫނެވެ. މީޑިއާ ދެމި އޮވެދާނެތޯ އެ ސުވާލެވެ. އެތައް މީޑިއާއެއްގެ ސްޕޮންސާތައް ކަނޑާލާފައިވާއިރު، ސްޓާފުންގެ މުސާރަ ހަމަޖެހޭނެ ގޮތެއް ނޭނގެއެވެ. އެހެން ނަމަވެސް، އަޅުގަނޑުމެން އެއްވެސް ނޫސްވެރިއެއް އެއީ ލިބޭ މުސާއަކަށް މަސައްކަތް ކުރާ މީހެއް ނޫނެވެ. ރާއްޖޭގައި ކުރާ މަސައްކަތާއި އަދި ކުރަންޖެހޭ އަޅާބަލާ އެންމެ ދަށް މުސާރައެއް ވެސް ލިބެނީ ނޫސްވެރިއާ އަށެވެ.

އުންމީދަކީ، މި ހާލަތާއި ގުޅިގެން އެއްވެސް މީޑިއާއަކަށް ގެއްލުމެއް ނުވުމެވެ. އެއްވެސް އެކުވެރި ނޫސްވެރިއަކަށް ދައްޗަކާއި ދިމާނުވުމެވެ. ހަމަގައިމުވެސް، މިހާލަތު ނިމިގެންދާއިރު އެކަކު އަނެކަކާއި އަޅުގަނޑުމެން ހިއްސާ ކުރާނީ އުފާވެރި ވާހަކަތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: