ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލީގެ ނުރައްކާ އޮތް ތަންތަނުން ސާމްޕަލްތައް ނަގާނެ، ނަމްބަރުތައް އިތުރުވުމުގެ ފުރުސަތު!

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާ އޮތް ހެން ހީވާ ބައެއް ސަރަހައްދުތަކުން ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު، އޭގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވެ ނަމްބަރުތައް އިތުރުވެގެން އައުމުގެ ފުރުސަތު އެބައޮތް ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިތުރު އެއްވެސް ކޭސްއަކާއި ގުޅުމެއް ނެތް 39 މީހަކު ފާހަގަކުރެވިފައި ވާ ކަމަށެވެ. އެ ހުރިހާ އެންމެން ވެސް މިވަގުތު ތިބީ އައިސޮލޭޝަންގައި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އިތުރު އެއްވެސް ކޭސްއަކާއި ގުޅުމެއް ނެތި މާލޭގައި ބަލި ޖެހިފައި ހުރި މީހުން ފެންނަން ފަށައިފިކަމުގައި ވާނަމަ އެއީ ފެށޭ ކޮޅެއް ނޭނގި އެކި ދިމާތަކުން ވަލި ފަތުރުން ކަމަށެވެ.

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އަފްޒަލް ވިދާޅުވީ އިންޑިޕެންޑެންޓް ކޭސްތައް ފެންނަން ފަށައިފިނަމަ އެއީ ނުރައްކާ ކަމަކަށް ވެދާނެ ކަމަށެވެ. އެފަދަ ހާލަތެއްގައި މީހާއަށް ބެލި ޖެހުނު ގޮތެއް ހޯދަން އުނދަގޫ ވާނެކަން ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭން ފެނުނު މިފަދަ ކޭސްތައް މަދު ކަމަށެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ބަލި ޖެހިފައި ތިބި މީހުން ފެނުނުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ އެންމެ ބޮޑު އެއް ސަބަބަކީ، ޓެސްޓު ކުރަންޖެހޭ ބިދޭސީން ތިބުން ކަމަށް އޭނާ ވިދާޅުވިއެވެ. ދިރިއުޅުމުގެ ހާލަތު ހުރިގޮތުން، ތޮއްޖެހިގެން އެތައް ބިދޭސީންނެއް އެއްތަނެއްގައި ދިރިއުޅޭއިރު މިތަންތަން މޮނީޓަރިން ހާލަތަކަށް ގެނެވިފައިވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެހެން ކަމުން، މިފަފަ ހާލަތު ދަށް ގެތަކުން ސާމްޕަލްތައް މިހާރުވެސް ނެގުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު، ނަމްބަރުތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވަނީ، ބައެއް ހައިރިސްކު އޭރިއާތަކެއް ވެސް ނަގަން ޖެހޭކަން ފާހަގަކުރައްވާފައެވެ. ޑރ. އަފްޒަލް ވިދާޅުވީ ގޮތުން ނުރައްކާ އޮތް އޭރިއާތަކަކީ އެއީއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ފެންނަނީ ކަލަސްޓާތަކާއި ގުޅޭ މީހުން ކަމަށެވެ. އަދި މިގޮތަށް ފެންނަ މީހުންގެ ކޮންޓެކްޓުތައް މަދުކަމަށް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެނީ ބަލި ފެތުރޭ މިންވަރު މިނިމައިޒް ކުރުމަށް ކަމަށެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން މާލޭގެ ހާލަތު ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު، ހާއްސަ ސަމާލުކަމެއް ބިދޭސީންނަށް ދޭން ޖެހެއެވެ. ބައެއް ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ފާހަގަކޮށް، ބަލީގެ ނުރައްކާ އޮތް މިންވަރު ބަލާ 23 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އެ ގެތަކުން މީހުން ވަދެ ނިކުތުން ވެސް ވަނީ މަނާ ކުރެވިފައެވެ. ގެ ވަށާ ޓޭޕު ދެމުމަށްފަހު ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު އެ މީހުންގެ ކެއުމުގެ ކަންކަން ފޯރުކޮށްދެމުން ދަނީ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުންނެވެ.

ހާލަތު ދަށް ގެތަކުން ބިދޭސީން ބަދަލު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

މޮނީޓަރިންގައި ހުރި ގިނަގެތަކުން މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ކަލަސްޓާއަކީ، ޓްރިޕަލް ސީގެ ކަލްސަސްޓާއެވެ. އެ ކޭސްގައި އެއް ތަނެއްގައި ދިރިއުޅޭ 95 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ ކޭސްއާއި ގުޅޭގޮތުން ޑރ އަފްޒަލް ވިދާޅުވެފައިވަނީ، އެ ގެއަކީ އެއީ މޮނީޓަރިންގައި ހުރި ގެއެއް ކަމަށެވެ. އަދި އެ މީހުންގެ މޫވްމެންޓެއް ނެތުމުގެ ސަބަބުން އިތުރު ބަޔަކަށް އެ މީހުންގެ ފަރާތުން ބަލި އެރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

މާލޭގައި ބަލި ޖެހުނު މީހުންނާއި ގުޅޭގޮތުން ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވި މީހުންގެ ތެރެއިން 41 އިންސައްތަ މީހުންގެ އެއްވެސް އަލާމާތްތަކެއް ނެތް ކަމަށެވެ. އަދި ޕޮޒިޓިވް ވި ކުޑަކުދިންގެ ފަރާތުން ވެސް ބަލީގެ އަލާމާތްތަކެއް ނުފެންނަ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ، މާލޭގައި ބަލި ޖެހި ބަލި ހުރިކަން ނޭނގޭ މީހުން ތިބެދާނެ ކަމަށެވެ. އަދި ބަލި ޖެހި އަމިއްލައިން ބަލިން މީހުން ރަނގަޅުވެފައި ވެސް ހުރެދާނެ ކަމަށެވެ. ނަމަވެސް، އެންޓި ބޮޑީ ޓެސްޓުން އެކަން އެނގޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: