މާލޭ ހުޅަނގު ފަރާތު ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުގެ ޔުނިޓްތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންގުމާ ގުޅިގެން، އެތަންތަން ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ބައްދަލުކުރައްވައި ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
އެ ފުޑްކޯޓުތައް ހިންގަމުންދާ ވިޔަފާރިވެރިން މޭޔަރ އާޒިމްއާ ބައްދަލުކުރައްވާފައިވަނީ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
އެސްޓީއޯއިން އެ ފުޑްކޯޓުތައް ހިންގާ ފަރާތްތަކަށް ތަން ހުސްކުރުމަށް 90 ދުވަހުގެ ނޯޓިސްއެއް ދީފައިވަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް، ކުއްލިއަކަށް ތަން ހުސްކުރަން އެންގުމުގެ ސަބަބުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ވިޔަފާރިތަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން މޭޔަރ އާޒިމަށް ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ، ފުޑްކޯޓުތައް ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކަށް ބޮޑު ގެއްލުމެއް ނުލިބޭނެ ފަދަ އިންސާފުވެރި ހައްލެއް މި މައްސަލައިގައި ހޯއްދަވައިދެއްވުމަށެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ވަރަށް ގާތުން ބަލައި އިހުސާސްކުރާ ކަމަށެވެ.
އޭގެ އިތުރުން، ވިޔަފާރިވެރިންނަށް ގެއްލުން ކުޑަވާނެ ގޮތަކަށް، މިކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވާފައެވެ.
ހާބަރު ސަރަހައްދުގައި ފުޑްކޯޓު ތަރައްގީކޮށް ޚިދުމަތް ދޭން ފެށީ މޭ 2018 ގައެވެ. އަދި ރަސްމީކޮށް އިފްތިތާހުކުރީ 23 ޖުލައި 2018 ގައެވެ. 2016 ގައި އެސްޓީއޯއާ ހަވާލުކުރި އެ މަޝްރޫއަށް މުޅިއެކު 32 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

