ކޮންގްރެސް ބޭއްވުމަށް ސަރުކާރުން ހުރަސް އެޅިޔަސް ވެގެންވާ މިންވަރަކުން ހުއްޓާ ނުލައި އެ މަސައްކަތް ކުރިއަށް ގެންގޮސް ޕާޓީ ފަހުރުވެރިވާނެ ފަދަ ކޮންގްރެސްއެއް ބާއްވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހު މާލޭ ސިޓީ ހޯލްގައި އަދި އެތަނުގެ ގޯތިތެރޭގައި ޓެންޓެއް ޖަހައިގެން ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސް އިބްރާހިމް ވަހީދު (އިބުރޭ) ފާހަގަކުރެއްވީ، ވެރިކަންކުރާ ޕީއެންސީން މިފަހުން އެ ޕާޓީގެ ކޮންގްރެސް ބާއްވާފައިވާއިރު، އެ ކޮންގްރެސް ބޭއްވީ މާލޭގައި ހުރި އެންމެ ބޮޑު ހޯލް ކަމަށްވާ ސޯޝަލް ސެންޓަރާއި ތިން ސްކޫލު ނަގައިގެން މުޅި ސަރަހައްދު ބަންދުކޮށްގެން ކަމަށެވެ.
ނަމަވެސް، އެމްޑީޕީއަށް ކޮންގްރެސް ބާއްވަން ތަނެއް ހަމަޖަހައްސައިނުދިންއިރު، ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ކޮންގްރެސްގައި ވިދާޅުވިކަން އޭނާ ފާހަގަކުރެއްވިއެވެ.
”އަދި ކޮންގްރެސްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި، ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދެއްވާ ވާހަކަ އެ ބޭފުޅާ. އެވަގުތު އަޅުގަނޑު ހިތައް އެެެރި ހުރި ހަޔާތްކުޑަކަން ދެކިބަލާށޭ އަޅުގަނޑުމެންނަށް ކޮންގްރެސް ބާއްވަން ތަނެއް ނުދީ މާލޭގެ ތިން ސްކޫލު ހިސޯރުކޮށްގެން ކޮންގްރެސް ބާއްވައި، ސޯޝަލް ސެންޓަރުގައި ކޮންގްރެސް ބޭއްވީ ތިން ސްކޫލު ހިސޯރުކޮށްގެން،“ އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާއިރު، މަންދޫބުންގެ ގޮތުގައި މިވަގުތު 986އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޮންގްރެސްއަށް ހާއްސަ ވެބްސައިޓުން ކޮންގްރެސްއަށް ރަޖިސްޓްރީކުރެވޭނެ ކަމަށާއި މަންދޫބެއްތޯ ވެސް ބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންގްރެސްއާ ގުޅޭގޮތުން އާންމުކުރާ މައުލޫމާތު ވެސް އެ ވެބްސައިޓުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މި މަހުގެ 20 އިން 25 އަށް އޮންލައިން ރަޖިސްޓްރޭޝަނަށް ހުޅުވާލާފައި ބާއްވާނެ ކަމަށާއި، މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކޮންގްރެސްގެ ކިޓު ހަވާލުކުރަން ހަމަޖެހިފައިވަނީ މި މަހުގެ 29 އިން 30 އަށް ކަމަށް އިބުރޭ ވިދާޅުވިއެވެ.
ޕާޓީގެ ނައިބު ރައީސް މާލީ މުހައްމަދު ޝިފާޒް ވިދާޅުވީ، ކޮންގްރެސް ބާއްވަން ވަރަށް ދަތި ކަމަށާއި މާލޭ ސަރަހައްދުން އެއްވެސް ތަނެއް ސަރުކާރުން ދޫނުކުރި ކަމަށެވެ. ޓެންޓު ޖަހައިގެން ސެންޓްރަލް ޕާކުގައި ކޮންގްރެސް ބާއްވަން އެދުމުން ވެސް އެ ފުރުސަތު ނުދިން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ސްކޫލުތަކަކީ ސިޔާސީ ކަންކަމަށް ދޫކުރާ ތަންތަން ނޫން ކަމަށް ސަރުކާރުން ބުނެފައިވާނަމަވެސް، ޕީއެންސީގެ ކޮންގްރެސްއަށް މާފައްނު މަދަރުސާ، ހިރިޔާ ސްކޫލު އަދި ތާޖުއްދީން ސްކޫލު ވެސް ބޭނުންކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސޯޝަލް ސެންޓަރާއި ވަށައިގެންވާ މަގުތައް ވެސް ހިމެނޭގޮތަށް ޕީއެންސީގެ ކޮންގްރެސްއަށް ނެގީ މާލޭގެ މުޅި އަވަށެއް ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސް މިފަހަރު ބާއްވަނީ ޕާޓީގެ ކޮންގްރެސް މެމްބަރުން ކަމަށާއިި، އިދިކޮޅުގައި ޕާޓީ އޮންނައިރު އަބަދުވެސް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އާންމު މެމްބަރުންނާއި ގުނަވަންތަކުގެ އިސް ފަރާތްތަކުން ކަންކަމަށް ދޭ ޝައުގުވެރިކަން ކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި މާލޭ ސިޓީ ހޯލްގައި ކޮންގްރެސް ބޭއްވިޔަސް، އެމްޑީޕީ ފަހުރުވެރިވާނެ ފަދަ ކޮންގްރެސްއެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑު ތިބޭފުޅުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އެމްޑީޕީ ފަހުރުވެރިވާނެ އެމްޑީޕީ އެކަމަށް ޓަކައި އަބަދުވެސް އެ ވާހަކަ ދައްކަމުން ގެންދާނެ ރަނގަޅު ކޮންގްރެސްއެއް ކޮންގްރެސްމަނުންނަށް އަދި އެމްޑީޕީގެ މެމްބަރުންނަށް އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ،“ ޝިފާޒް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ ދުވަހު ވެސް ޝަރުތުހަމަވާ ދެބައިކުޅަ އެއްބައި ކޮންގްރެސްމަނުން ރަޖިސްޓްރީވެފައިވާ ކަމަށާއި މިއަދުގެ ނިޔަލަށް ހުރިހާ ފަރާތްތަކުން ރަޖިސްޓްރީކޮށް ނިމޭނެކަމަށް ބެލެވޭ ކަމަށެވެ. އަދި ކޮންގްރެސްގެ ކަންކަން ކުރިއަށްދާނެ ގޮތާ ބެހޭގޮތުން ވިދާޅުވީ:
- އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ
- އޮކްޓޯބަރު ދެވަނަ ދުވަހު މެންދުރުފަހުން ފެށިގެން އޮންނާނީ އިންވެސްޓްމެންޓް ފޯރަމް
- އޮކްޓޯބަރު ތިން ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ރަސްމީ ކޮންގްރެސް ފެށިގެންދާނެ
- އޮކްޓޯބަރު ތިން ވަނަ ދުވަހުގެ ރޭ އަސާސީ ގަވައިދަށް ހުށަހަޅާ އިސްލާހުތައް ފާސްކުރެވިގެންދާނެ
މިފަހަރު އެމްޑީޕީގެ ކޮންގްރެސްގެ ޝިއާރަކަށް ހަމަޖައްސާފައިވަނީ ”ރަށްވެހި އުފެއްދުން“ އެވެ. އެގޮތުން އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން އެ ރަށެއްގައި ކުރިއަށް ގެންދާނެ މަޝްރޫއުތައް ކަނޑައަޅައި، އެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދައި ޕާޓީ މެދުވެރުކޮށް އެ މަޝްރޫއުތައް ހިންގޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

