ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލަ: ތަހުގީގު އަދިވެސް ކުރިޔަށް، ރިޕޯޓު ނިމުނު އިރު ވެސް ގޯހެއް ނުފެނުނު!

- ކުރީގެ ހެލްތް މިނިސްޓަރު އަމީން އާއި އޭސީސީގެ ރައީސް ޝިއުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ރޯގާއާއި ގުޅިގެން ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ކުންފުނިތަކަށް ބިޑް ދިނުމުގައި ހެލްތް މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރިއަށް ގެންދާ ތަހުގީގަށް މިހާތަނަށް ހޯދުން ހޯދުމުން ކޮރަޕްޝަންގެ އަމަލެއް ފެނިފައިނުވާކަން އެ ކޮމިޝަނުގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ކޮވިޑާއި ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް ކުރިޔަށް ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު އުފެދޭ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. އަދި ވެންޓިލެޓަރު ގެނައުމަށް ކުންފުނިތަކާއި ހަވާލު ކުރުމުގައި ކޮރަޕްޝަން އެކުލެވޭކަމުގެ އަޑުތަކެއް ވަރަށް ބޮޑަށް ގަދަވެ، ތުހުމަތުތައް ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ކުރެވުނެވެ.

މައްސަލައާއި ގުޅިގެން ކަމާއި ގުޅުންހުރި އިދާރާތްތަކުން މައުލޫމާތުތައް އެއްކޮށް، ހޯދާއިފާ ލިޔެކިޔުންތަކުގެ މައްޗަށް ދިރާސާކުރުމަށްފަހު އޭސީސީން ވަނީ ތަހުގީގުގެ ހުލާސާ ރިޕޯޓެއް އާއްމުކޮށްފައެވެ. ނަމަވެސް ރިޕޯޓު އާއްމުކޮށް އޭސީސީން ވަނީ މައްސަލައިގައި އަދިވެސް ބަލަންޖެހޭ އިތުރު ބައެއް ކަންތަކާއި، ހޯދަންޖެހޭ ލިޔުންތަކެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

މައްސަލައާއި ގުޅިގެން ފާހަގަކުރެވުނު ކަންތަކަށް އޭސީސީން ބުނެފައިވަނީ ކޮވިޑު ބައްޔާއި ގުޅިގެން 149 ވެންޓިލޭޓަރެއް ގަތުމަށް 03 ކުންފުންޏަކާއި، 04 އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް އެތަކެތީގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނެވިފައިވަނީ 22 ވެންޓިލޭޓަރެއްކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ނަމަވެސް ރޭ ދަރުބާރުގޭގައި އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެފައިވަނީ ދުބާއީން ބުރާސްފަތި ދުވަހު 10 ވެންޓިލޭޓަރު ގެނެސްފައިވާ ކަމަށެވެ. އެ ވެންޓިލޭޓަރުތަކަކީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެއަށް ގެނައުމަށް ހަވާލުކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ވެންޓިލޭޓަރުތަކެވެ. މަބްރޫކް ވިދާޅުވެފައިވާ ގޮތުން މި މަހުގެ ތެރޭގައި ދުބާއީ ކުންފުނިން 45 ވެންޓިލޭޓެއް ގެންނާނެއެވެ.

ވެންޓިލޭޓަރު ހޯދުމާއި ގުޅޭގޮތުން އޭސީސީން ބުނެފައިވަނީ ނާޑު ޕްރައިވެޓް ލިމިޓެޑާ ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ޓްރާންސްޕޯޓަބަލް 04 ވެންޓިލޭޓަރުގެ ޕްރޮކިއުމެންޓް ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.23 މާއްދާގައި ބަޔާންކޮށްފައިވާ ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުން ކަމަށެވެ. އެގޮތުން ބިޑު ހުށަހެޅުމުގެ ރިކުއެސްޓު 16 ފަރާތަކަށް މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ހެލްތް މިނިސްޓްރީއަށް ވަކިން ފޮނުވާފައިވާ ކަމަށެވެ. އަދި ޕްރީ ބިޑް ބައްދަލުވުން ބައްވާފައިވަނީ އެރޭ 02:00 ގައި ކަމާއި ބިޑުތައް ބަލައިގަނެފައިވަނީ ޖެހިގެން އައި ދުވަހުގެ 15:30 ގައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރި ތިން ކުންފުނި:

ނާޑު ޕްރައިވެޓް ލިމިޓެޑް (24 ވެންޓިލޭޓަރު)
މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (50 ވެންޓިލޭޓަރު)
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ، ޑުބާއީ (75 ވެންޓިލޭޓަރު)

މެޑްޓެކުން ރާއްޖެ ގެނައި ވެންޓިލޭޓަރުތައް/ ވެންޓިލޭޓަރުތައް ގެނައީ ގެންނަން ބުނި ތާރީހަކަށް ނޫން

އޭސީސީން ބުނެފައިވަނީ މިއީ ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ރެސްޓްރިކްޓެޑް ޓްރެއިނިންއެއްގައި ދިނުމަށް ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރު މުއްދަތެއްކަން ފާހަގަކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިޔަށް ގެންދާ ޕްރޮކިއުމެންޓުތަކާއި ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.26 މާއްދާފައު (ކުއްލި ހާލަތެއް ނުވަތަ ކުއްލި ހާލަތުގެ ޕްރޮކިއުމެންޓުގެ ކަންތައް ކުރިޔަށް ގެންދިއުން) ބަޔާންކުރާ ހާލަތެއް މެދުވެރިވެގެން ކުރިޔަށްގެންދާ ޕްރޮކިއުމެންޓުތަކުގައި މާލިއްޔަތު ގަވައިދުގައި ކަނޑައަޅާފައިވާ އެންމެކުރު މުއްދަތަށް އަމަލު ކުރުން ލާޒިމެއް ނޫން ކަމަށެވެ.

މީގެ އިތުރުން އޭސީސީން ބުނެފައިވަނީ ބިޑު ހުށަހެޅުމުގެ ރިކުއެސްޓު ފޮނުވާފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީބިޑް މީޓިންއަށް 09 ފަރާތަކުން ހާޒިރުވެ އެކަމަށް 04 ފަރާތަކުން ބިޑު ހުށަހެޅިކަމަށެވެ. އެގޮތުން ވެންޓިލޭޓަރުތައް 10 ދުވަހުގެ ތެރޭގައި ހެލްތް މިނިސްޓްރީއަށް ސަޕްލައިކޮށްދޭން ޖެހެނޭކަމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވީ ނަމަވެސް ބިޑު ހުށަހަޅާފައިވާ 04 ފަރާތްތަކުގެ ތެރެއިން، މި މުއްދަތަކަށް ފެތޭގޮތަށް ބިޑު ހުށަހެޅީ ނާޑު ޕްރައިވެޓުން އެކަނިކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީއިން ދިން މައުލޫމާތުތަކަށް ރިއާޔަތްކޮށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ ޝީޓަށް ބަދަލެއް ގެނެސްފައި  ނުވާކަމަށާއި 10 ދުވަސް ކަނޑައަޅާފައިވަނީ ވެންޓިލޭޓަރު ހޯދަން ޖެހުނީ ވަރަށް ކުރު މުއްދަތެއްގައި އަވަސްގޮތެއްގައި ކަމަށްވެފައި ފަރުކޮޅުގައު ގާއިމްކުރި އައިސީޔޫގެ ހިދުމަތް ދެވެން އޮތީ ވެންޓިލޭޓަރު ހޯދައިގެންކަމަށް ވުމާއި އަދި 10 ދުވަހުގެ ތެރޭގައި ޕޯޓަބަލް ވެންޓިލޭޓަރު މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ކަމަށް މިނިސްޓްރީގެ ސަޕްލައި ޑިވިޜަންގެ ޓެކްނިކަލްއަށް ފެންނާތީ ކަމަށެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި ނާޑު ކުންފުންޏަށް ވެންޓިލޭޓަރުތައް ސަޕްލައިކޮށްދެވިފައި ނުވާތީ އެ މުއްދަތު އޭޕްރިލް 01 އަށް އިތުރުކޮށްދޭން ކުންފުނިން އިތުރުކޮށްދިނުމަށް އެދުނު ކަމަށާއި، އަދި އެގޮތުގެ މަތީން އެ މުއްދަތު މިނިސްޓްރީން އިތުރުކޮށްދިން ކަމަށް އެސީސީން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އޭސީސީން ވަނީ ކޮވިޑުގެ ހާލަތު ދުނިޔެއަށް ދިމާވެ އެކަމުގެ ދަތިކަން އެކި މިންވަރަށް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި އެ ކުންފުނިން ހުށަހަޅާފައިވާ މުއްދަތަކީ އެ ހާލަތުގައި ދެނެތިބެ ހުށަހަޅާފައިވާ މުއްދަތެއްކަމަށް ބެލެވޭއިރު މުއްދަތަށް ތަކެތި ޑެލިވާރ ނުކުރެވިގެން މުއްދަތު އިތުރުކޮށްދޭ ހާލަތުގައި ހަމައެކަނި ކޮންޓްރެކްޓަރ ހުށަހަޅާ ސިޓީއަކަށް ބަލައި މުއްދަތު އިތުރުކޮށްދިނުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމާއި އެ މުއްދަތު އިތުރުކުރަން ހުށަހަޅާ ސަބަބު މިނިސްޓްރީން ކަށަވަރު ކުރަންޖެހޭނެ ކަމުގައި އޭސީސީން ވަނީ ބުނެފައެވެ.

އަދި ނާޑުކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެ ގެނެސްފައިވަނީ، ޑެލިވާ ކުރަންޖެހޭ މުއްދަތަކަށް އެކަން ނުކުރެވި އަނެއްކާވެސް އިތުރުކޮށްދިން މުއްދަތަށް ވުރެ 20 ދުވަސްފަހުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކޮވިޑު ހަލުވިކަމާއި އެކު ފެތުރެން ފެށުމުގެ ސަބަބުން ހޯދަންޖެހޭ މެޝިނަރީސްތަކާއި އިކުއިޕްމެންޓުތަކުގެ ހަރަދުތައް މާލިއްޔަތު ގަވައިދާއި އެއްގޮތަށް ޑޮކިއުމެންޓުތަކާއި އުސޫލުތައް ފުރިހަމަކޮށްގެން ކުރަންޖެހޭ ކަންތައް ކުރުމުގައި ދަތިތަކެއް ދިމާވަމުންދާތީ އެ މަސައްކަތްތައް ލަސްވަމުންދާކަމަށް ބަޔާންކޮށް ކޮވިޑާއި ގުޅިގެން ހޯދަންޖެހޭ ސާމާނުތަކުގެ އަގު 2.5 މިލިއަނަށް  އާއްކޮށްފައިވާކަމަށް އޭސީސީގެ ރިޕޯޓުން ދައްކައެވެ.

ވެންޓިލޭޓަރު މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތުތައް ކުރެވުނު އެކަކަށް އަމީން

12 ސޮފުހާގެ އެ ރިޕޯޓުގައި ތަފްސީލުކޮށް ކުންފުނިތަކުން ހުށަހެޅި ބިޑުތަކަށް އަލިއަޅުވާލާފައި ވެއެވެ. އޭސީސީގެ ރިޕޯޓު ނިންމާލަމުން ބުނެފައިވަނީ ދައުލަތަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި ދައުލަތުގެ މަސައްކަތް ކުރުވުމުގައި ކުރާ އެންމެހައި ކަންތައް އަދި ކުރާ ކޮންމެ ހަރަދެއް ކުރަންޖެހޭނީ ދައުލަތުގެ މާލިއްޔަތު ގާނޫނީ ނިޒާމުގެ ތެރެއިން ކަނޑައަޅާފައިވާ އުސޫލިގެ ތެރެއިން ކަމަށެވެ. އަދި ދައިލަތުގެ ޕްރޮކިއުމެންޓުގެ ނިޒާމުގެ ތެރޭ ދެވިފައި ހުންނަ އިހުތިޔާރުތައް އެއީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ލުއިދިނުމަށް ދެވިފައި ހުންނަ އިހްތިޔާރުތަކެއް ނަމަވެސް އެއިން ކޮންމެ ހާލަތެއްގައި ވެސް އިހުތިޔާރު ކުރަންޖެހޭނީ ދައުލަތުގެ ޕްރޮކިއުމެންޓުގެ ނިޒާމުގެ މައިގަނޑު މަގްސަދުތަކާއި އެ ޕްރޮކިއުމެންޓު ހަރަކާތެއްގެ މައިގަނޑު މަގްސަދު އެންމެ ރަނގަޅަށް ހާސިލްވާނެ ރައްޔިތުންނާއި ދައުތަށް ފައިދާހުރި ގޮތަކަށް ކަމަށެވެ.

މައްސަލަ އަދިވެސް ތަހުގީގު ކުރެވެމުންދާއިރު، އޭސީސީން ރޭ އާއްމު ކުރި ރިޕޯޓަށް ބަލާއިރު ކޮރަޕްޝަންގެ އަމަލެއް ވޭތޯ ނުވަތަ ނޫންތޯ އޭގެއިން ސާފެއް ނޫނެވެ.

އުއެޗްއޯ މެދުވެރިކޮށް ރާއްޖެއަށް ގެނައުމަށް ހަވާލުކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާއި ގުޅޭގޮތުން ދާދިފަހުން ސުވާލު ވެސް އުފެދުނެވެ. ކުންފުނީގެ ސައްހަކަމާއި މެދު އުފެއްދި ސުވާލަށް މަބްރޫކް ވިދާޅުވެފައިވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ލެޖިޓިމޭޓް ކުންފުންޏެއް ތޯ ބަލާފައިވާނެ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެކަން ޔަގީން ކުރުމަށްފަހުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެގްޒެކިއުޓާސް ޖެނެރަލް އަކީ ލައިސެންސް އޮތް ކުންފުންޏެއް ތޯ ޔަގީންކޮށްފައި ވާނެ ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އޭނާ އެކަން ހިނގައިދިޔަ ގޮތް ބަލާ ވާހަކަ ވެސް ދައްކާފައިވާނެ ކަމަށެވެ. ޓްރާންސެކްޝަންގެ މަސައްކަތުގައި އުޅުނު މިނިސްޓްރީގެ އޮފިޝަލުންނާއި ވާހަކަ ދައްކާފައިވާނެކަމަށާއި، އެކަމުގެ ޑޮކިއުމެންޓު ވެސް ހޯދާފައިވަނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: