ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޝަރުޢީދާއިރާއަށް ނުފޫޒް ފޯރުވާ ކަމަށް ބުނާ މައްސަލައެއް ރައީސް ސާލިޙްއަށާއި މަޖިލީހަށް!

ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިފާނަށް ތާއީދު ކުރާ ބަޔަކު ވެގެން މުޅި ޝަރުއީ ނިޒާމު ފުނޑާލައިފިކަމަށް ބުނެ މައްސަލައެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައީސް ސޯލިހަށް ހުށަހަޅުއްވާފައިވަނީ، މއ. ބާބުލްއަވާލީ، އިބްރާހީމް މުޙައްމަދުއެވެ. އިބްރާހިމް މުހައްމަދު އަކީ މިދިޔަ އަހަރު ބޭއްވި މަޖިލީސް އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލައްވައި އެ ދާއިރާއަށް ރައީސް ނަޝީދާއި ވާދަ ކުރެއްވި ފަރާތެވެ.

އިބްރާހިމް ވަނީ މި މައްސަލަ ރައީސްއަށް ހުށަހެޅުއްވިކަން، ޓްވިޓާގައި އާއްމުކޮށްފައެވެ.

މަޖިލީހުގެ އިދާރާއަށް ވެސް މިހާރު ފޮނުވާފައިވާ، މި މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ރައީސް ނަޝީދު ވަޑައިގަތުމަށްފަހު ފާއިތުވެ ދިޔަ ދުވަސްތަކުގައި ދައްކަވާފައިވާ ވާހަކަފުޅުތަކާއި، ކުރައްވާ ޢަމަލުފުޅުތަކުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ޤަޟާއީ ނިންމުންތަކަށް ނުފޫޒު ފޯރުވައި، ވަކިގޮތަކަށް އެ ނިންމުންތައް ބައްޓަން ކުރުމަށް ބާރު އަޅުއްވައި، ޖުޑީޝަރީގެ މިނިވަންކަމާއި ޙުރުމަތަށް އަރައިގެންނެވުން ޢާއްމު ކަމަކަށް ހައްދަވައިފައިވާ ކަމަށެވެ. ދިވެހިރާއްޖޭގައި ޢަމަލު ކުރެވެމުންދާ ޤާނޫނު އަސާސީ އާ، އެ ޤާނޫނު އަސާސީގެ ދަށުން ހެދިފައި ވާ ޤާނޫނުތަކާއި، ދިވެހި ދައުލަތް އެ އުޞޫލުތަކެއްގެ މައްޗަށް ބިނާ ކުރެވި ޤާއިމު ކުރެވިގެން ވާ ޝަރުޢީ، ދުސްތޫރީ، އަދި ޤާނޫނީ ހަމަތައް ލާޒިމުކުރަނީ، ކޮންމެ މީހަކާ މެދުގައި ވެސް ޤާނޫނުގައި ވާގޮތުގެ މަތީން ކަންތައްތައް ކުރުމަށް ކަމަށް ވާއިރު އެއްވެސް މީހަކަށް ޤާނޫނަށްވުރެ މަތީގައި ހުރުމުގެ ފުރުސަތު ލިބެން ނުވާކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

ސިޓީގައި ބުނެފައިވަނީ ޤާނޫނުތައް މުގުރާލާ ކޮންމެ މީހަކާ މެދު ވެސް، ހަމަހަމަކަމުގެ އުޞޫލުން ކަން ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ރައީސް ނަޝީދު ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް ކޯޓިތަކުގެ މައްޗަށް ބާރު ފޯރުވާ ހިންގާ ޣައިރު ގާނޫނީ އަމަލުތަކާއި މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، އެކެން ނުކުރެވޭނަމަ އެއީ ދައުލަތުގައި އަދުލު އިންސާފެއް ނެތްކަމުގެ ހެއްކެއް ކަމަށެވެ.

ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި” ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމަށް ބަޔާންކޮށް ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއިއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެއް” ކަމަށް ބުނެފައިވާ ކަމަށާއި ޤާނޫނު އަސާސީ ލާޒިމު ކުރާ ގޮތުގެމަތީން، ގާނޫނުތައް ކޮންމެ ރައްޔިތުންގެ މެދުގައި ހަމަހަމަ ވުމުގެ އުސޫލާއި އެއްގޮތް ކުރުމަށް އެ ސިޓީގައި ވަނީ ގޮވާލާފައެވެ. އެއާއި އެކު ރާއްޖޭގެ ދުސްތޫރުން ގާއިމު ކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ޝަރުޢީ ނިޒާމު ހަލާކުކޮށް، އެ ނިޒާމަކީ ރައްޔިތުންގެ މަޖިލިހާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ވަސީލަތްތައް ބޭނުންކޮށްގެން، ރައީސް ނަޝީދުގެ ފިކުރުތަކާއި އެދުންތަކާއި އަމުރުތަކަށް ތަބާވާ ޕަޕެޓް ބޮޑީއެއް ކަމުގައި ހެދުމަށް އެމަނިކުފާނު މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

މި ސިޓީގައި ވަނީ ރައީސް ނަޝީދުގެ އަމަލުތަކާއި، ދައްކަވާފައިވާ ބައެއް ވާހަކަތައް ކަމަށް ބުނެ ބައެއް ކަންކަން ހިމަނާފައެވެ. އޭގެ ތެރޭގައި ހިމަނާފައިވަނީ މަޖިލީހާއި، ޖޭއެސްސީގެ އެކި މަސައްކަތްތަކެވެ. އަދި ބުނެފައިވަނީ މިއީ އެއްވެސް މިނިވަން ކަމެއް ނެތި، ރައީސް ނަޝީދުގެ ވިސްނުމާއި އެންގުމާއި އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.

“އެ ތަންތަނުން ޢަމަލު ކުރަމުން ގެންދަނީ ޤާނޫނުއަސާސީއަކަށް، ޤާނޫނަކަށް، ޝަރީޢަތަކަށް، ހަމަބުއްދިއަކަށް، ޟަމީރަކަށް ބެލުމެއް ނެތި، މުޙައްމަދު ނަޝީދުގެ ޒާތީ އަދި ސިޔާސީ މަޞްލަޙަތުތަކާއި، މުޙައްމަދު ނަޝީދުގެ އެންގެވުންތަކާ އެއްގޮތަށްކަމެވެ. އިންޞާފުވެރި ތަޙުޤީޤެއް ކުރައްވައިފި ނަމަ، މިކަން ސާފު ވެވަޑައިގަންނަވާނެއެވެ. ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަކީ ވެސް، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނަކީ ވެސް، ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތައި، ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުތައް ރައްކައުތެރި ކޮށް، ޤާނޫނުގެ ޙުކުމަށް ޙުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވައި ކޮށްގެން ތިބޭ ބަޔަކަށް ވީހިނދު، އެފަދަ ބަޔަކު މުޙައްމަދު ނަޝީދާއި އޭނާގެ ނިސްބަތްވާ ސިޔާސީ ޕާޓީގެ އަމިއްލަ މަޞްލަޙަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނުތައް މުގުރައި، ކޯޓުތަކާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި، ޢަދުލުއިންޞާފުގެ ނިޒާމު ހަލާކު ކުރި ކުރުމަކީ އެކަމުގައި އެކި ސިފަސިފައިގައި ބައިވެރި ވެ އެހީތެރި ވެދިން ހުރިހައި އެންމެން ވެސް ޖަވާބުދާރީ ވާންޖެހޭނެ ކަންކަމެވެ. ނަމަވެސް އެންމެ ފުރަތަމަ މަރުޙަލާގައި ބެލޭން ޖެހެނީ، މުޙައްމަދު ނަޝީދުގެ މައްސަލަ ކަމުގައި ފެންނާތީ، މި ޝަކުވާ ހުށައެޅީމެވެ.” ސިޓީގައި ވެއެވެ.

ޖުމްލަ 09 ކަމެއް މީގެ ތެރޭގައި ތަފްސީލުކޮށް ހިމަނާފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ ފަނޑިޔަރުންނާއި ގުޅޭ މައްސަލަތަކެވެ. ފަނޑިޔާރުންނަށް ތަފާތު އެކި ބަސްތައް ބޭނުންކޮށް، މައްސަލަތައް ބެލުމާއި، ބިރު ދެއްކުން ކުރިޔަށް ގެންދިޔައިރު ރައީސް ނަޝީދު އެކަމަށް ދެއްވީ ހިއްވަރު ކަމަށް ސިޓީގައި ވަނީ ބުނެފައެވެ. ހާއްސަކޮށް ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލުކޮށް ރައްޔިތުންގެ ހިތްތަކުގައި ފަނޑިޔާރުންނާއި މެދު ނަފްރަތު އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ނަޝީދުކަމަށް ސިޓީގައި ވަނީ ބުނެފައެވެ. އަދި ސުޕްރީމް ކޯޓުގެ ޤަޟާއީ ނިންމުންތަކަށް ފާޅުގައި ގޮނންޖަހާ ކޯޓުގެ އަމުރުތަކުގެ މެރިޓާ މެދު ސުވާލު ކުރައްވައި، އެ އަމުރުތަކަށް ނުކިޔަމަންތެރި ވުމަށް ފައުޅުގައި ރައީސް ނަޝީދަށް ތަބާވާ މެމްބަރުން ގޮވާލިކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ކޯޓުތަކުގެ ނިންމުތަކަށް، ހާއްސަކޮށް ސުޕްރީމް ކޯޓުގެ އެންގުމަށް ތަބާވާންޖެހޭއިރު، ރައީސް ނަޝީދު އިސްވެ ހުންނަވާ އެ ބާރުތައް ކަނޑުވާލުމަށް މަސައްކަތް ކުރިކަމަށް ވަނީ ބުނެފައެވެ. އަދި ޖޭއެސްސީގެ މެންޑޭޓުގައި ނުހިމެނޭ ކަންތައް ވެސް ކުރައްވަމުން ގެންދިޔަކަމަށް ހިމަނާފައި ވެއެވެ. ޖޭއެސްސީގައި ތިއްބެވީ ވެސް ރައީސް ނަޝީދު ބޭނުންވާ، “އެކްޓިވިސްޓުން” ގެ ގޮތުގައި ފާހަގަކޮށް ވަނީ އޭގެ ތެރޭގައި އެމަނިކުފާނުގެ ގާނޫނީ ލޯޔަރުން ވެސް ހިމެނޭކަން ފާހަގަކޮށްފައެވެ.

އަދި އެ ބޭފުޅުންތައް ސީދާ ރައީސް ނަޝީދުގެ އެންގެވުމުގެ މަތީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަށް ބިރު ދައްކާ ސުލޫކީ މައްސަލަތައް ބެއްލެވިކަމަށް ވަނީ ބުނެފައެވެ. އެއަށްފަހު ކޯޓަށް އައްޔަން ކުރި މެމްބަރުންތެރޭ އެމްޑީޕީއާއި އެކު ތާރީހު އޮތް މީހުން ހިމެނިކަމަށް ވަނީ ބުނެފައެވެ.

“އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެއިންދުމުގެ މާބޮޑު އިންޞާފެއް އަޅުގަނޑަކަށް ނުވިސްނެޔޭ ވިދާޅުވެ، މި ހިނގާ މެއި މަހުގެ ފަހުކޮޅުގެ ދުވަހެއްގައި ނޯޓެއް ޝާއިޢު ކުރައްވައިފައި ވެއެވެ. މިއީ ވެސް، އެ ވިދާޅުވާ އެއްޗެއްގެ މައުޟޫޢީ ތެދާއި ދޮގު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް، ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލެކެވެ. އެހެނީ، އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުކޮޅު އިއްވި ޙުކުމް މިހާރު އޮތީ އިސްތިއުނާފުގެ މަރުޙަލާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެ މަޖިލީހުގެ ރައީސްކަމުގެ މަޤާމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން، އަދި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ ރައީސުގެ މަޤާމުގައި ވެސް ހުންނަވައިގެން، މިފަދަ ވާހަކައެއް ޢާއްމުކޮށް ދެއްކެވުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންނަށް ނުފޫޒަކަށް ވެދާނޭކަން، އެއީ ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގައި ވެސް ކޯޓުތަކުގެ މިނިވަންކަން ރައްކައުތެރި ކުރުމާއި ހިނގަމުން އަންނަ ޝަރީޢަތްތަކާ ބެހޭގޮތުން ޢާއްމުކޮށް މި ބާވަތުގެ ޚިޔާލުތައް ފައުޅު ކުރުން މަނާ ކުރުމާ ބެހޭ އުޞޫލުތަކުގައި ބަލައިގަންނަ ކަމެކެވެ. މިއީ ވެސް ތަކުރާރުކޮށް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުއްވެވުމަށް ނަޝީދު ކުރައްވަމުން ގެންދަވާ ކަންކަމުގެ ސިލްސިލާޔަށް އިތުރު ވެގެން ދިޔަ ބޮޅެކެވެ.” ސިޓީގައި ބުނެފައިވެއެވެ. 

ސިޓީ ނިންމާލަމުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާޔާއި، 141 ވަނަ މާއްދާއިން އެނގޭ ފަދައިން، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ އެންމެހައި ބާރުތައް ލިބިގެން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ޤާނޫނުން އުފައްދާ ދަށުކޯޓަށް ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ، މަތީގައި ދެންނެވުނު ފަދަ ކަންކަމުގެ ސަބަބުން، ވެއަތުވެދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުގެ މިނިވަން އަދި މުސްތަޤިއްލު ޖުޑީޝަރީގެ ބާރު ކެނޑިއްޖެކަމަށް ބުންޏެވެ.

އަދި އެ ޖުޑީޝަރީ ވަނީ ޤާނޫނުއަސާސީން އެ ޖުޑީޝަރީއާ މަތި ކޮށްފައި ވާ ޢަދުލުއިންޞާފުގެ އެންމެހައި ކަންކަމުގެ އެންމެ އިސް ފަރާތުގެ ދައުރު އަދާ ކުރުމަށް ނުކުޅެދުންތެރި ކޮށްފައި ކަމަށާއި، މިއަދު ރައީސް ނަޝީދާއި އެމްޑީޕީގެ ތެރެއިން އެމަނިކުފާނުގެ ރުހުން އޮތް  ބޭފުޅުންގެ ސަބަބުން ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ލިބުމުގެ ހުރިހައި އުއްމީދެއް  ގެއްލިއްޖެ ކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 7 ވަނަ މާއްދާޔާއި 141 ވަނަ މާއްދާގެ ބާރު ކަނޑުވައިލައި، މިނިވަން ޖުޑީޝަރީއެއްގެ ހިޔާވަހިކަމުން ދިވެހި ރައްޔިތުން މަޙުރޫމު ކޮށް، ޝަރުޢީ ދާއިރާ ހަލާކު ކޮށްލުމުގައި ރައީސް ނަޝީދު އިސްކޮށް އަދާ ކުރެއްވި ދައުރުގެ ކަންކަން ތަޙްޤީގުކޮށް އޭނާގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅޭނޭ ގޮތް ހެދުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: