ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަބްރޫކް: “މައުލޫމާތު ދިނުމުގައި މުވައްސަސާތަކާއި، ނޫސްވެރިން އަދި ރައްޔިތުންނާއި ދެމެދު އެޅުނު ބްރިޖެއް”

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މީޑިއާ ޓީމް/ ފޮޓޯ: މަބްރޫކް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއަށް ދިމާވި ބޮޑު ބަލިމަޑުކަމެއްގެ ހާލަތު ރާއްޖެ ވެސް ކުރިމަތިލާން ޖެހި އެ ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމަށް އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒަކީ، ރައްޔިތުނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކަމާއި ބެހޭ ފަރާތްތަކާއި މެދު އެޅުނު ވަރުގަދަ ބްރިޖެއްކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނިކޮށް ފަތުރުވެރިންގެ ހިދުމަތް ދޭ ތަނަކުން ކޮވިޑުގެ އަސަރު ފެނުނީ މާޗު މަހުގެ 07 ވަނަ ދުވަހުއެވެ. އަދި އެއާއި އެކު ބާއްވަމުން އައި ޕްރެސްތަކާއި އެކު އެންއީއޯސީއެއް އުފައްދާ އެ ސެންޓަރުގެ ތަރުޖަމާނަކަށް މަބްރޫކް ހަމަޖެއްސިއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ހުއްޓުމެއް ނެތި ކޮންމެ ދުވަހަކު ކުރިޔަށް ގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުންތަކަކީ ރާއްޖޭގެ ތާރީހުގައި ވެސް ހުއްޓުމެއް ނެތި ސިލްސިލާކޮށް ދެމިގެންދިޔަ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. މީގެ ކުރިން، ދިވެހިންގެ މާ ބޮޑު ޝައުގުވެރިކަމެއް ނޫސްވެރިންގެ ބައްދަލުވުންތަކަށް ނެތް ނަމަވެސް، ކޮވިޑާއި އެކު ކޮންމެ ދުވަހެއްގެ މެންދުރު ވަގުތު އަދި ރޭގަނޑު ކޮންމެ ރައްޔިތަކު ވެސް އިންތިޒާރު ކުރީ ޕްރެސް ކޮންފަރެންސްތަކަށެވެ.

ފުރަބަންދާއި އެކު މެންދުރުގެ ޕްރެސްތަކަށް ކުޑަ މެދުކެނޑުމެއް އައި ނަމަވެސް ކަމާއި ބެހޭ މުވަސަސާތަކާއި އިދާރާތަކުން ކުރަމުން އައި މަސައްކަތްތައް އާއްމުންނާއި ހަމައަށް ގެނެސްދިނެވެ. އަދި ކޮވިޑުގެ ކަވަރޭޖަށް ކޮންމެ މީޑިއާއަކުން ވެސް ބުރަކޮށް މަސައްކަތް ކުރަމުންދިޔައިރު، ކޮންމެ ދުވަހެއްގެ މެންދުރު 02:30 އާއި ރޭގަނޑު 09:00 އަދި އޭގެ ފަހުން 10:00 އަށް  ބަދަލުވި ޕްރެސްތައް ވެގެންދިޔައީ ނޫސްވެރިކަމުގެ ހަޔާތުގައި އާއްމު ކަމަކަށެވެ. އަދި ޕްރެސްއެއް ކެންސަލްވެ، ގަޑިއަށް ބަދަލެއް އައުން ވެގެން ދިޔައީ ވެސް އުނދަގޫވި ކަމެއްގެ ގޮތުގައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދިޔަ ޕްރެސްތަކުގެ ތެރެއިން – ފޮޓޯ: ސަން

އެންއީއޯސީގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުން ބުދަ ދުވަހުގެ ރޭ ބާއްވާފައިވާއިރު، އެ ބައްދަލުވުން ވެގެންދިޔައީ ނޫސްވެރިންނަށް އުނދަގޫވި ވަގުތަކަށެވެ. އެންއީއޯސީ އުވާލާ، އެހެން އިދާރާއަކުން މަސައްކަތްތަކާއި ހަވާލުވާއިރު އުފެދޭ އެންމެ ބޮޑު ސަވާލަކީ ދެން އެޗްއީއޯސީގެ ތަރުޖަމާނަކަށް ވާނީ ކާކުތޯ އާއި، އެ މީހަކާއި އެކު ނޫސްވެރިންނަށް ގާތް ގުޅުމެއް އުފެއްދިދާނެތޯ އެވެ. އަދި މައުލޫމާތެއް ސާފު ކުރުމަށް އެހާ ފަސޭހަ ވެދާނެތޯ އެވެ. ފާއިތުވީ ތިން މަސް ދުވަހު ނޫސްވެރިން މަބްރޫކާއި އެކު މަސައްކަތް ކުރަމުން އައީ ގާތް ރައްޓެއްސެއްގެ ގޮތުގައެވެ.

އެންއީއޯސީގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު އަމީން ވަނީ މަބްރޫކަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކަވާފައެވެ. އަދި ވިދާޅުވީ އެއީ ކޮވިޑުގެ ދަތި ހާލުގެ ތެރޭގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެޅުނު “ބްރިޖެއް” ކަމަށެވެ. އެންމެ ފުރަތަމަ ވެސް ވާހަކަފުޅު ފައްޓަވަމުން އަމީން ވިދާޅުވީ “މި ރެއަކީ މިއީ، މަބްރޫކުގެ ރެއެއް” ކަމަށެވެ. އަމީން ވިދާޅުވީ މައުލޫމާތުތައް ދިނުމަށް މަބްރޫކް ހަމަޖެއްސުން އެއީ އެންމެ ރަނގަޅު އަދި ތަފާތު ނިންމުން ކަމަށެވެ.

މިފަދަ ހާލަތެއްގައި މަބްރޫކް ނޫސްވެރިނާއި ބޭއްވީ ވަރަށް ބޮޑު ގާތްކަމެއް ކަމަށާއި އަދި ތިން މަސްވަންދެން މިހާ ގިނަ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ މައުލޫމާތު ދިނުމަކީ ވެސް ފަސޭހަ ކަމެއް ނޫންކަން އަމީން ފާހަގަ ކުރެއްވިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނުކަން ކުރެއްވި މަބްރޫކް – ފޮޓޯ: ޝަރުހާން

އަމީން ވިދާޅުވީ މަބްރޫކް އެ މައުލޫމާތު ފޯރުކޮށްދެއްވީ އެއްވެސް ސިޔާސީ ކުލައަކަށް ބެލުމެއް އަދި އެއްވެސް ކޮޅަކަށް ބުރަވުމެއް ނެތި ކަމަށެވެ. ނޫސްވެރިން ކުރި ކޮންމެ ސުވާލަކަށް ވެސް މަބްރޫކް ޖަވާބު ދެއްވިކަމަށް އަމީން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކޭޓްރީގެ މަގާމުގައި ހުންނެވި މަބްރޫކަކީ ކޮމިއުނިކޭޝަން ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. އެހެން ކަމުން ގިނަ ނޫސްވެރިންނަށް މީގެ ކުރިން ވެސް މަބްރޫކް އެނގެއެވެ، އަދި މަބްރޫކާއި އެކު މީގެ ކުރިން މާ ބޮޑު ކޮމިއުނިކޭޝަންއެއް ނުދިޔަ ފާއިތުވީ ދޮޅު އަހަރެއް ހާ ދުވަހުގެ ތެރޭ އެކި މުނަސާބާތަކުގައި ރައީސް އޮފީހުގައި ބާއްވާ ޕްރެސްތަކުން މަބްރޫކާއި ބައްދަލުވެއެވެ. ނަމަވެސް އާއްމުންނާއި، އަދި ނޫސްވެރިންނަށް ވެސް މަބްރޫކް ރަނގަޅަށް އެނގިގެން ދިޔަ ހިސާބަކީ އެންއީއޯސީގެ ތަރުޖަމާނަކަށް ހަމަޖެއްސި ހިސާބުންނެވެ.

ކޮވިޑުގެ ކަންކަމުގައި ސަރުކާކަރުން ކަންކަން އޮޅުވާލާ، ދޮގު މައުލޫމާތު ދޭކަމަށް ބުނެ ވާހަކަތައް ފަތުރަން ފެށި ހިސާބުން އެއްރޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި “ކަމެއް ފޮރުވަންޖެހޭ ހިސާބުން މި ގޮނޑީގައި ނީންނާނަން” މިހެން އޭނާ ވިދާޅުވިއެވެ. އަދި އެ ބަސް ވެގެންދިޔައީ އެތައް ބައެއްގެ ހަނދާނުގައި ހުރި، ވިސްނުމުގައި ވެސް ހަރުލާފައި ހުރި ވާހަކައަކަށެވެ.

https://twitter.com/mabrouq/status/1278414701462818816

މުޅި ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ އާއްމުން މަބްރޫކަށް ކުރި އިތުބާރާއި އިހުތިރާމެވެ. އަދި ވަކިން ހާއްސަކޮށް ނޫސްވެރިން ކުރި އިހުތިރާމެވެ. މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި 111 މީޑިއާ ބައްދަލުވުން މަބްރޫކް ބޭއްވިއެވެ. އެ ޕްރެސްތަކުގައި ނޫސްވެރިންގެ 1000 އަށް ވުރެގިނަ ސުވާލަށް ޖަވާބު ދެއްވިއެވެ. އަދި ޕްރެސްތަކުގެ ބޭރުން ނޫސްވެރިން އޮފިޝަލްކޮށް 681 ސުވާލެއްކޮށްފައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: