ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ލަވަތަކުގައިވެސް ހުންނަނީ ޖިންސީގޯނާއަށް ހިތްވަރު ލިބިދޭފަދަ ވާހަކަތަކެއް: ވަހީދު

އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ލަވަތަކުގައިވެސް ހުންނަނީ މެޓާދީގެން ކުދިން ހައްދާ ވާހަކައާއި، ޖިންސީ ކަންކަމަށް ހިތްވަރުދޭފަދަ ވާހަކަތަކެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމުގެ ގޮތުން ދައުލަތުން ކުޑަކުދިންގެ ރައްކާތެރިކަމަށް ސަމާލުކަންދިނުމަށް އެދި ހުށައަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ވިދާޅުވީ މިހާރު ފެންނަމުންދަނީ ކަންކަން ފޮރުވުމުގެ ސަގާފަތެއް ކަމަށެވެ. އަވަށްޓެރިން ކިޔާފާނެ އެއްޗަކަށް ނުވަތަ ކުއްޖާގެ ނަމުގެ ކުރިއަށް ދީފާނެ ވަނަމަކަށްޓަކައި ކަންކަން ސިއްރުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މެމްބަރު ވަހީދު ވިދާޅުވީ، އެންމެ ފުރަތަމަ ކަމަކަށް ކުރަންވީ މަސައްކަތަކީ ރާއްޖޭގައި މިކަން އޮތް މިންވަރު ދެނެގަތުމުގެ ދިރާސާއެއް ކުރުން ކަމަށެވެ. މިނިވަން މުއައްސަސާތަކުން މިފަދަ ދިރާސާއެއް ހެދުމަށް މެމްބަރު ވަހީދު ވަނީ ގޮވާލާފައެވެ. އަދި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރާއިރު، މިކަންކަމާއި ގުޅޭ އިލްމާއި ތަމްރީން ލިބިފައި ހުރި މީހުން ފުލުހުންގެ އޮނިގަނޑުގައި ހިމެނުން މުހިންމުކަމަށް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޚާއްސަކޮށް ހަދާފައި ހުންނަ ލަވަތަކުގައިވެސް ހުންނަނީ ޖިންސީ ކަންކަމަށް މަގުފަހިވާފަދަ ވާހަކަތައް ކަމަށް ވިދާޅުވިއެވެ. އެގޮތުން ބޭބެއަކު ކުއްޖަކަށް މެެޓާ ދީގެން ހައްދާ ވާހަކައާއި މިނޫންވެސް ވާހަކަތައް ހުންނަކަން ފާހަގަކުރެއްވިއެވެ.

“އަޅުގަނޑު ނުބުނަން ގަސްތުގައި މިހެން ލިޔެފައި ހުރީއެކޭ. އެކަމަކު ބޭބެއަކު ކޮއްކޮ ގާތު ކޯއްޗެއްތޯ ބޭނުންވަނީ އަހައި، މެޓާ ދޭ ވާހަކައާއި، މޫދަށް ގޮސް ދުރަށް ދިޔައިމާ ފުން ވާ ވާހަކަތަކާއި، މަސް ފެންނަ ވާހަކަތައް ލަވަތަކުގައި ހުންނަނީ. ލަވަތަކުގައިވެސް ހުންނަނީ ކޮންމެވެސް ގޮތަކުން ކޮއްކޮއަކާއި ބޭބެއަކާއި ދެމެދު އިންނަ ހައްގުނޫން ގުޅުންތަކެއްގެ ވާހަކަ.”

މެމްބަރު ވަހީދު ވިދާޅުވީ، އަންހެން ކުއްޖަކު ނިދާ ކޮޓަރީގެ ކުޑަދޮރު މަތާލައިގެން ނުވަތަ އެނޫންވެސް ގެއްލުން ދީގެން ކޮޓަރިއަށް ވަދެ ކުއްޖާއަށް ގޯނާ ކުރުމަށް މަސައްކަތްކޮށްފައި ހުންނަތަން ފެންނާނެ ކަމަށެވެ. މިކަމުގެ ޝިކާރައަކަށްވާ ކުދިންގެ ތެރެއިން ގިނަ ކުދިންނަށް އެއްޗެއް ބުނަން ނުކެރެނީ ބިރުން ނުވަތަ ލަދުން ކަމަށާއި، އަޑު އުފުލައި އެއްޗެއް ބުނަން ކެރެނީ މަދު ކުއްޖަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަންހެން ކުއްޖަކު ފުރާވަރަށް އަޅައިގެން ބޮޑުވެގެން އަންނައިރު، ކުއްޖާގެ މައިންބަފައިން އެންމެ ބޮޑަށް ބޭނުންވާނީ އިއްފަތްތެރި އަބުރުވެރި ކުއްޖެއްގެ ގޮތުގައި އެކުއްޖާ ބޮޑުކުރުން ކަމަށް ވިދާޅުވިއެވެ. އަދި އެކުއްޖާ ރަނގަޅު އާއިލާއެއްގެ މީހަކާއި ކައިވެނިކުރުވުމަކީ މައިންބަފައިންގެ ހުވަފެނެއް ކަމަށާއި މިފަދަ ކަންކަން ދިމާވުމުން އެކަން ސިއްރު ކުރަނީވެސް ކުއްޖާގެ އަބުރު ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށް މެމްބަރު ވަހީދު ވިދާޅުވިއެވެ.

އެހެންނަމަވެސް، މިފަދަ މައްސަލަތަކުގެ ހަގީގީ ހައްލަކަށް ދެވޭނީ މިއީ ކިހާ ނުރައްކާތެރި މައްސަލައެއްކަން އާއިލާތަކަށް ކިޔައިދެވިގެން ކަމަށާއި، ކަންކަން ފޮރުވުމުގެ ސަގާފަތް ބަދަލުކުރަންޖެހޭ ކަން ވަހީދު ފާހަގަ ކުރެއްވިއެވެ. 

މިއަދު މިފަދަ މައްސަލަތަކުގެ ވާހަކަތައް ދައްކަން ކެރޭތީވެސް އުފާކުރާކަން ފާހަގަ ކުރައްވައި މެމްބަރު ވަހީދު ވިދާޅުވީ ޝަކުވާކުރަނީ ނުވަތަ އަޑު އުފުލަނީ އެޝަކުވާގެ އަޑު އަހާނެކަމުގެ ޔަގީންކަން ރައްޔިތުންގެ އޮތުމުން ކަމަށް ވަހީދު ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: