ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް އިލްމުވެރިންގެ ބަސް: މިއީ ތަފާތު ހާލަތެއް، ޖަމާއަތުގައި ކުރާ ނަމާދުގައި ގައިދުރުކަން ބެހެއްޓިދާނެ!

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލިތާ ތިން މަސް ފަހުން ހުކުރު ނަމާދު ކުރަން ފެށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި އެކު ދިމާވެފައިމިވަނީ ތަފާތު ހާލަތެއް ކަމަށާއި، ގައިން ގަޔަށް އަރާ ބޮޑު ބައްޔެއްގެ ސަބަބުން މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދާއި ހުކުރުގައި ވެސް ގައިދުރުކަން ބެހެއްޓިދާނެ ކަމަށް ދީނީ ބައެއް އިލްމުވެރިން ބުނެފިއެވެ.

ގާތްގަނޑަކަށް ހަތަރު މަހާއި ގާތްވެފައިވަނިކޮށް، މާލޭގައި ގިނަ ދުވަސްތަކަކަށްފަހު ޖަމާއަތުގައި ވަނީ ހުކުރު ނަމާދުކޮށްފައެވެ. ނަމާދުގައި ގައިދުރުކަމެއް ނެތުމުގެ ސަބަބުން ބައެއް މީހުން އެކަމަސް ކަންބޮޑުވުންފާޅުކުރިއިރު ދީނީ އިލްމުވެރިންވެސް ވަނީ ދިމާވެފައިމިވަނީ ވަކި ހާލަތެއްކަން ފާހަގަކޮށް، ގައިދުރުކަން ބަހައްޓާ ސަފުތައް ހެދުމުގައި ގޯހެއް ނެތްކަން ފާހަގަކޮށްފައެވެ.

ބައެއް އިލްމުވެރިން ވަނީ، މިސްކިތްތަކުގައި ނަމާދު ކުރާއިރު ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރުން މުހިންމު ނޫންކަމަށް ބުނެފައެވެ. ބައެއް އިލްމުވެރިން ވަނީ މި ހިޔާލުތަފާތުވުންތަކާއި އެކު ޓްވީޓުތަކެއްކޮށް ދިނީ ނަޒަރަކުން މިކަމާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ.

ދުނިޔޭގެ އިސްލާމީ އެކި ގައުމުތަކުގައި، މިސްކިތްތަކުގައި ނަމާދުކުރަނީ ގައިދުރުކަން ބަހައްޓައިގެންނެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ، ސައުދީ ފަދަ އިސްލާމީ ގައުމުތަކުގެ މިސްކިތްތަކުގައި ނަމާދުކުރާ ގޮތުގެ ފޮޓޯއަކާއި ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރިގޮތުގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. ރާއްޖޭގައި އަދިވެސް ކޮވިޑުގެ ނުރައްކާތެރިކަން އޮތްއިރު، ދެވަނަ ރާޅެއް އައިސްދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

ހާއްސަކޮށް ލޮކްޑައުންގެ އެންމެ ފުރަތަމަ ލުއިތައް ދޭންފެށިއިރު މާލޭން ފެންނަ ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެގެން ދިޔައެވެ. އޭރު ފެންނަމުން ދިޔަ ކޭސްތަކުގެ ތެރޭގައި ހިމެނެނީ އެކި ކޭސްތަކާއި ކޮންޓެކްޓުވެގެން ކަރަންޓީނު ކުރި މީހުންނެވެ. އެއްވެސް ކޭސްއަކާއި ލިންކެއް ނެތި ފެންނަ ކޭސްތައް މަދުން ފެންނަ ދުވަސްތަކެއް ފާއިތުވުމަށްފަހު އިއްޔެ މާލެއިން ފެނުނު ކޭސްތަކުގެ އަދަދު 64 އަށް އަރައެވެ.

https://twitter.com/dr_a33am/status/1281529499251691521

ބައެއް މީހުން ވަނީ، ކޭސްތައް އިތުރުވެދާނެކަމަށް ހީވެފައިވާ މި ދަނޑިވަޅުގައި ގައިން ގަޔަށް ފަސޭހައިން އަރާ ބައްޔަކާއި މެދު ހާއްސަ ސަމާލުވުމެއް ދޭންޖެހޭކަން ފާހަގަކޮށްފައެވެ.

އިސްލާމީ މަރުކަޒުގެ ފޮޓޯ އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން، ބައެއް މީހުން ވަނީ މީގެ ސަބަބުން ކޮންޓެކްޓުން އިތުރުވުމުގެ ފުރުސަތު ބޮޑުވެދާނެކަން ފާހަގަކޮށްފައެވެ. ނަމަވެސް، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ޓްވީޓެއް ކުރައްވާ ވިދާޅުވީ ހަމައެކަނި ނަމާދަށް ސަފު ހަދާއިރު، ސޯޝަލް ޑިސްޓެންސިން ބަހައްޓައިގެން ނުފުދޭނެ ކަމަށެވެ. ޑރ. އިޔާޒް ވިދާޅުވީ ނަމާދަށް ސަފުތައް ހަދަންވީ ގޮތް ސުންނަތުގައި ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ. އެހެން ކަމުން ނަމާދު ކުރުމުގައި، ރާއްޖޭގައި ސޯޝަލް ޑިސްޓެންސިން ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ދެއްކެވި ވާހައަށް ތާއީދު ކުރައްވާ އަލީ ޒައިދު ވިދާޅުވީ ނަމާދަށް ހޭދަވަނީ ތިން މިނެޓުކަމަށާއި، އެ ވަގުތުކޮޅަށް ޝޯޝަލް ޑިސްޓެންސިން ބަހައްޓަންޖެހޭ ސަބަބެއް ރާއްޖޭގައި ގާއިމްވެފައި އޮތްކަމަށް ނުދެކޭ ކަމަށެވެ.

https://twitter.com/dr_iyaz/status/1281649971054301186

ބައެއް އާއްމުން ޑރ. އިޔާޒުގެ ޓްވީޓަށް ފާޑުކިޔުމުން އެ މީހުންނަށް ދިން ރައްދުގައި އޭނާ ވިދާޅުވީ ހަމައެކަނި މިސްކިތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. ޝޯޝަލް ޑިސްޓެންސިންގެ ވާހަކަ ދައްކާނަމަ މަޖިލީހުގެ ޖަލްސާތަކާއި މެމްބަރުންގެ އަމަލުތައް ހުންނަ ގޮތާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

ބައެއް ފަރާތްތަކުން ވަނީ މިއީ އިސްލާމީ ގައުމުތަކުގައި އަމަލު ކުރާ އުސޫލެއްކަން ފާހަގަކޮށްފައެވެ. އެގޮތުން މައްކާ އަދި މަދީނާ ފާހަގަކުރިއެވެ. ނަމަވެސް އެ މީހުންނަށް ވެސް ރައްދު ދީ ޑރ. އިޔާޒް ވިދާޅުވީ ތަނެއްގައި ވަކި ގޮތަކަށް އަމަލު ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެން ނުޖެހޭކަމަށެވެ. އަދި އެއީ ހުއްޖަތެއް ނޫން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އިޔާޒް ވިދާޅުވީ މައްކާއާއި ރާއްޖޭގެ ހާލަތު ތަފާތުވެދާނެކަމަށާއި، އެ ތަންތަނުގައި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ސޯޝަލް ޑިސްޓެންސިން ބަހައްޓާ ކަމަށެވެ.

ޑރ. އިޔާޒް ވަނީ އޭނާގެ ޓްވީޓަށް، ކޮމެންޓު ކުރި އެންމެނަށް ވެސް ރައްދު ދީފައެވެ.

ބައެއް އިލްމުވެރިން ބުނެފައިވަނީ މި ހާލަތުގައި ނަމާދާއި، ހުކުރު ޖަމާއަތުގައި ކުރާއިރު ގައިދުރުކަން ބެހެއްޓުމަކީ ދީނީ ގޮތުން އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

އުފެދިފައިވާ ބަހުސްގެ ތެރެއިން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ބަލިމަޑުކަން ފެތުރިފައިވުންފަދަ ޝަރުއީ އުޒުރެއް މެދިވެރިވެގެން ގައި ދުރުކޮށް ތިބެ ނަމާދުކުރުމަކުން، ނަމާދަކުން ލިބެ ސަވާބަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި ނަމާދުގައި ސަވާބު ބިނާވެގެން ވަނީ ޚުސޫއަތްތެރިވުމުގެ މައްޗަށް ކަމަށާއި، އުޒުރަކީ އިސްތިސްނާ ހާލަތެއްގެ ގޮތުގައި ޑރ. ޝަހީމް ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/1281881725753274369

ޑރ. ޝަހީމް ވިދާޅުވީ ބަލިމަޑުކަމެއް ފެތުރިއްޖެނަމަ، އިސްލާމީ ޝަރީއާގެ އެންމެ މަތީ ފަސް މަގްސަދަށް އޭގެ ގެއްލުން ފޯރާ، ދީނާއި ފުރާނަ އާއި ބުއްދިއާއި ނަސްލާއި މުދަލަށް ގެއްލުން ވާ ކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ މި ފަސްކަންތައް ހިމާޔަތް ކުރުމަށް، ދީން ބާއްވާލެއްވުނުއިރު މި ކަންކަން ހިމާޔަތް ކުރުމުގެ ފިޔަވަޅުތަކާއި ޝަރުއުގައި ގަބޫލު ކުރެވިގެންވާ ކަންކަން ކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ނަމަވެސް އެކަށީގެންވާ ސަބަބަށްޓަކައި ދުރުދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ މިހާރު ދިމާވެފައި މިވަނީ އެފަދަ ސަބަބެއް ކަމަށާއި، ދުނިޔޭގެ ގައުމުތަކުގައި މި ދުވަސްވަރު ޖަމާއަތުގައި ސަފުތައް ހަދަނީ ގައި ދުރުކުރުމުގެ އުސޫލާއި އެއްގޮތަށް ކަމަށެވެ.

https://twitter.com/maumoonagayoom/status/1281842973185986560

ވެރިރަށް މާލެ ސިޓީން ކޮވިޑު ޖެހިފައިވާ މީހެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އޭޕްރިލް މަހުއެވެ.

ކޮވިޑްއާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ނިންމީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ. ވައިރަހުގެ އަސަރު ހުރެ، ބަޔަކު ތަނަކަށް އެއްވާނަމަ ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މިސްކިތްތަކުގައި ބަންގި ގޮވި ނަމަވެސް ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި ވެއެވެ. އަދި ގައުމުތަކުގެ ހާލަތު ރަނގަޅުވެ، ބަލީގެ އަސަރު ކުޑަވަމުންދާތީ މިސްކިތްތައް ވަނީ ހުޅުވާ ޖަމާއަތުގައި ނަމާދު ކުރަން ފަށާފައެވެ.

މާލޭގެ މިސްކިތްތައް ހުޅުވާލުމުގެ ކުރިން، މާލެ ސަރަހައްދާއި މޮނީޓަރިންގައި ނެތް ރަށްތައް ހިމެނޭހެން ރަށްތަކުގެ މިސްކިތްތައް ވަނީ ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހުޅުވާލާފައެވެ. އަދި މާލޭގައި ވަނީ، ފޭސް އެކެއްގެ ލުއިތަކާއި އެކު މިސްކިތްތަކުގައި ނަމާދު ކުރުމަށް ހުޅުވާލާފައެވެ. މާދަމާ މިސްކިތްތައް ހުޅުވާލަނީ ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށެވެ.

މޮނީޓަރިންގައި ނެތް ރަށްތަކާއި އެކު މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ ރަށްތަކުގެ މިސްކިތްތައް ހުޅުވާލީ، މިދިޔަ ރޯދަ މަހުގެ އެންމެ ފަހު ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: