ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުން: “ޖާގައެއް ނެތް” އިހުތިޖާޖު ކުރިޔަށް ގެންދިއުމަށް ފުލުހުން “ޖާގައެއް” ނުދިން!

މާލޭގައި ކުރިޔަށް ގެންދިޔަ ގެންދިޔަ ޖާގައެއް ނެތް އިހުތިޖާޖުގެ ތެރެއިން: ފޮޓޯ: ޓްވިޓާރ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް، ބޭއްވި “ޖާގައެއް ނެތް” އިހުތިޖާޖަށް ފުލުހުން ހުރަސްއަޅައިފިއެވެ.

އަންހެނުންނާއި، އަންހެން ކުދިންނަށް ކުރާ އަނިޔާގެ ވާހަކަތައް މުޖްތަމައުގެ ތެރޭގައި އިތުރުވެފައިވާއިރު “ޖާގައެއް ނެތް” އިހުތިޖާޖުގެ މައިގަނޑު މަގްސަދަކީ ރައްކާތެރިކަން ލިބިދޭންޖެހޭ މިފަދަ މާހައުލެއްގައި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓާލުމަށް ގޮވާލުމެވެ. އަދި އަންހެނުނަށް ޖިންސީ އަނިޔާކުރާ ކުށްވެރިންނަށް، ވަކި މަގާމަކަށް ނުވަތަ ވަކި ހައިސިއްޔަތަކާއި ވަކި ދަރަޖައަޖަށް ބެލުމެއް ބެލުމެއް ނެތި އަދުލުގެ އިންސާފުގެ ކުރިމައްޗަށް ގެނެސް އެ މީހުންގެ މައްޗަށް ހައްގު އަދަބު ގާއިމް ކުރުމަށް ދައުލަތުގެ ކަމާއި ގުޅުން ހުރި އިދާރާތްތަކަށް ގޮވާލުމެވެ.

ހަރާކާތް ކުރިޔަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، ހައްވާ ޝަފީއާ ރިޟާ، ނޫރުބާން ފަހުމީ، ރާއިއާ މުނައްވަރު، އަރީޖު ހުސެއިން، މަރިޔަމް ޝުނާނާ އަދި ސާރާ ނަސީމްއެވެ.

މިއަދުގެ މެންދުރު 01:30 ގައި އެންމެ ފުރަތަމަ އެ ހަރަކާތް ފެށިގެން ދިޔައީ، ހޮޓެލް ޖެން ކުރިމަތީންނެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިން ފަހަތަށް ޖެއްސުމަށް މަސައްކަތްކޮށްފައެވެ. އެއަށްފަހު މަޑުމަޑުން ކުރިޔަށް ޖެހި، އިހުތިޖާޖުގެ ބައިވެރިން ވެލާނާގެ ކައިރިޔަށް ޖެހުނެވެ. ނަމަވެސް ފުލުހުން ވަނީ، ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތްކޮށް، ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ގޯޅިތެރެއަށް ފަހަތަށް ޖައްސާ ބެރިކޭޑު ޖަހާފައެވެ.

https://twitter.com/Meythss_/status/1282242053171109888

ގާތްގަނޑަކަށް ދޮޅުގަނޑިއެއްހާއިރު ވަންދެން، ދިގުދެމިގެން ދިޔަ އެ ހަރަކާތުގައި ބައިވެރިން ގޮވާލީ އަންހެނުނަށް ކުރާ އަނިޔާތައް ހުއްޓުވާ، ކުށްވެރިންނަށް ހައްގު އަދަބު ދިނުމެވެ. އަދި ވަކި މީހަކަށް ވީތީ، އޭނާ ނުފޫޒު ބޭނުންކުރުމުން މައްސަލަ ނުބަލާ ދޫކޮށްނުލުމަށެވެ.

މީގެ އިތުރުން ކުށްވެރިއެއް މުޖްތަމައުގެ ތެރެއަށް ދޫވެފައި ހުރުމަކީ އެއީ، އޭނާ އިތުރު ކުށަކަށް އަރައިގަނެ އިތުރު މީހަކަށް ދީފާނެ އަނިޔާއެއްގެ ގޮތުގައި ބައިވެރިން ވަނީ ގޮވާލާފައެވެ. ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުން އިސްވެރިންގެ ގޮތުގައި ތިބިއިރު އެ މީހުންގެ އެއްވެސް މައްސަލައެއް ނުބަލަނީ ކީއްވެގެންތޯ އާއި އިންސާފު ހޯދުމަށް މުވައްސަސާތަކަށް އާދޭސްކުރަންވީ ކޮން ސަބަބަކާއި ހުރެތޯ ވަނީ ސުވާލުކޮށްފައެވެ.

އެއްވުން ނިންމާލުމަށްފަހު ސަންގު އާއި ވާހަކަ ދައްކަވަމުން، ގާނޫނީ ވަކީލު އަރީޖް ހުސެއިން ވިދާޅުވީ މި އެއްވުމުމަށް ހުރަސްއެޅުމުން ވެސް އެނގިގެން ދިޔައީ އަންހެނުނަށް ޖާގައެއް ނެތތްކަން ކަމަށެވެ. އަދި އަންހެނުންގެ ހައްގުތަކަށް ވާހަކަ ދައްކާނެ ވެސް މީހެއް މަދުކަން ކަމަށެވެ. ނަމަވެސް މަޑަކުން ނިތިބޭނެ ކަމަށާއި، އަންހެނުންގެ ހައްގު ހޯދުމަށްޓަކާ ކުރިޔަށް އޮތް ތަނުގައި ވެސް މަސައްކަތްތައް ކުރަމުންދާނެ ކަމަށް އަރީޖް ވިދާޅުވިއެވެ.

https://twitter.com/ShafeeaRiza/status/1282326151692574722

އެއްވުން އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޝަފީއާ ރިޒާ ވެސް ވިދާޅުވީ “ޖާގައެއް ނެތް” މޫވްމެންޓަކީ ޕަބްލިކް މޫވްމެންޓެއް ކަމަށެވެ. އަދި ޑިމާންޑު ކުރާ ވަރަށް ގިނަ ކަންތަކެއް އެބަހުރި ކަމަށާއި، އެކަންކަން ހާސިލު ވަންދެން މުޒާހަރާކޮށް އަޑުއުފުލާނެ ކަމަށެވެ. ޝަފީއާ ވިދާޅުވީ ވިދާޅުވީ، ބޭނުންވަނީ 2021 ބަޖެޓުގައި “ފަންޑް އަވާ ސޭފްޓީ” ގެ ވީހާވެސް ގިނަ ކަންތަކެއް ހިމެނުން ކަމަށެވެ. އަދި ލާމަރުކަޒީ އިންތިހާބުގެ ކުރީން، އަންހެނުންނާއި ކުޑަކުދިން ހިމާޔަތް ކުރުމުގެ ކަންކަން އޭގައި ހިމެނުމަށް ބޭނުންވާ ކަމަށެވެ. އެއާއި އެކު ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އަންހެނުނާއި ކުޑަކުދިން ހިމާޔަތް ކުރުމުގެ ވާހަކަތައް، އަބަދުވެސް ދެކެވެން ބޭނުންވާ ކަމަށް ޝަފީއާ ވިދާޅުވިއެވެ. ޝަފީއާ ވިދާޅުވީ ބޭނުންވަނީ ހުސްވާހަކަތަކެއް ނޫން ކަމަށާއި، އެކަންކަން ޕޮލިސީތަކަކަށް ބަދަލުވާން ޖެހޭ ކަމަށެވެ. އެހެން ކަމުން ދައްކަންވީ ހަމައެކަނި ވަހަކަތަކެއް ނޫން ކަމަށެވެ.

ޝަފީއާ ވިދާޅުވީ މިއަދު ގައުމު ފެއިލްވެފައިވާ ކަމަށާއި، މިއަދު ޖެހިފައި މި ވަނީ ޒުވާން ޖީލެއް އަނިޔާއާއި ދެކޮޅަށް ތެދުވާންކަމަށެވެ. ދައުލަތުގެ އިސްވެރިނާއި ބޮޑެތި މަގާމުތަކުގައި ތިބި މީހުންނަށް ވެސް މިއީ ކިހާވަރެއްގެ ސީރިއަސް އަދި ބޮޑެތި މައްސަލަތަކެއްކަން އިހުސާސް ވާން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވުވެފައެވެ.

https://twitter.com/Meythss_/status/1282260712597991425

ރާއްޖޭގައި އަންހެނުނަށް ކުރާ އަނިޔާތަކާއި، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ މުވައްސަސާތަކުން މައްސަލަތަކަށް ދޭންޖެހޭ ސަމާލުކަން ނުދިނުމެވެ. އަދި މައްސަލައެއް ރިޕޯޓު ކުރެވުނު ނަމަވެސް، އެ އަޅާނުލާ ދޫކޮށްލުމާއި އެކު ނުފޫޒުތަކެއްގައި ޖެހި އެ މައްސަލައެއް އޮއްބާލުމެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި، އަންހެނުންނަށް ކުރާ ޖިންސީ ގޯނާތަކާއި، ރޭޕް ކުރުން އިތުރުވެ ކުޑަކުދިން ވެސް ނުރައްކާތެރި މާހައުލަކަށް ހުށަހެޅުން ވަނީ އިތުރު ވެފައެވެ. މިފަދަ މައްސަލަތަކުގައި އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން ހައްޔަރު ކުރާއިރު، މައްސަލައެއްގައި އެ މީހާ ހައްޔަރު ކުރާ ހިސާބަށް ދަނީ ސޯޝަލް މީޑިއާގައި އެކަން ފަޅާ އަރުވާލުމުން ނުވަތަ މައްސަލަ ރިޕޯޓު ވެސް ކުރާތާ އެތައް ދުވަހެއް ފަހުންނެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު، މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މީގެ ކުރިންވެސް ފުލުހަށް ހުށަހެޅިފައިވާ މައްސަލަތެކެވެ. އެހެން ނަމަވެސް އެކަށީގެންވާ ތަހުގީގެއް ނުކުރެވި، ނުވަތަ އަޅާނުލާ ހުރި މައްސަލަތައް ވަރަށް ގިނައެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ފުލުހަށް ހުށަހެޅުމުން، އެކަން ތަހުގީގުކޮށް މައުލޫމާތު ހާމަ ކުރުމުގައި ވަކި ގޮތަކަށް އަމަލު ކުރާ ކަމުގެ ތުހުމަތު ނޫސްވެރިން ވެސް ވަނީ ފުލުހުންނަށް ކޮށްފައެވެ. އެގޮތުން ބައެއް ކޭސްތަކުގައި ހައްޔަރު ކުރާ މީހުންގެ މައުލޫމާތު ހާމަކުރާއިރު، އަނެއްބައި ކޭސްތަކުގެ މައުލޫމާތު “އެއީ މީހުންގެ ޒާތީ މައުލޫމާތު” ކަމަށް ބުނެ ފުލުހުން އެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރަން ދެކޮޅު ހެދުން ފާހަގަ ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: