ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުން ފެންމަތިވި އަމީންގެ ކޮޓަރިކޮޅު!

މި ދުވަސްވަރު ބޮޑު ހޭދައެއްކޮށްގެން ފެންވަރު މަތީ ކޮންފަރެންސް ހޯލެއް ހެލްތު މިނިސްޓްރީގައި ހަދާފައިހުރުން ގިނަ ބައެއްގެ ފާޑުކިޔުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ބުނަމުން އަންނަ ގޮތުގައި ރާއްޖެއިން ކޮވިޑް-19 ފެނުމާއިއެކު އަދި ބަލި ފެނުމުގެ ކުރިން ވެސް ސަރުކާރުން އައީ ބަލިން ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީން ކުރުމަށާއި އައިސޮލޭޓް ކުރުމަށް ފެސިލިޓީތަކެއް ގާއިމް ކުރެވުނެވެ. އަދި ރާއްޖެއޮތީ އެންމެ ނުރައްކާތެރި ހާލަތަށް ނުވަތަ “ވޯސްޓް ކޭސް ސިނާރިއޯއަށް” ވެސް ތައްޔާރަށް ކަމަށް ސަރުކާރުން އޭރުވެސް އަދި މިހާރުވެސް އަންނަނީ ބުނަމުންނެވެ. 

ކޮންމެއަކަސް ކޮވިޑުގެ ބަލިމަޑުކަމުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށާއި ބަލީގައި ހާލުގޯސްވެ ކްރިޓިކަލް ފަރުވާ ދޭން ޖެހޭ ހާލަތަށްދާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ސާމާނާއި ތަންތަން ހެދުމުގެ ވާހަކައަކީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއާއި ކަމާއި ގުޅުންހުރި ފަރާތްތަކުން އެންމެ އަޑުހަރުކޮށް ދައްކަމުން ގެންދާ ވާހަކައެވެ. އެގޮތުން މާސްކާއި ސެނެޓައިޒާއާއި މިނޫންވެސް ބައްޔަށް ފަރުވާ ދޭން ބޭނުންވާ ބޭހާއި އޭތިމީތި ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ސަރުކާރުން އަންނަނީ ދައްކަމުންނެވެ. 

ސަރުުކާރުން ކޮވިޑާއި ގުޅިގެން ކުރަމުންދިޔަ މަސައްކަތާއި ގުޅުވާ އެންމެ އަޑުހަރުކޮށް ރައްޔިތުން ދައްކަމުން ދިޔަ ވާހަކަތަކަކީ ކޮވިޑުގެ ނަމުގައި ބޮޑެތި ކޮރަޕްޝަން ހިންގަމުންދާ ވާހަކައެވެ. ކަރަންޓީންއާއި އައިސޮލޭޓް ކުރުމަށް ފެސލިޓީތައް ހެދުމުގެ ނަމުގައި ހިންގަމުންދާ ކޮރަޕްޝަންގެ ވާހަކައެވެ. މާސްކާއި ޕީޕީއީ ގެނައުމުގައި ހިންގާ ކޮރަޕްޝަންގެ ވާހަކައެވެ. މީގެތެރެއިން ވެސް އެންމެ އަޑުހަރުކޮށް އަދި ރައްޔިތުންގެ އެންމެ ކަންބޮޑުވުން ހުރި އެއް މައްސަލައަކީ ވެންޓިލޭޓަރު ގެނައުމުގެ ވާހަކައެވެ. އެއީ ހަމަ އަޖައިބެއްފަދަ ވާހަކައެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެހީތެރިކަމާއިއެކު ކަމަށްބުނެ  ބޭރުގެ ކުންފުންޏަކުން ވެންޓިލޭޓަރު އަންނަ ވާހަކައެވެ. ނުވަތަ ގެންނަ ވާހަކައެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް މިނިސްޓަރ އަމީން އެ ވިދާޅުވާ ވެންޓިލޭޓަރުތައް ހަމަވީ ވެންޓިލޭޓަރުގައެވެ. ވަަރަށް ވެސް ހާލުދެރަކޮށެވެ. 

ރާއްޖެއިން ބޭރުން ގެނައި ބައެއް މެޑިކަލް ސާމާނާއި، ވެންޓިލޭޓަރުތައް

ދުބާއީން ގެންނަ ވެންޓިލޭޓަރުތަކަކީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެއަށް ގެންނަ ވެންޓިލޭޓަރުތަކެއް ކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ނަމަވެސް މިއީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ގެންނަ ވެންޓިލޭޓަރުތަކެއް ނޫނެވެ. ނަމަވެސް އޭގައި ކަންހިނގާ ދިޔަ ގޮތަކީ މަޝްވަރާއެއްގެ ތެރެއިން ޑަބްލިއުއެޗްއޯގެ އޮފިޝަލެއް ދުބާއީ ކުންފުނީގެ ނަން ފާހަގަ ކުރީއެވެ. އެއާއި އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަކި ކުންފުންޏަކާއި އެކު މަޝްވަރާ ކުރުމަށް ލަފާ ދިން ކަމަށް މިނިސްޓަރ އަމީން ގަބޫލު ކުރެއްވިއެވެ. 

ކޮންމެއެކަސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޓެގް އަޅުއްވައިގެން ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް މިނިސްޓަރ އަމީން މެކުހަށް ޖެއްސެވިއެވެ. މަސައްކަތް ފެއްޓެވީ ކޮޓަރިކޮޅާއި ހަމައިންނެވެ. އެފަދަ ބިޔަ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ގެންދާއިރު މަޝްވަރާތައް ބާއްވައި ކޮންފަރެސްތައް ބާއްވާނެ ތަނެއް ގާއިމް ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. އެކަން ވެސް ކުރައްވަމުން ގެންދަވަނީ ވަރަށް ވެސް ތަފާތުކޮށެވެ. ނުލިބޭ ވެންޓިލޭޓަރަށް ޑޮލަރުން ފައިސާ ދައްކަމުންނެވެ. ލިބުނު ވެންޓިލޭޓަރަށް ލާން ޖެހުނީ މިނިސްޓަރ އަމީންގެ ކޮޓަރިކޮޅާއި ވެންޓިލޭޓަރު ގެނައުމުގެ މަޝްވަރާތައް ބޭއްވުމަށް ގާއިމް ކުރެއްވި ކޮންފަރެސް ހޯލެވެ. ފެންނަ ތަސްވީރުތަކުން ސިފަ ވަނީ ގަނޑުވަރުކޮޅެއްގެ ގޮތުގައެވެ. 

ކޮންފަރެންސް ހޯލް/ އަހަރުގެ ކުރީކޮޅު ބޭއްވި ޕްރެސްތަކުގައި ނޫސްވެރިންނަށް ތަނަށް އައިސްފައި ހުރި ބަދަލުތައް ފާހަގަވި

ހެލްތް މިނިސްޓްރީގައި ގާއިމް ކޮށްފައިވާ މިނިސްޓަރ އަމީންގެ ކޮޓަރިކޮޅާއި ގަނޑުވަރުކޮޅުގެ ވާހަކައިގެ ތަފްސީލަށް ދިއުމުގެ ކުރިން އެހެން ވާހަކައެއް ދަންނަވާލާނަމެވެ. ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ، ތިން ކުންފުންޏަކާއިއެވެ. އެއީ ނާޑު ޕްރައިވެޓް ލިމިޓެޑް 24 ވެންޓިލޭޓަރު އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 50 ވެންޓިލޭޓަރާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ، ދުބާއީއަށް 75 ވެންޓިލޭޓަރެވެ. މީގެތެރެއިން ލިބުނީ މަދު ވެންޓިލޭޓަރެކެވެ. ބާކީ ލިބޭނެ ދުވަހެއް ވެސް އަދި ލިބޭނެ ކަމުގެ އުންމީދެއް ވެސް ނެތެވެ. ހާއްސަކޮށް ދުބާއީ ކުންފުނި މެދުވެރިކޮށް ގެންނަ ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ އުންމީދު ވަރަށް ވެސް ކުޑައެވެ. ބައެއް މަސްދަރުތައް ބުނާ ގޮތުން އެއީ ކަރުދާސް ކުންފުޏެކެވެ.  ނަމަވެސް ދުބާއީގެ އެ ކަރުދާސްކުންފުނިން ގެނައިކަމަށްބުނާ 10 ވެންޓިލޭޓަރާއި އަދި ނުލިބިވާ 65 ވެންޓިލޭޓަރަށް 2 މިލިޔަން ޑޮލަރު ވަނީ ދައްކާފައެވެ. ވަރަށް ވެސް ބޮޑު ގެއްލުމެކެވެ. 

ކުރިންެވެސް ފާހަގަކުރަމުންއައި ވެންޓިލޭޓަރަށް ލެވިފައިވާ މިނިސްޓަރ އަމީންގެ ކޮޓަރިކޮޅާއި ކޮންފަރެންސް ހޯލް ނުވަތަ ގަނޑުވަރުކޮޅުގެ ވާހަކައަށް ޖެހިލާނަމެވެ. ނޫކުލައާއި ރަންކުލައިން ދޫލައަޅާ ޖަރީކޮށްފައިވާ މިތާނގެ މަހުމަލް ގޮނޑިކޮޅުތަކުން ފެށިގެން ޑިޒައިން ކޮށްފައިވާ ފާރުތަކާއި އެލުވާފައިވާ ޗާންދަލިއާއި މާވަށިތައް ވަރަށްވެސް ފުރިހަމައެވެ. ރަސްކަލެއްގެ ގަނޑުވަރެއްގެ ކޮޓަރިކޮޅަކަށް ދޫނުކުރާނެއެވެ. ނަމަވެސް ޔަގީން ކަމާއިއެކު އެއްވާހަކައެއް ދަންނަވާލާނަމެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސް ދިިރިއުޅުއްވާ ގެކޮޅުގެ ގޮނޑިކޮޅުތަކާއި ދޫލަ އާއި މޭޒުކޮޅުގައި ހުންނަ މާވަށިތައްވެސްް މިވަރެއްނޫނެވެ.

އަމީންގެ ކޮޓަރިކޮޅު ހުންނަގޮތް ދައްކުވައިދޭ ކުރެހުމެއް/ ބަދަލުތައް ގެނައީ މި ފޮޓޯތަކާއި އެއްގޮތަށް

ހެލްތް މިނިސްޓްރީގައި ގާއިމްކުރެވިފައިވާ މި ގަނޑުވަރުކޮޅާއި ބެހޭގޮތުން ސުވާލުކުރުމުން ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ މިނިސްޓަރުގެ ކޮޓަރިކޮޅު ނޫންކަމަށާއި އެއީ ހެލްތް މިނިސްޓްރީގެ ކޮންފަރެންސް ހޯލް ކަމަށެވެ. އަދި ހެލްތް މިނިސްޓްރީއަކީ ވަރަށްގިނަ އިވެންޓްތައް ބާއްވަން ޖެހޭ ތަނަކަށްވެފައި އިވެންޓްތައް މިނިސްޓްރީއިން ބޭރުގައި ބޭއްވުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭތީ އެގޮތަށްކުރާ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގާއިމްކުރި ތަނެއްކަމަށެވެ. ހަމައެހެންމެ އެ ކޮންފަރެންސް ހޯލް ހެލްތް މިނިސްޓްރީގެ އިވެންޓްތައް ބޭއްވުމުގެ އިތުރުން އެހެނިހެން ފަރާތްތަކުގެ އިވެންޓުތައް ބޭއްވުމަށް އެތަން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށްވެސް މިީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން ތަން ކުއްޔަށްދީގެން ލިބޭ ފައިސާ ޕަބްލިކް ހެލްތްގެ މަސައްކަތްތައް ކުރުމަށް ހެލްތް ފަންޑަށް ޖަމާކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ. 

ދައުރުވަމުންދާ ފޮޓޯތަކުގެ ތެރޭގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ ކޮޓަރކޮޅުނެތްކަމަށް ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އެ ފޮޓޯތަކުގެ ތެރޭގައި މިނިސްޓަރ އަމީންގެ ކޮޓަރިކޮޅުގެ ފޮޓޯތައްވެސް ހިމެނެއެވެ. އެގޮތުން އިށީނދެ ވަޑައިގަންނަވާނެ ބޮޑު ގޮނޑިކޮޅަކާއި ހައިބަތުހުރި މޭޒުކޮޅެއްގެ އިތުރުން ކޮޓަރިކޮޅުގެ ވަކި ހިސާބެއްގައި ބައްދަލުވުންތައް ބޭއްވޭނެގޮތަށް ބަހައްޓާފައިވާ އަގުބޮޑެތި ސޯފާ ގޮނޑިކޮޅުތަކާއި ދެވަނައެއްނެތްފަދަ ދޫލަ އެއް ބިންމަތީގައި އޮތްތަން ފޮޓޯތަކުން ފެނެއެވެ. އަދި މި ފޮޓޯތަކުގައި މިނިސްޓަރ އަމީން އާއި ބައެއް މުވައްޒަފުން ބައްދަލުވުމެއްގައި ތިއްބަވާތަން ފެނެއެވެ. 

މިނިސްޓްރީގައި އަމީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ބަދަލުތައް ގެންނަން ފެށީ އަހަރުގެ ކުރީކޮޅު

ސަރުކާރުގެ އޮފީސް ނުވަތަ ކުންފުނިތަކުން އޮފީހުގައި ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް މާލަންތައް ތައްޔާރުކުރުމަކީ ނުވަތަ ގާއިމްކުރުމަކީ މައްސަލައެއް ނޫނެވެ. އެކަން ކުރަންވެސް ޖެހޭނެއެވެ. އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ހިފައިގެން ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމުގެ ބަދަލުގައި އެ އޮފީހެއްގައި އެ ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމް ހަަމޖެހިފަައި ހުންނަންޖެހޭނެއެވެ. ނަމަވެސް އެކަން ކުރަން އޮންނަގޮތަކީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަމަލުފުޅުކުރެއްވި ގޮތަށްތޯ އެއީ އުފެދޭ ސުވާލެކެވެ.

މިނިސްޓަރ އަމީންގެ ކޮޓަރިކޮޅު

ސަރުކާރުން ރައްޔިތުންގެ ޓެކްސް ފައިސާ ކަންކަމަށް ހަރަދު ކުރަންޖެހޭނީ ވީހާވެސް ހަރަދު ކުޑަގޮތަކަށް ބަަލައިގެންނެވެ. ސަރުކާރުގެ އެއްވެސް އޮފީހެއްގައި ނުވަތަ ކުންފުންޏެއްގައި ރަސްރަސްކަލުންގެ ކޮޓަރިކޮޅުތައް ފެންވަރުގެ މީޓިން ރޫމްތައް ހުންނާކަށް ނުޖެހޭނެއެވެ. ހެލްތް މިނިސްޓްރީގައި ގާއިމްކުރެވުނު ކޮންފަރެންސް ހޯލާއި މިނިސްޓަރ އަމީންގެ ކޮޓަރިކޮޅު ޒީނަތްތެރިކުރުމަށް ކުރި ހަރަދު ރައްޔިތުންނަށް އެނގެންޖެހޭނެއެވެ. މިކަމުގެ ފުރިހަމަ އޮޑިޓެއް ހެދުމަށް ދަޢުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލަމެވެ. ކޮވިޑްގެ ނަމުގައި ބޮޑެތި ވައްކަމާއި ކޮރަޕްޝަން ހިންގުމަކީ އެއްވެސް ގޮތަކަށް ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މިނިސްޓަރ އަމީންގެ މޭޒުކޮޅު
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: