އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ މަޅީގައި އެމްޑީޕީއެއް ނުޖެހޭނެ ކަމަށާއި، ވަކި ޕަވާ ބޭސް އާއި ނެޓްވޯކެއް ވެސް އެމްޑީޕީގެ ތެރޭގައި ނެހެދޭނެކަމަށް މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ބަހުގެ ހަމަލާތައް އެއް ބޭފުޅެއް އަނެއް ބޭފުޅަކަށް އަމާޒުވާން ފަށާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި އެކުއެވެ. ސަރުކާރުގެ ތެރޭގައި، އަދި ހާއްސަކޮށް ކޯލިޝަންގެ ޕާޓީތަކުގެ ސްލޮޓުގައި ވަޒީރުކަމަށް ވަޑައިގެންފައި ތިއްބެވި ބޭފުޅުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ވާހަކަދެކެވޭ ދެކެވޭ ދަނޑިވަޅެއްގައި ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާތީ އެކަމާއި، ފައްޔާޒަށް ތާއީދު ކުރާ މެމްބަރުން ވެސް ވަނީ ސުވާލު އުފައްދާފައެވެ.
ސޯޝަލް މީޑިއާގައި ފައްޔާޒަށް ތާއީދުކޮށް، އެކި މެމްބަރުން ޓްވީޓުކޮށް ވަނީ މިނިސްޓްރީގެ މަސައްކަތްތަކަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ބުނެފައެވެ. އަދި އޭގެ ތެރެއިން މެމްބަރުންނަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދިފާއުގައި ވާހަކަ ދައްކަވާ، ފައްޔާޒަށް އިތުބާރު އޮތްކަމަށް އެންމެ ބޮޑަށް ވިދާޅުވަމުން ގެންދަވަނީ ރޮޒެއިނާއެވެ. އަދި ރޮޒެއިނާއަށް އަމާޒުކޮށް އާއްމުންކިޔާ ފާޑުކިޔުންތަކަށް ރައްދުތަކެއް ވެސް ދީފައިވެއެވެ.
މިއަދުގެ ވަގުތެއްގައި ރޮޒެއިނާ ކުރެއްވި ބައެއް ޓްވީޓުތަކުގައި ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ހިންގުމުގެ ތެރެއަށް ރައީސް ނަޝީދު ވަންނަވާކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ރޮޒެއިނާގެ އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ގައުމެއްގެ ވެރިކަން އެއްފަހަރާ ދެ ބޭފުޅަކަށް ނުކުރެވޭނެ ކަމަށާއި، އެގޮތަށް މަސައްކަތް ކުރަން އުޅޭނަމަ ނިކުންނަ ނަތީޖާ ގޯސްވާނެކަމަށެވެ. މީގެ އިތުރުން ޔޫތް މިނިސްޓްރު އަހުމަދު މަހުލޫފް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ދެތިން މެމްބަރެއް ސަރުކާރު ހަލާކުކޮށްލާކަށް ނޫންކަމަށް ވެސް ވިދާޅުވީއިރު، އެއަށް ވެސް ތާއީދުކޮށް ރޮޒެއިނާ ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދީ، ރައީސް ސޯލިހާއި ސަރުކާރު ހަވާލުކޮށް މަޖިލީހުން 65 ގޮނޑި ދިނީ އެއްވެސް އުނދަގުލަކާ ނުލާ މެނިފެސްޓޯ ތަންފީޒު ކުރަން ކަމަށެވެ. އެހެންކަމުން އިދިކޮޅު ޕާޓީއަށް ވެގެން ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުން ކުރުން އއީ ބޮޑުވަރުކަމަށް ވިދާޅުވިއެވެ.
https://twitter.com/Roxeyna/status/1293839386199482368
ސޯޝަލް މީޑިއާގައި އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕް ކޮންވަޒޭޝަންތަކެއްގެ ސްކްރީންޝޮޓްތަކެއް ވަނީ ލީކުކޮށްލާފައެވެ. ލަފާ ކުރެވޭގޮތުން ރައީސް ނަޝީދު ރައްދު ދެއްވާފައިވަނީ، ރޮޒެއިނާގެ ޓްވީތުތަކަށެވެ. އަދި މަޖިލީހުގައި ދައްކަވާ ވާހަކަތަކާއި އަދި މީގެ ކުރިން ވެސް މަހުލޫފްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން އުޅޭކަމުގެ އަޑުތަކާއި އެކު މިނިސްޓަރުގެ ދިފާއުގައި ދެއްކެވި އެކި ވާހަކަތަކަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕެއްގައި ރައީސް ނަޝީދު ވަނީ ފައްޔާޒް ވެސް އެމްޑީޕީގެ ތެރޭގައި “ބްރޯ” ވާން ނޫޅުމަށް ގޮވާލާފައެވެ.
“ފައްޔާ ވެސް މި ޕާޓީ ތެރޭ ބްރޯ ވެގެން އުޅެގެން ނުވާނެ. ނިޒާމުގެ ތެރޭގައި އުޅުއްވާ. މި ފެންނަނީ ފަޔާ މީހުންނަށް ބޮޑު ދައްކައި ނުފޫޒް ފޯރުވައި ކޮންޓްރެކްޓްދީ ހުރިހައި ތަނަކަށް އަތްލާ ތަން. އެހެނެއް މިކަމެއް ނުވާނެ…. ފައްޔާ ޕީޕީއެމް ނިޔާއަށް ލައްވާ ގުޅުއްވައިގެން ތިކަމެއް ނުވާނެ.. ފައްޔާއަށް އިނގޭނެ ގަތް ގަނޑު. ދެން ޖެހެންޏާ ޖެހެންވީ..” ރައީސް ނަޝީދު
ރައީސް ނަޝީދުގެ ވާހަކަތަކަށް ފައްޔާޒް ރައްދު ވެސް ދިނެއެވެ. އޭގެ ފަހުން ރައީސް ނަޝީދު ވިދާޅުވީ ރޮޒެއިނާގެ މަޅީގައި ޕާޓީގެ އެއްވެސް މީހެއް ނުޖެހޭނެ ކަމަށެވެ. އަދި އެކަން ކަށަވަރުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ކުޑަކުއްޖެއް ނޫން ކަމަށާއި، ވަކި ޕަވާ ބޭސްތަކާއި ނެޓްވޯކުތައް (ފެކްޝަންތައް) ނެހެދޭނެ ކަމަށެވެ. އަދި އެމްޑީޕީ ކައިރިއެއް ނުކުރެވޭނެ ކަމަށާއި، ފައްޔާޒްއަށް އިތުބާރު ނެތްކަމަށް 30 މެމްބަރުން ބުނުމުން ދެން ދިމާކުރަންވީ އެ މެމްބަރުންނަކާއި ނޫން ކަމަށެވެ.
“ރޮޒޭ މެން މަޅީގައި މި ޕާޓީގެ އެއްވެސް މެމްބަރެއް ނުޖެހޭނެ… ވަރަށް ކަށަވަރު… އަޅުގަނޑު ވެސް މިއީ ތިޔަހާ ކުޑަކުއްޖެއް ނޫން. ވަކި ޕަވާ ބޭސް އާއި ނެޓްވޯކެއް ނެހެދޭނެ. އެމްޑީޕީއެއް ކައިރިއެއް ނުކުރެވޭނެ. ފައްޔާގެ އިތުރުބާރު ނެތްކަމަށް 30 އެމްޕީއިން ބުނީމަ ދެން ދިމާ ކުރާންވީ އެމްޕީސްއަކާއި ނޫން.. އަޅުގަނޑު ވެސް ދެން މި ނިކުތީ” ރައީސް ނަޝީދު
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް މީގެ ކުރިން ވެސް އުފެދުނެވެ. އެގޮތުން ސަރުކާރު އުފަންވެ އެންމެ ފުރަތަމަ ވެސް މަޖިލީހުގެ ރައީސަކަށް އަންނާނެ ބޭފުޅަކާއި މެދު ގޮތެއް ނިންމުމަށް ކުރި މަސައްކަތްތަކުގައި ވެސް މުޅި ޕާޓީ ހިލިގެން ދިޔައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ދައްކަވާ ވާހަކަތަކަށް ވެސް ރައީސް ނަޝީދު ރައްދު ދެއްވާއިރު، އެންމެ ފަހުން ބޭއްވި ޖަލްސާގައި އެކަމާއި ނުރުހުންފާޅުކޮށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަޑުގަދަ ކުރެއްވިއެވެ. އަދި ބޭނުންހާ ގޮތަކަށް މަޖިލީސް ނުހިންގޭނެކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ރައްދު ކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ނުސީދާ ފާޑުކިޔުންތައް އަމާޒުކުރުން ވަނީ އާއްމުވެފައެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އެއް މެމްބަރަކު ފާޅު ކުރާ ހިޔާލަކަށް އަނެއް މެމްބަރު ދެ ބަސްވެ އެޔަށް ރައްދު ދިނުމާއި އަދި އެހެން މެމްބަރުން ވެސް މެމްބަރުންގެ މެދުގައި ބަދަލުކުރާ ބަސްތަކަށް، ރައްދު ދިނުން ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންވި ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، މީޑިއާތަކުގައި ފެންމަތިވެފައިވާ ގޮތުން މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް އުޅުއްވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެވެ. ފައްޔާޒްގެ މައްސަލައެއް މަޖިލީހަށް ވައްދަންވީ ސަބަބެއް ސާފެއް ނުވާއިރު، އިކޮނޮމިކް މިނިސްޓްރީއަކީ މި ސަރުކާރު އުފެދުނުފަހުން އެންމެ ބޮޑު ތަފާތެއް ދައްކާފައިވާ އަދި އެ މަސައްކަތްތަކުގެ އަމަލީ ސިފަ ވެސް ދެއްކި މިނިސްޓްރީއެވެ. އެގޮތުން ޒަމާނުއްސުރެ ރާއްޖޭގައި ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ފައްޔާޒްގެ އިސްނެގުމެކެވެ.