ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓް ރިޕޯޓު: ދުބާއީ ކުންފުންޏާއި ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރުން، މަކަރާއި ބޮޑެތި އޮޅުވާލުންތައް!

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުނި، “އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް” އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން މަސައްކަތް ހަވާލުކުރި ކުންފުންޏެއް ނޫންކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ކޮވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކާއި، ކުރި މަސައްކަތްތަކުގެ ތަފްސީލުތައް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމެންޓު” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓު އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ހިދުމަތް ހޯދުމުގައި އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބަލަން ޖެހޭނެއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

އެހެން ނަމަވެސް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރިއިރު، އެ ކުންފުންޏަކީ މިފަދަ ބޮޑު މަސައްކަތެއް ކުރިޔަށް ގެންދެވޭނެވަރުގެ މަލީ ގާބިލުކަން ލިބިގެންވާ ކުންފުންޏެއްތޯ ހެލްތް މިނިސްޓްރީން ބަލާފައިނުވަކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއާއި އެކު ދުބާއީގެ އެ ކުންފުންޏާއި އެކު މީގެ ކުރިން ސަރުކާރުން އެއްވެސް މުއާމަލާތެއް ހިންގާފައިނުވާއިރު، އެގްޒެކިއުޓާސްއިން މީގެ ކުރިން މެޑިކަލް އިކުއިޕްމެންޓުތައް ފޯރުކޮށްދީފައިވޭތޯ އާއި، ކުންފުނީގެ މަސައްކަތްތަކުގެ ތަޖުރިބާއަކީ ކޮބައިކަން ބަލާފައިނުވާއިރު އެ ކުންފުނީގެ ފަންނީ ގާބިލުކަން ބެލުމުގެ ގޮތުން އެއްވެސް ލިޔެކިއުމެއްގެ އެހީތެރިކަން ހޯދާފައިނުވާކަން ވެސް ރިޕޯޓުގައި ވާނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހެލްތް މިނިސްޓްރީއިން އެގްޒެކިއުޓާސް ކުންފުނީގެ ވެބްސައިޓު ބަލާ، ކުންފުންޏެއްގެ ގޮތުގައި ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތަކާއި މައުލޫމާތުތައް އަޕްޑޭޓުކޮށްފައިވޭތޯ ބަލާފައި ނުވާ ކަމަށެވެ. އެއާއި އެކު، އޮޑިޓް އޮފީހުން ވެސް ބެލު ބެލުމުން، އިންޓަނެޓުގައި އެ ނަން މަތީގައި ވެބްސައިޓެއް ނެތްކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ހެލްތް މިނިސްޓަރު އަމީން މީގެ ކުރިން ތަފާތު އެކި ފަހަރުމަތީން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ، އެ ބައްދަލުވުންތަކުގައި ދުބާއީގެ ކުންފުނި މެދުވެރިކޮށް ގެންނަ ވެންޓިލޭޓަރުތައް އެއީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ރެކޮމަންޑޭޝަންއެއްކަމަށް ވިދާޅުވެފައިވެއެވެ.

ނޫސްވެރިން ވެސް މިކަމަށް ސުވާލު އުފައްދާއިރު އަމީން ތަކުރާރުކޮށް އޭރު ވެސް ވިދާޅުވި ބަސްފުޅަކީ އެއީއެވެ. އަދި އޭރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވިދާޅުވި ބަސްފުޅަކީ އެއީއެވެ. އެހެން ނަމަވެސް އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯ އާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫންކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ވެއެވެ. އަދި އެ އިދާރާއިން ގަބޫލު ކުރާ ވެންޓިލޭޓަރުތައް ސަޕްލައިކުރާ ކުންފުނީގެ ލިސްޓެއްވެސް ހިއްސާ ނުކުރާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

 ހެލްތު މިނިސްޓްރީއިން ފިނޭންސް މިނިސްޓްރީއަށް އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް އަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން އެ ޖަމިއްޔާއިން ފޯރުކޮށްދިން ސަޕްލަޔަރުންގެ ލިސްޓުގައި ވަނީ ހިމަނާފައެވެ. އަދި މެމޯގައި ވެސް އެގޮތަށް ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: