ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުބާއީގެ ވެންޓިލޭޓަރަށް ސުވާލު އުފެއްދިން، ގެނައި ވެންޓިލޭޓަރު އެއީ ޝަރުތު ހަމަނުވާތަކެތިކަން ވެސް އެންގިން: ޑރ. ޝާހު

ޝެއާރކޮށްލާ ކަހަލަދޯ؟

ދުބާއީގެ ކުންފުންޏާއި ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރާއި މެދު މީގެ ކުރިން ވެސް ސުވާލު އުފެއްދި ކަމަށާއި، އަދި ކުންފުނިން ގެނައި 10 ވެންޓިލޭޓަރު އެއީ ބޭނުން ނުކުރެވޭނެތަކެތިކަން ކަމާއި ބެހޭ އިދާރާތަކަށް އެންގީ އޭނާ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

މައްސަލައިގައި “ސަންގު” އާއި ވާހަކަ ދައްކަވަމުން ޑރ. ޝާހު ވިދާޅުވީ ވެންޓިލޭޓަރުތަކާއި ގުޅިގެން ހިނގަމުންދާ ތަހުގީގު ނިމެންދެން ގޭގައި މަޑުކުރުމަށް އޭނާއަށް އަންގަވައި މެސެޖް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށެވެ.

ޑރ ޝާހު ވިދާޅުވީ ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިނުމަށް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމާފައިވާ، ނިންމުންތަކުގެ އެއްވެސް މަރުހަލާއެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް މިންވަރަކަށް ބިޑު ކޮމިޓީގެ މެމްބަރެއްގެ ގޮތުން ވިޔަސް އަދި އެ ނޫންގޮތަކަށް ވިޔަސް ބައިވެރިވެފައި ނޯންނާނެ ކަމަށް ޑރ ޝާހު ވިދާޅުވިއެވެ. ޑރ. ޝާހު ވިދާޅުވީ ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަދި ލިޔެކިއުންތައް ބެލުމުން ވެސް، އެކަން ހާމަވާނެ ކަމަށެވެ.

ޑރ. ޝާހު ވިދާޅުވީ، ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏަކާއި ހަވާލު ކުރި ހިސާބުން ފެށިގެން އެކަމާއި މެދު އެތައް ސުވާލެއް އުފައްދާ އެކަން ކަމާއި ގުޅުން ހުރި ފަރާތްތަކާއި ހިއްސާ ކުރި ކަމަށެވެ. އަދި ދުބާއީ ކުންފުންޏާއި އެކު އެއްބަސްވީ 75 ވެންޓިލޭޓަރެއްގެ ތެރެއިން 10 ވެންޓިލޭޓަރެއް ހެލްތް މިނިސްޓްރީއަށް ލިބުމުން އެ ވެންޓިލޭޓަރުތައް ކަމުނުދާކަމާއި، އެ ވެންޓިލޭޓަރުތަކަކީ އެއްބަސްވުމާއި ހިލާފަށް ފޮނުވާފައިވާ ވެންޓިލޭޓަރުތަކެއްކަމަށް ހެލްތް މިނިސްޓްރީގެ ބަޔޯ މެޑިކަލް ޓީމުން ބުނުމުން، އެކަން ކަމާއި ބެހޭ ފަރާތތަކުގެ ސަމާލުކަމަށް ގެނައިކަމަށެވެ. ޑރ. ޝާހު ވިދާޅުވީ ވެންޓިލޭޓަރުތައް ބެލިއިރު، އެއީ އެއްވެސް ގޮތަކަށް ޝަރުތު ހަމަވާ ވެންޓިލޭޓަރުތަކެއް ނޫން ކަމަށާއި އެ ވެންޓިލޭޓަރުތަކުގެ ކޮލިޓީ ބަލާ، އެއީ ބޭނުން ކުރެވޭ ވަރަށް ވުރެ ދަށްތަކެތިކަން ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއަށް ވެސް ދެންނެވި ކަމަށެވެ.

މިއީ އަމީނަށް ވެސް އެނގޭނެ ވާހަކަތަކެއްކަން ފާހަގަކުރައްވާ ޑރ. ޝާހު ވިދާޅުވީ، މިއީ ކަމާއި ބެހޭ އިދާރާތަކާއި ހިއްސާ ކުރި މައުލޫމާތުތަކެއް ކަމަށެވެ. އަދި މިއިން އެއްވެސް ކަމެއްގައި އޭނާ ބައިވެރި ވެފައި ނުވާނެ ކަމަށާއި އޭނާއަކީ ޕްރޮފެޝަނަލް މެޑިކަލް ޑޮކްޓަރެއް ކަމަށް ޝާހު ވިދާޅުވިއެވެ.

ޑރ. ޝާހު ވިދާޅުވީ ކޮވިޑް19 ގެ ހާލަތުގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ސްޓޭޓް މިނިސްޓަރ އޮފް ހެލްތް ގެ ހައިސިއްޔަތުން، އަދި މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން، ދިވެހިރައްޔިތުންނާއި ޤައުމަށް، އޭނާގެ ހިދުމަތް އިންތިހާއަށް ލިބިދެވޭނެ އަދި ދިނުމަށް އޭނާ ބުރަކޮށް މަސައްކަތް ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ވެންޓިލޭޓަރުތަކާއި ގުޅިގެން ހިނގަމުންދާ ތަހުގީގު ނިމެންދެން އޭނާ ގޭގައި މަޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި މެދު އޭނާ ނިހާޔަތަށް ހިތާމަކުރާކަމަށާއި އަދި ހިނގަމުންދާ ތަހުގީގަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސްް އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ރިޕޯޓު ދައްކާގޮތުން، އެގްޒެކިއުޓާސް އާއި އެކު ހެލްތް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނަން ބުނި 75 ވެންޓިލޭޓަރެއްގެ ތެރެއިން 65 ވެންޓިލޭޓަރެއް އެއީ އައިސީޔޫ ވެންޓިލޭޓަރުތައް ކަމަށެވެ. އަދި އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ކުންފުންޏާއި އެކު އެއްބަސްވެފައިވަނީ ވެންޓިލޭޓަރަކަށް -/150,501( ފަސްލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް) ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަގުތަކަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތް މިނިސްޓްރީއިން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މެޑްޓެކް ޕްރައިވެޓް ލިމިޓެޑާއި، ނާޑު ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެހެން ފަރާތެއްވެސް މި މުޢާމަލާތު ގައި ބައިވެރިވެރިވުން ހިމެނޭހެން ލިޔެކިއުންތައް ހުރި އިރު، އެ ފަރާތާއި އެގްޒެކިއުޓާސް އާ އޮތް ގުޅުން އެނގެން ނެތް ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ކޮށްފައި ހުރި މުއާމަލާތްތަކުގައި، އެގްޒެކިއުޓާސް ނަމުގެ އިތުރުން، އިމަރޖެންސީ ހެލްތު ކެއަރ ޓްރެއިނިންގ ސެންޓަރގެ ނަމުގައި މުޢާމަލާތް ކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ހެލްތް މިނިސްޓްރީއިން މާލިއްޔަތު ގާނޫނާއި ހިލާފުވެ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ ކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ ދަށުން، ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 އިންސައްތަ ފައިސާ ދައްކާފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އެއީ ދިވެހި ފައިސާގެ 30 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އެޑްވާންސް ޕޭމަންޓުގެ ގެރަންޓީއެއް ހެލްތްއިން ހޯދާފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: