ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންފޮދަކާއި ނުލާ ދިރުވާލި ވެންޓިލޭޓަރުތައް!

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟
  • ދުބާއީގެ ކުންފުންޏަށް ވެންޓިލޭޓަރުގެ90 އިންސައްތަ ޕޭމަންޓު ދައްކާފައި
  • ހެލްތްގެ ބިޑު ކޮމިޓީ ތިން ފަހަރެއްގެ މަތީން ބަދަލުވި
  • ގެނައި 10 ވެންޓިލޭޓަރުގައި ބެޓަރިއެއް ނެތް
  • ވެންޓިލޭޓަރުން އޮކްސިޖަންއެއް ނުހިފަހައްޓާ

 

ރާއްޖެއިން ކޮވިޑުގެ ކޭސްތައް ފެނި، މުޅި މާލެ ސަރަހައްދު އެކީ ލޮކްޑައުން ކުރުންވީ އެތައް ގޮންޖެހުންތަކެއް ދިމާވި މައްސަލައަކަށެވެ. ދުނިޔޭގެ ގައުމުތަކުގައި ބާރު ސްޕީޑުގައި ފެތުރެމުން ދިޔަ ނުރައްކާތެރި ކޮވިޑް-19 އަށް ތައްޔާރުވެ ބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހެން ގައުމުތަކާއި ހިލާފަށް ރާއްޖެއަށް ވަގުތުތަކެއް ލިބިގެން ދިޔައެވެ.

އެ ވަގުތުގެ ބޭނުން ސަރުކާރުގެ އިސްވެރިންނާއި، އަދި ރާއްޖޭގެ ސިއްހަތާއި ބެހޭ ވުޒާރާއިން ސިފަ ކުރީ މެޑިކަލް ސާމާނުތަކާއި، އަދި ބައްޔަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމުގެ ފެސިލިޓީތައް ގާއިމް ކުރުމަށް ލިބުނު ވަގުތެއްގެ ގޮތުގައެވެ.

ދަރުބާރުގޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށް، ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވަމުން ދިޔައިރު އެންމެ ސުވާލު އުފެދޭކަމަކަށް ވީ ވެންޓިލޭޓަރެއްގެ ވާހަކައެކެވެ. ޕޯޓަބަލް ވެންޓިލޭޓަރަކާއި، އަދި އެ ނޫންވެސް ވެންޓިލޭޓަރުތަކެއްގެ ވާހަކަތައް ދައްކަމުން ދިޔައިރު ބިޑު ޕްރޮސެސިންގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ނޫސްވެރިން އެދެމުން ދިޔައެވެ.

ނޫސްވެރިންގެ ވާހަކަތަކަށް ސަމާލުކަމެއް ލިބުމުގެ ބަދަލުގައި، އެކަން ވީ ފާޑުކިއުން އަމާޒުވީ ކަމެއްގެ ގޮތުގައެވެ. ޕްރެސްތަކަށް އަރާ ނޫސްވެރިންނަށް އެކި ގޮތްގޮތުން ފާޑުކިއުންތަކެއް އަމާޒުވެ، ސޯޝަލް މީޑިއާގައި އެކި މީމްތަކާއި، ފާޑުކިއުންތަކުގެ ޕޯސްޓުތައް ދައުރުވީ ކޮންމެ ދުވަހަކު ވެންޓިލޭޓަރުތަކެއްގެ ސުވާލުތައް ކުރާކަމަށް ބުނެއެވެ.

ކުންފުންޏަކާއި ޕްރޮޖެކްޓެއް ހަވާލު ކުރާއިރު ވަކި އުސޫލުތަކެއް އޮވެއެވެ. އެ ގައުމެއްގެ މާލިއްޔަތު ގާނޫނަށް އަމަލު ކުރުމާއި އެކު، ކޮރަޕްޝަނުން އެއްކިބާވުމަށް ހުރިހާ ޕްރޮސެސްއެއް ވެސް ކުރިޔަށް ގެންދަން ޖެހޭނީ އެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިއީ ލިޔެކިއުންތައް ފުރިހަމަވާން ޖެހޭ އަދި ކުރިޔަށް ގެންދާ ކޮންމެ ބައްދަލުވުމެއްގެ މީޓިން މިނިޓްސް ހަމައަށް ހުންނަން ޖެހޭނެ މަސައްކަތްތަކެކެވެ.

ދިވެހި ރާއްޖޭގެ މާލިއްޔަތު ގާނޫނުގެ 10.25 ވަނަ މާއްދާގެ ނ ގައި ބުނެފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމަންޓް” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓުގެ އަގު 35،000 (ތިރީސް ފަސް ހާސް) ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ތަކެތި ނުވަތަ ހިދުމަތް ހޯދަންވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބެލުމަށްފަހުއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 34.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން ޕްރޮފެޝަނަލް އަދި ފަންނީ ފެންވަރު، މާލީ ވަސީލަތްތަކާއި ގާބިލުކަމާއި ހާލަތު، އިކުއިޕްމަންޓާއި އެހެނިހެން ވަސީލަތްތައް، މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު، ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު، މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެފަރާތެއްގައި ހުރި ޤާބިލުކަމާއި ހުނަރު އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން، އަދި ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ، އެކަމެއް ބެލުމަށް ބަޔާންކޮށްފައިވެއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ މައްސަލައިގައި އެންމެ ބޮޑަށް ހާމަވެގެން ދިޔައީ، ދިވެހި ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހެލްތް މިނިސްޓްރީއިން ރިއާޔަތްކޮށްފައި ނުވާ ކަމެވެ. ކުންފުނީގެ ފަންނީ ގާބިލްކަން ދެނެގަތުމަށް، މެޑިކަލް އިކްޕްމަންޓް ފޯރުކޮށްދިނުމަށް ދުބާއީ ކުންފުނިން ފުރިހަމަ ކުރި ޕްރޮޖެކްޓްތަކާއި އެ ކުންފުނީގެ މިކަމުގެ ތަޖުރިބާ ބަޔާންކޮށްދޭ ޕްރޮފައިލެއް ހާ މިނުން ވެސް ހޯދުން ހެލްތް މިނިސްޓްރީއަށް ވީ ބުރަ ކަމަކަށެވެ. ހަމަ އެއާއި އެކު އެގްޒެކިއުޓާސް ކުންފުނީގެ މާލީ ގާބިލުކަން ވަޒަންކުރުމަށްޓަކައި، ކުންފުނީގެ އޮޑިޓްކޮށްފައި ވާ މާލީ ބަޔާނާއި، މާލީ ގާބިލުކަން އަންގައިދޭނެ އެހެނިހެން މައުލޫމާތެއް އެއްކޮށް މިނިސްޓްރީއިން ބަލާފައި ނުވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 15.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިޔަށް ގެންދެވިފައި ވަނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ، ހުއްދަދިނުމުގެ ކުރިން ކޮމިޓީން ބަލައި ޗެކުކުރަންވާނެއެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް އެގްޒެކިއުޓާސް ޖެނެރަލްއާ ހަވާލުކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީގައި އެދުމުން، އެ މިނިސްޓްރީން އެންގީ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެ ކުންފުންޏާއި ހަވާލުކުރުމަށް، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ އޭޕްރީލް މަހުގެ 01 ވަނަ ދުވަހުއެވެ.

މި ދެންނެވި ބިޑު ކޮމިޓީ ވަނީ ފާއިތުވީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތީން ބަދަލުވެފައެވެ. އަދި ތިން ވަނަ ފަހަރަށް ބިޑު ކޮމިޓީގައި ތިއްބަވާ ބޭފުޅުން ބަދަލުވެފައި ވަނީ ހުސްވި މަހުގެ ތެރޭގައެވެ. ކޮމިޓީގައި ތިއްބަވާ ބޭފުޅުންނަށް ބޮޑެތި ބަދަލުކެއް އަންނައިރު، ކޮމިޓީން ބަދަލު ނުވާ ހަމައެކަނި ފަރާތަކީ ޖުމްހޫރީ ޕާޓީގެ، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދެވެ. ނިޝާމާ އަކީ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ އާެއިލީ ބޭފުޅެކެވެ.

ބިޑު ކޮމިޓީއަށް ބަދަލުތަކެއް އައި ތިން ފަހަރު ވެސް ނިޝާމާ ހުރީ ކޮމިޓީގެ ޗެއާއެއްގެ ގޮތުގައެވެ. އަދި ނިޝާމާ ނޫން އެހެން ހުރިހާ އެންމެން ވަނީ ބަދަލުވެފައެވެ. ހަމަ އެހެންމެ ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީއަށް ބަދަލުތައް ގެނެސްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެންކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ނިޝާމާ އަކީ، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީގެ ޗެއާ/ ނިޝާނާއަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު

ގާނޫނުގައި ވާ ގޮތުން، މިނިސްޓްރީއެއްގެ ބިޑު ކޮމިޓީއަށް ބަދަލު ގެނެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އެ ނޫންގޮތަކަށް އެ މަސައްކަތް ކުރިޔަށް ނުގެންދެވޭނެއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީން 1 އޭޕްރީލް 2020 ގައި ނިންމާފައި ވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 25.10 ވަނަ މާއްދާގެ (ނ) އަދި 34.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާގޮތަށް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގގެ ފަންނީ އަދި މާލީ ޤާބިލުކަން ވަޒަންކޮށްފައި ވޭތޯ، ބިޑްކޮމިޓީން ބަލައި ޗެކްކޮށްފައި ނުވާކަން ފާހަގަކުރަމެވެ.

ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީގެ ނިޝާމާއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް މީގެ ކުރިން ވެސް ކުރެވުނެވެ. އެއީ ހަމަ މި ވެންޓިލޭޓަރުތަކާއި ގުޅުވާކަމަށްވާއިރު، އޭރު ރައްޔިތުންގެ މަޖިލީހަކުން ވެސް އަދި ސަރުކާރުގެ އެހެން އިދާރާއަކުން ވެސް އެ މައްސަލައަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.

ބިޑު ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން، ބިޑުތައް އެވޯޑު ކުރުމުގައި ނިޝާމާ ކޮރަޕްޝަނަށް މަގުފައިވާ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރިއެވެ. އޭސީސީއަށް ނިޝާމާއާއި ގުޅޭގޮތުން ހުށަހެޅި މައްސަލައިގައި ވަނީ ހެ ލްތުގެ ބިޑް ކޮމެޓީއަށްދާ ބައެއް ބިޑްތައް ކާމިޔާބުވާނެކަމަށް ބެލެވޭ ފަރާތްތަކަށްގުޅާ އެފަރާތްތަކާ ވާހަކަ ދައްކައިގެން އެފަރާތަކަށް ބިޑް ހޯދައިދޭނެކަމަށް ބުނެ އެފަދަ ފަރާތްތަކުގެ ކިބައިން ބޮޑެތި އަދަދުން ފައިސާނެގުމާއި ނާޖާއިޒް ފައިދާ ހޯދުމުގެ އަމަލުތައް ބިޑްކޮމެޓީގެ މެމްބަރުން ހިންގާ ކަމަށެވެ. އެހެން ކަމުން ނިޝާމާގެ ވާހަކަތައް މީގެ ތެރެއަށް އައުން އެއީ ސަޕްރައިޒެއް ނޫނެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައަށް ބަލާއިރު، އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއަކީ “ލެޖިޓިމޭޓު ކުންފުޏެއް” ކަމަށެވެ. މަބްރޫކްވެސް މި ވެންޓިލޭޓަރުތަކުގެ ވާހަކަތައް ދެއްކެވިއިރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ނަން ބޭނުން ކުރެއްވިއެވެ.

ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަ 75 ވެންޓިލޭޓަރަކީ ޑަބްލިއުއެޗްއޯގެ އިރުޝާދުގެ ދަށުން ގެންނަ ވެންޓިލޭޓަރުތަކެއް ކަމަށް ބުނެ ހެލްތް މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާއިރު ހަގީގަތަކީ ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގެންނަން ޑަބްލިއުއެޗްއޯއިން އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމެވެ. ނަމަވެސް ޑބްލިއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ފަރާތުން ވެންޓިލޭޓަރުތައް ލިބޭނެ ކުންފުންޏެއްގެ ނަން އަމިއްލަ ހައިސީއްޔަތުން އަމީނަށް ދެންނެވި ކަމަށް މި ސަރަހައްދުގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހުން ވަނީ ސިޓީއަކުން އަންގާފައެވެ. އެހެން ކަމުން ހެލްތް އަމީން ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ގެންނަ ވެންޓިލޭޓަރަކީ ޑަބްލިއުއެޗްއޯގެ އިރުޝާދުގެ މަތިން ގެންނަ ވެންޓިލޭޓަރު ކަމަށް ބުނެ އެކިއެކި ފަރާތްތަކަށް ސިޓީ ފޮނުވައި ވަނީ ހަގީގަތާއި އެއް ގޮތަށް ނޫންކަން މިހާރު ވަނީ ޔަގީންވެފައެވެ.

މޭއި މަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދުބާއީ ކުންފުނީގެ ސައްހަކަމާއި މެދު ސުވާލު އުފައްދާ، އެ ކުންފުނީގެ ވެބްސައިޓަށް އެކްސެސް ނުކުރެވޭކަމަށް ނޫސްވެރިއަކު ސުވާލު ކުރިއެވެ. އެ ސުވާލަށް މަބްރޫކް ވިދާޅުވެފައިވަނީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެއަށް ގެނައުމަށް ހަވާލުކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ލެޖިޓިމޭޓް ކުންފުންޏެއް ތޯ ބަލާފައިވާނެ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެކަން ޔަގީން ކުރުމަށްފަހުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެ އިތުރުން ޓްރާންސެކްޝަންގެ މަސައްކަތުގައި އުޅުނު މިނިސްޓްރީގެ އޮފިޝަލުންނާއި ވާހަކަ ދައްކާފައިވާނެކަމަށާއި، އެކަމުގެ ޑޮކިއުމެންޓު ވެސް ހޯދާފައިވަނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދުބާއީގެ ކުންފުންޏާއި އެކު އެއްބަސްވުން ގާއިމް ކުރުމަށް، ލަފާ ދިނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުއެވެ. މީގެ މުޅި އެއްބަސްވުމަށް ބަލާއިރު އަސްލު ހުއްދަ ދިން އިދާރާއެއް ޑޮކިއުމެންޓަކުން ފެންނަން ނެތެވެ. އެހެން ނަމަވެސް އުސޫލެއްގެ ގޮތުން، މިއީ އަމީނާއި ފިނޭންސް މިނިސްޓްރު އިބްރާހިމް އަމީރަށް ނޭނގި ހިންގޭނެ މުއާމަލާތެއް ނޫނެވެ. ސަރުކާރުގެ އެއްވެސް މުއާމަލާތެއް ފިނޭންސް މިނިސްޓްރީއަށް ނޭނގި ނެހެދޭނެއެވެ. އަދި މިގޮތަށް ޓްރާންސެކްޝަނެއް ހިންގާއިރު އެއްވެސް އިންޑިވިޖުއަލްއެއްގެ އެކައުންޓަކަށް ފައިސާއެއް ޖަމާ ނުކުރެވޭނެއެވެ. ފައިސާ ޖަމާ ކުރަންޖެހޭނީ އެ ކުންފުންޏެއްގެ ސީދާ ރަސްމީ އެކައުންޓަށެވެ.

ވެންޓިލޭޓަރު މައްސަލަ އޭސީސީން ތަހުގީގު ކުރި، އޭރު ކޮމިޝަނަށް ފެނުނު ކޮރަޕްޝަނެއް ނެތް

އެގްޒެކިއުޓާސް މެދުވެރިކޮށް ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހިމަނާފައި ހުރީ ހަގީގަތާއި ހިލާފު މައުލޫމާތެކެވެ. އަދި ކުންފުޏަށް އެއްބަސްވުމުގެ 90 އިންސައްތަ ފައިސާ ވަނީ ދައްކާފައެވެ. މިއަދާއިހަމައަށް އައިރު ވެންޓިލޭޓަރުތަކުން ލިބުނީ 10 ވެންޓިލޭޓަރެވެ. އެއީ ވެސް ފޭކް ވެންޓިލޭޓަރެވެ.

އެއްބަސްވުމުގައި ވާ ގޮތުންނަމަ ވެންޓިލޭޓަރުތައް އެއްކޮށް ޑެލިވާރ ކުރާނީ، ފުލް ޕޭމަންޓު ދެއްކުމުންނެވެ. މީގެ ދުވަސްތަކެއް ކުރިން ހެލްތް އިމަޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެންޓިލޭޓަރުތައް ނުލިބި ލަސްވަނީ، ދުބާއީގެ ކުންފުނިން ފުލް ޕޭމަންޓަށް ޑިމާންޓު ކުރާތީ ކަމަށެވެ. ޑރ. ނަޒްލާ އެ ވިދާޅުވީ ހަގީގަތުގައި އެއްބަސްވުން ގާއިމްކުރި ގޮތުގެ އުސޫލެވެ. ހަމައެހެންމެ ދުބާއީ ކުންފުންޏަށް ފައިސާ ދެއްކުމަށް އެދި ހުށަހެޅި ދުވަހާއި ފައިސާ ދެއްކީ ދެ ތިން ދުވަސް ތެރޭގައެވެ.

ރައްޖެއަށް ގެނައި ވެންޓިލޭޓަރުތަކުގެ ޝަރުތު ހަމަނުވާއިރު، މިއީ ޕޯޓަބަލް 10 ވެންޓިލޭޓަރެވެ. މިއާއި އެކު ޑެލިވާރ ކުރަންޖެހޭ ބެޓަރިތައް ދުބާއީގެ ކުންފުނިން ފޮނުވާފައި ނުވެއެވެ. އަދި ވެންޓިލޭޓަރުތަކުގެ އޮކްސިޖަންއެއް ނުހިފަހައްޓައެވެ.

ވެންޓިލޭޓަރު މައްސަލައިގައި މީގެ ކުރިން ނޫސްވެރިން އެތައް ސުވާލެއް އުފެއްދި، ބަދަލުގައި ފާޑުކިޔުން އައީ ނޫސްވެރިންނަށް

ދައުލަތުން ބޮޑެތި ހަރަދުތަކެއްކޮށްގެން، ގެނަން ހަވާލު ކުރި ވެންޓިލޭޓަރުތައް ނިލިބުމަކީ ހަގީގަތުގައި ވެސް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ރައްޔިތުންގެ ފުރާނަ ނުރައްކަލެއްގެ ތެރޭގައި ވަނިކޮށް، މިފަދަ ބަލިމަޑުކަމަކުން ވައްކަން ކުރުން ނުވަތަ ނާޖާއިޒް ފައިދާ ހޯދުމަށް މަސައްކަތް ކުރާ މީހުންގެ މައްސަލަތައް ބެލެން ޖެހޭނެއެވެ.

ހިތާމައަކީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް އަމިއްލައިން މަސްއޫލިއްޔަތުން އެކަހެރިވިކަމެވެ. އެފަދަ ބޮޑު ތުހުމަތެއް އައުމުން ދެންޖެހޭނީ އިސްތިއުފާއެވެ. މާގާމުން އެކަހެރިވުން އެއީ ރާއްޖޭގެ ގާނޫނީ ނިޒާމު ދަންނަ އެއްޗެއް ނޫނެވެ. ޓުރިޒަމް މިނިސްޓަރަށް ހުންނެވި އަލީ ވަހީދަށް ވަގުތުން ފިޔަވަޅު އެޅުނުއިރު، އަމީން ވެސް މަގާމުން ސަސްޕެންޑު ކުރަންޖެހޭނީ ރައީސުލް ޖުމްހޫރިއްޔާއެވެ. މި ދައްކަނީ، ފެންފޮދަލާއި ވެސް ނުލާ ދިރުވާލި ވެންޓިލޭޓަރެއްގެ ވާހަކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: