ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުބާއީ ވެންޓިލޭޓަރުތަކުގެ މައްސަލަ: ފައިސާ ޖަމާކުރަން އުޅުނީ އަމިއްލަ އެކައުންޓަކަށް، ފިނޭންސް އިން ރިޖެކްޓު ކުރި!

މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީޏް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލަ ބޮޑުވެފައިވާ ދުބާއީގެ ކުންފުންޏަށް 75 ވެންޓިލޭޓަރުގެ ފައިސާތައް ކުންފުންނީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކާއި، ކުރި މަސައްކަތްތަކުގެ ތަފްސީލުތައް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމެންޓު” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓު އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ހިދުމަތް ހޯދުމުގައި އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބަލަން ޖެހޭނެއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

އެހެން ނަމަވެސް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރިއިރު، އެ ކުންފުންޏަކީ މިފަދަ ބޮޑު މަސައްކަތެއް ކުރިޔަށް ގެންދެވޭނެވަރުގެ މަލީ ގާބިލުކަން ލިބިގެންވާ ކުންފުންޏެއްތޯ ހެލްތް މިނިސްޓްރީން ބަލާފައިނުވަކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއާއި އެކު ދުބާއީގެ އެ ކުންފުންޏާއި އެކު މީގެ ކުރިން ސަރުކާރުން އެއްވެސް މުއާމަލާތެއް ހިންގާފައިނުވާއިރު، އެގްޒެކިއުޓާސްއިން މީގެ ކުރިން މެޑިކަލް އިކުއިޕްމެންޓުތައް ފޯރުކޮށްދީފައިވޭތޯ އާއި، ކުންފުނީގެ މަސައްކަތްތަކުގެ ތަޖުރިބާއަކީ ކޮބައިކަން ބަލާފައިނުވާއިރު އެ ކުންފުނީގެ ފަންނީ ގާބިލުކަން ބެލުމުގެ ގޮތުން އެއްވެސް ލިޔެކިއުމެއްގެ އެހީތެރިކަން ހޯދާފައިނުވާކަން ވެސް ރިޕޯޓުގައި ވާނީ ފާހަގަކޮށްފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ދުބާއީގެ ކުންފުންޏާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގެންނަން ބިޑް އެއްބަސްވުން ހަދާފައިވަނީ އެޑްވާންސް ގެރަންޓީއަކާއި ނުލައި ކަމަށެވެ. އަދި ވެންޓިލޭޓަރުގެ 90 އިންސައްތަ ޕޭމަންޓު ގާއިމް ކުރުމަށްފަހު، އެ ފައިސާ ޖަމާ ކުރުމަށް މަސައްކަތް ކުރީ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަކަށް ކަމަށެވެ.

ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކާއި ހަވާލު ކުރިއެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. މި ވެންޓިލޭޓަރުތަކަށް އެޑްވާންސް ގެރަންޓީއަކާއި ނުލާ ދެ ފަހަރެއްގެ މަތީން ފައިސާ ދެއްކިއެވެ.

ލޫޕް ހޯލްތަކެއްގެ ބޭނުންހިފާ، ރާއްޖެއަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި މައްސަލައިގައި ޒިޔަތު ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއިރު، ބީލަމަކާއި ނުލައި މާލިއްޔަތު ގާނޫނުގެ ތެރެއިން ކުރިޔަށް ގެންދިއުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން މާލިއްޔަތު ގާނޫނުގެ ދަށުން ކުންފުނިތަކުގެ މާލީ ހާލަތު ކަށަވަރު ކުރަން ޖެހޭއިރު، މާލީ ހާލަތު ބަލާފައިނުވާކަން ޒިޔަތު ވަނީ ފާހަގަކުރައްވާފައެވެ.

އެއްބަސްވުން ގާއިމްކޮށް، ފައިސާ ޖަމާކުރަން އުޅުނު ގޮތުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އޮޑިޓު އޮފީހުގެ ޑިރެކްޓަރު އިބްރާހިމް ފަޒީލް ވިދާޅުވީ ފައިސާގެ ޓްރާންސެކްޝަން ހެދުމަށް މަސައްކަތްކޮށްފައިވަނީ އިންޑިވިޖުއަލްއެއްގެ އެކައުންޓަށް ކަމަށެވެ. މި މުއާމަލާތް ހިނގިކަން ފެންނަން އޮތްއިރު، އެކަން ރިޖެކްޓުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއިން ކަމަށް ފަޒީލް ވިދާޅުވިއެވެ. ފަޒީލް ވިދާޅުވީ ގޮތުން، އެ ފައިސާ އެގްޒެކިއުޓާސްގެ ނަމުގައިން އިން އެކައުންޓަށް ޖަމާކޮށްފައިވަނީ ފިނޭންސްއިން އެ ހުށަހެޅުން ރިޖެކްޓު ކުރުމުންނެވެ.

ޒިޔަތު ވިދާޅުވީ އަންނަ ކޮންމެ ޕޭމަންޓެއް ފިނޭންސްއިން އެޕްރޫވް ނުކުރާނެ ކަމަށެވެ. އަދި މާލިއްޔަތުގެ ގަވައިދުން ނިޒާމު ހިންގަމުން އަންނަ ގޮތުން މާލީ ޒިންމާދާރުވެރިންނަށް ބާރުތަކެއް ދީފައިވާ ވާ ކަމަށެވެ. އެހެން ނަމަވެސް ފިނޭންސްގެ މަސްއޫލިއްޔަތާއި މެދު ސުވާލު އުފެއްދިދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ. ކޮވިޑު ފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން، ގަވައިދާއި އެއްގޮތްވާ ގޮތަށް ކިތަންމެ ބޮޑު އަދަދަކުން ވެސް ފައިސާ ދޫކުރުމުގެ އިހުތިޔާރު މިނިސްޓަރަށް އޮންނާނެކަމަށް ޒިޔާތު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީއިން، ހެލްތް މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކުރުމަށް ބިޑު ކޮމިޓިއަށް ހުށަހަޅަން އެންގިނަމަވެސް އެއީ އެއްގޮތަކަށް ވެސް ގެރެންޓީއަކާއި ނުލާ މުއާމަލާތް ކުރިޔަށް ގެންދަން ޖެހޭނެ ސަބަބެއް ނޫން ކަމަށް ޒިޔަތު ވިދާޅުވެފައިވެއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ފިނޭންސް މިނިސްޓަރުގެ އިހުމާލެއް ވޭތޯ މެމްބަރަކު ސުވަލު ކުރުމުން ޒިޔަތު ވިދާޅުވީ ހެލްތްގެ އޮޑިޓުން އެފަދަކަމެއް ފާހަގަކުރެވިފައި ނެތް ކަމަށެވެ. ޒިޔަތު ވިދާޅުވީ މިނިސްޓްރީގެ އޮޑިޓުން އެނގޭ ގޮތުން މީގައި އެންމެ ބޮޑަށް އިހުމާލުވާކަން ހާމަވަނީ ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ، އައި ބިޑު ކޮމިޓީ ކަމަށެވެ.

ހެލްތް މިނިސްޓްރީއިން މާލިއްޔަތު ގާނޫނާއި ހިލާފުވެ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ ކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ ދަށުން، ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 އިންސައްތަ ފައިސާ ދައްކާފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އެއީ ދިވެހި ފައިސާގެ 30 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އެޑްވާންސް ޕޭމަންޓުގެ ގެރަންޓީއެއް ހެލްތްއިން ހޯދާފައި ނުވެއެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށާއި ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: