ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމެޓީއިން ފާސްކުރީ އަމީން ގަސްތުގައި މަޖިލީހަށް އޮޅުވާލިކަމަށް!

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މުޅި މަޖިލީހަށް ގަސްތުގައި އޮޅުވާލާފައިވާކަމަށް ނިންމައި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން، މައްސަލައިގެ ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

ކުރީގެ ހެލްތް މިނިސްޓަރ އަމީންގެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމެޓީއަށް ފޮނުވީ އޭޕްރީލް 2020 ގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޚައިތަމް، އަމީނަށް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވެފައިވާ އެއްޗަކާއި އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކުރި ކޮމަޕްލަޔަންސް ރިޕޯޓާއި ފުށޫއެރުންތަކެއް ހުރުމާއި ގުޅިގެންނެވެ. ކޮމެޓީއިން، އަމީން މުޅި މަޖިލީހަށް ގަސްތުގައި އޮޅުވާލާފައިވާކަމަށް ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން އަމީން ވިދާޅުވީ، އޭރު ދުނިޔޭގެ ޙާލަތު ހުރިގޮތުންނާއި ވެންޓިލޭޓަރު އުފައްދާ ގައުމުތަކުންވެސް މިތަކެއްޗަށް ބޭނުންވެފައިވާ މިންވަރު ބޮޑުވެފައިވާތީ ތަކެތި ލިބުމަށް ވަރަށް ބޮޑު ދަތިކަމެއް ހުރިކަމަށެވެ. އަދި މިނިސްޓްރީއިން ދެކުންފުންޏާއި ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތައް ސަޕްލައިކުރުމުގައި ލަސްވެދާނެކަމަށް ގަބޫލުކުރެވޭތީ، އިތުރަށް ހޯދަންޖެހޭ ވެންޓިލޭޓަރުތަކުގެ ތެރެއިން 75 ވެންޓިލޭޓަރު ހޯދުމަށް ދިވެހިރާއްޖޭގެ ޑަބްލިއު.އެޗް.އޯ ކަންޓްރީ އޮފީހާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑަބްލިއު.އެޗް.އޯ ކަންޓްރީ އޮފީސް މެދުވެރިކޮށް ވެންޓިލޭޓަރުތަކުގެ އަގު ބެލިކަމަށެވެ. އެއަށްފަހު ދުބާއީ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިންގއިން އަގު ހޯދައި ސިންގަލްސޯސް ޕްރޮކިއުމެންޓްގެ ތެރެއިން 2 އޭޕްރީލް 2020 ގައި ހަވާލުކުރެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

އެހެންނަމަވެސް، 16 އޮގަސްޓް 2020 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވި “ކޮވިޑް-19 އާގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް” ގައި އެއީ ސައްހަނޫން މައުލޫމާތެއްކަމުގައި ބަޔާންކުރައްވާފައިވުމާއި ގުޅިގެން، މިއީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާގުޅޭ މައްސަލައަކަށްވާތީ މި މައްސަލަ ބަލައިދިނުމަށް އެދި އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ކޮމިޓީއަށް ފޮނުވުމާ ގުޅިގެން، އެމައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތް އެކޮމެޓީއިން ފަށައި ސަބްކޮމެޓީއެއް މެދުވެރިކޮށް އެމަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެޓީއިން މި މައްސަލަ ދިރާސާކޮށް ނިންމާފައިވާއިރު، ކޮމެޓީއަށް ފާހަގަކުރެވުނު ކަންކަމުގެ ގޮތުގައި ޖުމްލަ ހަތަރުކަމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން މެންބަރު ހައިތަމް، ލިޔުމުން ފޮނުއްވި ސުވާލުގެ ޖަވާބުގައި ސިޓީއިން ދެއްވާފައިވާ މަޢުލޫމާތާއި، 20 އޮކްޓޫބަރު ގައި އޮތް ކޮމިޓީގެ 02 ވަނަ ބައްދަލުވުމުގައި މިނިސްޓަރ ދެއްވި މައުލޫމާތަށް ބަލާއިރު، އެއްވެސް ތަފާތެއްހުރިކަމަށް ކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވިފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް، 16 އޮގަސްޓްގައި އޮޑިޓަރ ޖެނެރަލް ނެރުއްވި “ކޮވިޑް-19 އާގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް” ގައި ބަޔާންކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު، ކޮމިޓީން މިނިސްޓަރާ ކުރިމަތިކުރުވި ސުވާލުތަކަށް ދެއްވާފައިވާ ޖަވާބު އިސްވެދެންނެވި އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ ޚިލާފުކަން ކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވިފައިވާކަމަށް ރިޕޯޓުގައިވެއެވެ.

އެހެން ނަމަވެސް، މިނިސްޓަރު ކޮމިޓީއަށް ހާޒިރުވެ ދެއްވި މައުލޫމާތައް ބަލާއިރު ވެންޓިލޭޓަރުތައް ހޯދުމުގައި ޑަބްލިޔު.އެޗް.އޯއާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ރަސްމީކޮށް މުއާމަލާތުކުރެވުނުކަން ފާހަގަކުރައްވައި، އެމުއާމަލާތްކުރިކަމުގެ ހެއްކެއްގެ ގޮތުން މިނިސްޓަރު ކޮމިޓީއަށް ހުށަހެޅުއްވި އީމެއިލްގެ ކޮޕީ ކޮމިޓީން ބެލި ބެލުމުން، އެއީމެއިލްއިން މުޢާމަލާތްކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތްގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން އެ ލިޔުމުން އެނގެންނެތްކަން ކޮމިޓީއަށް ފާހަގަކުރެވުނުކަމަށް ރިޕޯޓުގައިވެއެވެ. އަދި އެދެފަރާތުގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތުގެ ރަސްމީ އެއްވެސް ލިޔުމެއްވާނަމަ، އެ ލިޔުމެއް ކޮމިޓީއަށް ހުށަހެޅުމަށް ފުރުސަތު ދީފައިވީނަމަވެސް، ރަސްމީ ލިޔުމެއް އެ މިނިސްޓްރީން ކޮމިޓީއަށް ހުށަހަޅާފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މައްސަލައާ ގުޅިގެން ސަބް ކޮމިޓީން، ޑަބްލިޔު.އެޗް.އޯގެ ކަންޓްރީ އޮފީހުން ރަސްމީކޮށް އެއްވެސް މަޢުލޫމާތެއް ސާފުކޮށްފައެއްނުވެއެވެ. އަދި މި މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކޮށްފައިވަނީ 16 އޮގަސްޓް 2020 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވި “ކޮވިޑް-19 އާގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް”އަށް އެކަންޏެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަމުގެ ތުހުމަތުތައް އޭރުގެ މިނިސްޓަރ އަމީނަށް ކުރެވުމާއެކު، އޭނާ އަމިއްލައަށް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެފައެވެ. އަދި ސަރުކާރު ހިންގާ މައި ޕަޓީ، އެމްޑީޕީ މެމްބަރުންގެ ވޯޓާއެކު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި، ޖަވާބުދާރީވުމަށް ނޯޓިސްވެސް ދިންފަހުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އަމީނާއި ހިސާބުން މައްސަލަ ނުނިމޭނެކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެވެސް އިހުމާލުވުމެއް ނުވަތަ ބައިވެރިވުމެއް މިކަމުގައިވާނެ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އޭގެތެރޭގައި އަމީރު ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންވެސް ހިމެނެއެވެމ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: