ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އެހާ އަވަހަށް “އައުޓް” ކޮށްލެވިދާނެތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ދަރުވާލަނީޔޯލައެވެ. ރާއްޖެ އަޅުވެތިކުރަން އުޅޭނީޔޯލައެވެ. އިގްތިސާދު ފުނޑާލައި، ދިވެހި ވިޔަފާރިވެރިން އިނދަ ޖައްސާލައި، ރާއްޖެ، އިންޑިއާގެ ކޮންޓްރޯލްގެ ދަށަށް ގެންދަން އުޅެނީޔޯއެވެ. “ދަރަނީގެ ދަންތުރައެއްގައި” އިންޑިއާ އިން ޖައްސަން އުޅޭ ވާހަކައެވެ. ރާއްޖެ އަޅުވެތި ކުރަން އުޅޭ ވާހަކައެވެ. ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި ސިޔާދަތު ގެއްލުވާލަން އުޅޭ ވާހަކައެވެ. އިންޑިއާ އިން ރާއްޖެ އަށް “އަތްގަދަ” ކުރަން އުޅޭ ވާހަކައެވެ.

މިހުރިހާ ވާހަކައެއްވެސް ގޮސް ހުއްޓެނީ ގައުމުގެ ހާރިޖީ ސިޔާސަތާއި ހަމައިންނެވެ. ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ވަކި އަތަކަށްނުޖެހޭ ހާރިޖީ ސިޔާސަތެއް ގެންގުޅުނު ގައުމެކެވެ. މި މާޒީ ދިގު ޒަމާންތަކަށް ދެމިގެން ގޮސްފައިވެއެވެ، އެހެން ނަމަވެސް އެންމެ ފާހަގަކޮށްލެވެނީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ހާރިޒީ ސިޔާސަތެވެ. އަރަބި ގައުމުތަކާއި މެދު އިރުމައްޗަކީ ރާއްޖޭގެ އަޚުންނެވެ. އިންޑިއާއަކީ ރާއްޖޭގެ އަވައްޓެރި މިތުރެވެ. ސާކުގެ ގައުމުތަކަކީ ސަރަހައްދުގެ ބައިވެރިންނެވެ. އެމެރިކާއި ޔޫރަޕާއި ކޮމަންވެލްތަކީ ދޫކޮށްނުލެވޭނެ މަދަދުގާރުންވެ. ޗައިނާގެ އިގްސާދީ ފިލާވަޅުތައް ދޫކޮށްލެވޭކަށް ނެތެވެ. ކޮންމެއަކަސް ގައުމުތަކުގެމެދުގައި ރައީސް މައުމޫން ގެންގުޅުއްވި ހަމަހަމަކަމަކީ ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް ހިފެހެއްޓުނު ހަމަ އެއް ނޫނެވެ.

2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަން ގިނަ ޕާޓީ އެކުލެވޭ ނިޒާމަކުން ބަދަލުކުރީ ހުރިހާ ގޮތަކުންވެސް “ހެޔޮ ވެރިކަމެއް”ގެ ސިފަ ޖެއްސުމަށެވެ. ނަމަވެސް ހަގީގީ ގޯހުގެ ފެށުމަކީ އެއީއެވެ. ރާއްޖެއިން ގެންގުޅުނު މެދުމިނުގެ ވަކި އަތަކަށްނުޖެހޭ ހާރިޖީ ސިޔާސަތު އަރިކޮށްލީ ރައީސް މުހައްމަދު ނަޝީދެވެ. އިސްލާމީ އަރަބި، މެދު އިރުމަތިވީ މާ ކަޓު ބަޔަކަށެވެ. ޗައިނާއެއްވެސް ކަމަކު ނުދިޔައެވެ. ރަނގަޅީ ހަމައެކަނި “ދޮން މީހުން”އާއި ދޮން މީހުންގެ ބައިވެރިންކަމުގައި ހަދައިފިއެވެ. ޖިއޯ ޕޮލިޓީކްސްގެ އެ ރޫޓުން، ދޮން މީހުންގެ ލައިނުން ލައިން ނަގާ، އިންޑިއާއާއި ބައިއަތުހިފައިފިއެވެ. އެހިސާބުން އިންޑިއާ-ޗައިނާގެ ކޯޅުމުގެ ތެރެއަށް ރާއްޖެ ވެއްޓިއްޖެއެވެ. އޭރުގެ އިދިކޮޅުން ގޮވީ އިންޑިއާއަށް ރާއްޖެ ވިއްކާލައިފިކަމަށެވެ.

ދެން އައީ ރައީސް ޔާމީނެވެ، ރައީސް ނަޝީދު ފެއްޓެވި ސަކަރާތް ރައީސް ޔާމީން ދެމެހެއްޓީއެވެ. ރައީސް ޔާމީނަށް “ދޮން މީހުން” ކަމަކު ނުދިޔައެވެ، އެލައިނުގެ އެހެން ގައުމުތައްވެސް ކަމަކުނުދިޔައެވެ. ޔޫރަޕިއަން ޔޫނިއަންއާއި ކޮމަންވެލްތާއި ބީރައްޓިހިވިއެވެ. އިންޑިއާއާއި ސަލާންކުރުން މަދުކޮށްފިއެވެ. ޗައިނާ ގައިގައި ބައްދަން ފަށައިފިއެވެ. އިސްލާމީ ގައުމުތަކާއި މެދު އިރުމައްޗަށް ގިނަގިނައިން ގުޅަން ފަށައިފިއެވެ. އެއާއެކު އޭރުގެ އިދިކޮޅުން ގޮވަން ފަށައިފިއެވެ، ޗައިނާއަށް ގައުމު ވިއްކައިފިއެވެ.

މިގޯސް ރަނގަޅުކުރުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ލިބިވަޑައިގަތެވެ، ނަމަވެސް 2008 އިން ފެށިގެން އޮތް ގޯސް ރައީސް ސޯލިހުވެސް ދެމެހެއްޓީއެވެ. ޗައިނާއާއި އިސްއުފުލާ ބަލާލަނީވެސް އިންޑިއާކުރެން އަހާފައިހެން ހީވާ ހިސާބަށް ބައެއް ފަހަރު ކަންކަން ގޮސްފިއެވެ. އިންޑިއާ ވަރެއް ނެތެވެ. މިހާރު އަނެއްކާ އިދިކޮޅުން ކިޔަނީ އިންޑިއާއަށް ގައުމު ވިއްކާލަނީއެވެ.

މިއާއެކު “އިންޑިއާ އައުޓް” ގެ ނަމުގައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ފަށައިފިއެވެ. އިންޑިއާ “އައުޓް” ކޮށްލަަންވެގެނެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މިހާ އަވަހަށް ފަސޭހަކަމާއެކީ އިންޑިއާ “އައުޓް” ކޮށްލެވިދާނެތޯއެވެ؟

ރާއްޖެ އަށް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެފައި އޮތް މި ދަނޑިވަޅުގައި އެންމެ ބޮޑު އެހީތެރިކަމެއްވި އެއް ބަޔަކަށް ހަމަ ގައިމުވެސްވާނީ ހަމަ އެ ބައްޔާ ހެދި ނުރައްކާތެރި ފައްތަރެއްގައި އޮތް އިންޑިއާއެވެ. އިންޑިއާ އިން ރާއްޖެ އަށް ދިން އެހީތެރިކަމާ “ފިޔަވަޅަކަށް” ކައިރިއަށް ވެސް އެހެން ގައުމަކަށް އަދި ޖެހިލެވިފައެއް ނުވެއެވެ.

ހަގީގަތަކީ ރާއްޖެ-އިންޑިއާ ގުޅުމުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އައިސްފައި ހުރި ކަމެވެ. ހަމައެކަނި އެއީ ޗައިނާ އިން ދިން އެހީތެރިކަމުގެ ސަބަބުން އެކަންޏެއް ނޫނެވެ. ޗައިނާ އިން ދިން އެހީ މަދެއް ވެސް ނޫނެވެ. މައްސަލަކީ ހަމަ ހާރިޖީ ސިޔާސަތެވެ.

ރަގަނގަޅެވެ. ގައުމު ފޭރިގަނެ އިސްތިގުލާލާ މިނިވަންކަމާއި ސިޔާދަތު ފޭރިގަންނަން އުޅޭކަމުގައި ވަނީނަމަ މިއީ އަދި ދެއްކޭނެ ބަހަނާއެއްވެސް ނޫނެވެ. ގައުމުގެ އިސްތިގުލާލާ މިނިވަންކަން ނުގެއްލޭ ގޮތަށް ބޭރުގެ ކޮންމެ ގައުމަކުން ވިޔަސް، ނުވަތަ ޖަމިއްޔާއަކުން ވިޔަސް، އެހީއެއްވެއްޖެ ނަމަ، ރައްޔިތުން އެ އެހީއެއް ބަލައިގަންނަން ޖެހެއެވެ. އެއީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ މުހިންމު އެހީއަކަށް ވެދާނެއެވެ. ރާއްޖެ، ގައުމެއްގެ ގޮތުގައި އޮތީ ބޭރުގެ އެކި ގައުމުތަކުން ދިން އެހީއާއެކުގައެވެ. މި ކުޑަ ކުޑަ ދިވެހި ރާޢްޖެއަކީ ބޭރުގެ އެހެން ގައުމަކަށް ބަރޯސާނުވެ، އުޅެވޭނޭ ވަރަށް ވުރެ އެތަށް ގުނައެއް ތަރައްގީއާއި ތަހުޒީބުގެ ރޮގުން ފަހަތުގައި އޮތް ގައުމެއްކަން ދިވެހިން ހަދާން ކުރަން އެބަޖެހެއެވެ.

ދިވެހިންނަށް ކުރިމަތިވި އެތައް ހިތްދަތި ވަގުތެއްގައި މި ގައުމުގެ ރައްޔިތުންނާއިއެކު ތެދުވި ބަޔަކަށް ހަމަގައިމުވެސް އިންޑިއާ ވެގެންދާނެއެވެ. އުދުވާނީ ހަމަލަ އާއި މާލޭގެ ރައްޔިތުން ފެނަށް ޖެހުން ހާދިސާގައި އިންޑިއާގެ ފަރާތުން ލިބުނު އެހީތެރިކަން ހެއްކެއްގެ ގޮތުގައި ފުދޭނެއެވެ.

ހަމައެއާއެކު ޗައިނާއިންވެސް ރާއްޖޭގެ ތަރައްގީއަށް ކޮށްދިން ކަންތައްވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ. ބައިވަރު ކަންކަން ލިސްޓުގައި އޮތަސް، “ނޭޅޭނެއޭ” ބުނި ބްރިޖް މަތިން ދުއްވާފައިދާއިރު ލިބޭ ފަސޭހައާއި ލުޔަށް އެކަނި ބަލާލުމުންވެސް މިވަގުތަށް ފުދެއެވެ.

މި ހުރިހާކަމެއް މިހެން އޮތްއިރު، ރާއްޖެ އިން އިންޑިއާ ބޭރުކޮށްލަން އުޅުމަކީ ލިބެންހުރި އެތައް ރިޒުގެއްގައި އަތް އަޅާ ފަހަތަށް ކޮށްޕާލުންފަދަކަމެކެވެ. އެހެންނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ތާރީޚާއި ސަގާފީ ގޮތުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމަކީ ޒަމާންވީ ގުޅުންތަކެކެވެ. އެހެންކަމުން މިހާ އަވަހައް ރާއްޖެއަށް އިންޑިއާ އައުޓް ކޮށްލެވިދާނެތޯއެވެ.؟ ނޫނީ އެއީ އެންމެ ބުއްދިވެރިގޮތަށް ވާނެ ބާއެވެ.

އަޅުގަނޑަކީ ހާރިޖީ ތަޖުރިބާކާރެއް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑު ހިތަށް އަރައެވެ. ކޮންމެހެން އިންޑިއާ އައުޓްކުރަން ޖެހޭހެއްޔެވެ؟ އިންޑިއާވެސް ބާއްވާފައި، ދުރުގައި އޮތް ޗައިނާވެސް “އިން” ކޮށްލަންވީ ނޫންތޯއެވެ. އިންޑިއާވެސް ޗައިނާވެސް އިންކޮށްފައި އޮތުމުން ރާއްޖެއަށް ލިބޭ ކުރިއެރުން މާބޮޑުތަނުން އިތުރުވާނެނޫންތޯއެވެ!

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: