ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ޕީޕީއެމް، ޕީއެންސީ: ބޭނުންވަނީ އާ ލީޑާޝިޕަކާއި އާ މޫނުތަކެއް!

އެންމެން އެއް އަޑަކުންގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ސިޔާސީ ތުހުމަތުތަކެއް ކުރެވި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުނުތާ އަހަރަކާއި ގާތް ވަނީއެވެ. މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް އަޑުއެހުންތައް ނިމުމަކަށް އައި ނަމަވެސް، ކްރިމިނަލް ކޯޓުގައި ވަނީ އިތުރު މައްސަލަތަކެއް ބަލަން ފަށާފައެވެ. މިދިޔަ ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިހާބުންވެސް ޔާމިން އަބްދުލްގައްޔޫމް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާއި އެވެ. ވެރިކަން ކުރެއްވި ގޮތުން ރައްޔިތުން ދެވަނަ ދައުރެއް ދިނުމަށް ބޭނުމެއް ނުވީއެވެ. މުޅި އިންތިހާބު ނަގާ ކިހިލީގައި ޖަހާލުމަށް މަސައްކަތް ކުރީ ކޯޓުގެ ތެރެއިންނެވެ. އެހެން ނަމަވެސް، ކޯޓުން ބަލިވީއެވެ.

ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ. “ކެމްޕޭނަށް” ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒްކުރިއެވެ.

މިއަދު އެ އޮންނެވީ އެއްވެސް އާރެއް، ބާރެއް ނެތް ހާލުގައި ޖަލު ގޮޅީގެ ތެރޭގައެވެ. މަނީ ލޯންޑްރިންގެ ދައުވާ ކުރެވި، އެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ 5 އަހަރު ދުވަހުގެ ހުކުމެކެވެ. ރިޔާސީ އިންތިހާބަށްފަހު، އިންތިހާބު ގަބޫލުނުކޮށް ބޮޑާހާކާ އެތައް ހަރަކާތްތަކެއް ކުރިޔަށް ގެންދިޔައެވެ. އެ ހަރަކާތަށް ބައެއް މީހުން “ދެ ދޮރު ދޭތެރޭ މުޒާހަރާ” އޭވެސް ކިޔާ އުޅުނެވެ. އެހާވެސް ބާރެއް ނެތެވެ. އެއްރޭ، އެއްވުން ބޭއްވިއްޔާ އަނެއް ދެރޭ އެއްވުން ނުބާއްވައެވެ. އެހާވެސް ރޭވުންތެރިކަން ދަށެވެ.

މިއަދު ޕީޕީއެމް، ޕީއެންސީއަށް ދެއްކޭނެ މާ ބޮޑު “ސިޔާސީ” ވާހަކައެއް ނެތެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް، ކުރެވެން އޮތް “ކޮންމެ” މަސައްކަތެއް ވެސް ކުރާނެ ކަމަށް ވިދާޅުވީ ބޭފުޅުންގެ އަޑުގައި ޖޯޝެއް ނެތެވެ. އެ ހިތްވަރެއް ވެސް ނެތެވެ. މުޒާހަރާތަކާއި، އެއްވުމުގެ ވާހަކަ ދެއްކުން އިދިކޮޅުން ދޫކޮށްލާން ވެއްޖެއެވެ. ސަބަބަކީ އެ ހިއްވަރެއް ނެތީތީއެވެ. އެ ބުންވަރެއް ވެސް ނެތީތީއެވެ. މާލޭގައި ދާދިފަހުން ވެސް އެއްވުންތަކާއި މުޒާހަރާތައް ބޭއްވުމަށްފަހު، އެކަމާއި ބެހޭ ސުވާލުތައް އަމާޒުވާން ފެށުމުން ވިދާޅުވީ އެއީ އެ ބޭފުޅުން އިންތިޒާމު ކުރި އެއްވުންތަކެއް ނޫން ކަމަށެވެ. މާލޭގައި އެންމެ ބާރަށް ކޮވިޑު ފެތުރެމުން ދިޔަ ދުވަސްވަރުގައި ވެސް މަގުތަކަށް ނިކުތެވެ.

މިވީ ދުވަސްތަކުގެ ތެރޭގައި އިދިކޮޅުގެ އަޑުތައް އެންމެ ގަދަވެފައިވަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމާއި މެދުއެވެ. އިންޑިއާ އައުޓެއްގެ ނަމުގައި ކެމްޕެއިންތަކަކާއި، ހޭޝްޓެގުތަކެއް ދައުރު ކުރަމުންދާއިރު ރާއްޖެ ފަދަ ކުޑަ ގައުމަކުން އެހެން ގައުމަކާއި މެދު ނަފްރަތު އުފެއްދުމަށް ކުރާ މަސައްކަތްތަކުން އަންނާނެ ނޭދެވޭ އަސަރުތައް ވިސްނެން ވާނެއެވެ. ސަބަބަކީ، ހަމަ މި އަޑުތައް މީގެ ކުރިން ވެސް ގަދަވެފައިވާތީއެވެ. ތަފާތަކީ ހަމައެކަނި ގައުމުގެ ނަމެވެ. އެ ދުވަހު މިއަދު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން އަޑުއުފުލީ ޗައިނާއާއި ދެކޮޅަށެވެ. ޗައިނާއިން ރާއްޖޭގައި ކުރިޔަށް ގެންދިޔަ މަޝްރޫއާއި، ޕްރޮޖެކްޓުތަކާއި އެ ގައުމުން ރާއްޖެއަށް ވެދޭ އެހީތަކަކީ އެއީ ފޮރުވިފައިވާ ސިއްރުތަކެއް ވާނެ އެއްބަސްވުންތަކެއްގެ ގޮތުގައި ދިޔައީ ބުނަމުންނެވެ. މިއަދުވެސް ދޭތެރެއަކުން ހަމަ އެފަދަ ވާހަކަތައް ދައްކައެވެ. ލޯނުތަކެއްގެ ދަންތުރައެއްގެ ވާހަކަތަކެވެ.

ސިޔާސީ ބޭނުމަށް، އެ މަގްސަދުތައް ހާސިލް ކުރުމަށް ބޭނުންހާ ވާހަކައެއް ދެއްކުމަކީ ކޮންމެ މީހެއްގެ ވެސް އާދައެކެވެ. މޮޅު ޓްވީޓުތަކަކާއި، އަދި ޕޯޑިއަމްއެއްގައި ދައްކާ ކޮންމެ ވާހަކައަކީ މީހެއްގެ އަބުރު ވެއްޔާއި މޮޑެވިގެން ދިޔަޔަސް ވަރިހަމަވެފައި ތިބެ ދައްކާ ވާހަކަތަކަށް ވެއްޖެއެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް މިއަދު ބޭނުންވަނީ ރީފޯމެކެވެ. ބޭނުންވަނީ އާ މޫނުތަކެކެވެ. އެއްގޮތަކަށް ވެސް އަބްދުއްރަހީމު މެން ފަދަ ބޭފުޅުންނެއް ނޫނެވެ. ހަގީގީ ލީޑާޝިޕެއް ދައްކާ ކުރިޔަށް ދާން ހުރި ތަޢުލީމީ ޤާބިލް ޒުވާނެކެވެ. ކޮންމެ ޒުވާނެއް ބޭނުންވަނީ މިއުޒިކާއި، ކުޅިވަރުކަމަށް ދެކި އެކަންކަމަށް މަސައްކަތް ކުރާނެ ލީޑަރެއް ބޭނުމެއް ނެތެވެ.

ޕީޕީއެމް، ޕީއެންސީއަށް ރިޔާސީ އިންތިހާބުގެ ބޮޑު ނާކާމިޔާބީއެއް ކުރިމަތިލާން ޖެހުނީ ހަމައެކަނި ރައީސް ޔާމީނަށް އޮތް ތާއީދެއް ފަނޑުވުމުގެ ސަބަބުންނެއް ނޫނެވެ. އިންތިހާބަށް ބޭނުންކުރި މޫނުތައް ގޯހީއެވެ. ޕްރޮޑަކްޓިވް ވާހަކަތަކެއް ދައްކާނެ އަޑެއް ނުނެރެވުނީމައެވެ. ސިޔާސީ ފާޑުކިޔުންތައް ކިޔުން ގިނަ، އަޑުހަރު ބަޔަކު ނެރެގެން ލިބޭނެ ކުރިއެރުމެއް ނެތެވެ.

އެދުވަހުގެ އެ ނާކާމިޔާބީ އާއި އެކު ވެސް ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިމަތިލީ މަޖިލީސް އިންތިހާބާއިއެވެ. ފެއިލްވެފައި ތިއްބެވި ބޭފުޅުންތަކަކާއި، ތަބަކަށް ލާ ޓިކެޓުތައް ދިނުމުގެ ނަތީޖާއަކަށް ވަނީ މަޖިލީހުގެ އިންތިހާބުގައި ލަދުގަންނަވަރުގެ ނަތީޖާއަކާއި ކުރިމަތިލާން ޖެހުމެވެ. އެހެން ނަމަވެސް އެ ނާކާމިޔާބީ ގަބޫލުކޮށް، ފަހަތަށް ޖެހޭނެ ބޭފުޅެއް ނުވިއެވެ. ކޮންމެ ބޭފުޅަކު ވެސް ބޭނުންވީ މަޖިލީހުގެ ގޮނޑި ނުލިބުމުން އެހާހިސާބުން ޕާޓީގެ ނުފޫޒުގަދަ މަގާމަކަށް އައުމަށެވެ. އެއްބަނޑު އެއްބަފާ ދެ ޕާޓީއެއް އުފައްދާ، ދެ ޕާޓީއަށް އެތައް ނައިބު ރައީސުންނެއް އިންތިހާބު ކުރިއެވެ. ޕީޕީއެމްގެ ލީޑަރަކީ ރައީސް ޔާމީނެވެ. ޕީއެންސީގެ ލީޑަރަކީ އަބްދުއްރަހީމް އަބްދުﷲ އެވެ. ދެ ޕާޓީ ވެސް ކުރިޔަށް ގެންދަން ހުރީ އަބްދުއްރަހީމަށް ވާއިރު، އަބްދުއްރަހީމް ވެސް ފަހަތަށް ޖެހިވަޑައިގެން އެހެން ބޭފުޅެއް ކުރިޔަށް ނެރެން ވެއްޖެއެވެ.

ދެ ޕާޓީގެ ތެރޭގައި ވެސް ތިބީ ގާބިލު ޒުވާނުންތަކެކެވެ. ދޭތެރެއަކުން އެ އަޑުތައް ޕޯޑިއަމްތަކުން އިވެއެވެ. އެހެންކަމަށްވާނަމަ އެ ޒުވާނާ ކުރިޔަށް ދާން ފުރުސަތު ދޭންވީއެވެ. އިދިކޮޅުން ކައުންސިލް އިންތިހާބަށް ބޭއްވި ޖަލްސާއެއްގައި ޒުވާނެއްގެ އަޑު ވިދައިގެން ދިޔައެވެ. އަދި މިހާރު އަނެއްކާވެސް ޒުވާން ޖޯޝުން ފުރިގެން ވާ ޒުވާނެއް ޕޯޑިއަމްތަކުން ފެންނަން ފަށައިފިއެވެ. ރައްޔިތުންގެ ތާއީދާއި، ހާއްސަކޮށް ޒުވާނުންގެ ބައިވެރިވުން ބޭނުންވާނަމަ ކުރިޔަށް ދާން ބޭނުންވާ މަގު އެއޮތީ ފެންނާށެވެ.

ސޯޝަލް މީޑިއާއަށް ބަލާލުމުން ޒުވާނުންގެ އަޑު އިވޭނެއެވެ. އެދޭ ކަންކަން ވެސް އެނގޭނެއެވެ. ހައްލު ކުރަން މަސައްކަތް ކުރަންވީ ކަންތަކަކީ އެއީއެވެ. އެއްގޮތަކަށް ވެސް ދެ ދުވަހުން އެއް ދުވަހު މާލޭގެ މަގުތަކަށް އެއްވެލާ، އެއީ ތިމަންބޭފުޅުން އިންތިޒާމު ކުރި ހަރަކާތެއް ނޫނޭ ބުނުމަކުން ނުފުދޭނެއެވެ.

ރޮލެކްސް ގަޑިއާއި، ކޮހި ނޫރުން ދޫކޮށްލާން އެ ދުވަހު ބޭނުމެއް ނުވިއެވެ. ބޭނުންޖެހުނު ދުވަހު ރޮލެކްސްއެއް ވެސް ނެތެވެ. ރިޔާސީ އިންތިހާބުގެ ހަ މަސް ފަހުން ބޭއްވި، އިންތިހާބު ކާމިޔާބު ކުރެވޭނެ ކިތަންމެހާވެސް މަގެއް އޮތެވެ. އެ މަގުގެ ބޭނުން ކުރަން ނޭނގުނީ، ފެއިލްވެފައިވާ ލީޑާޝިޕެއް ޕާޓީގެ ތެރޭގައި އޮތުމުންނެވެ.

މުސްކުޅި ހަރު ބަހެއްގައި އޮންނަނީ ވެއްޓެންދާ އެއްޗެއްގައި ހިފަން ނޫޅޭށެވެ! އެހެން ބުނަނީ އެއާ އެއްކޮށް ތިމާވެސް ވެއްޓިދާނެތީއެވެ. ނުވަތަ އޭގެން ޖެހި ތިމާއަށް އަނިޔާއެއް ވެދާނެތީއެވެ.! ވާހަކަ ދެއްކުމަށް ވުރެ ތަންކޮޅެއް ތަހްޒީބީ ގޮތްތައް ބޭނުން ކުރުމަކީ ބުއްދިވެރިގޮތެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: