މައުލޫމާތު ހޯދުމަކީ އެތައް އިންސާނީ ހައްގަކާ ގުޅިފައިވާ ކަމެއް ކަމުން އެ ހައްގު ކަށަަވަރުކޮށްދިނުމުން ރައްޔިތުން ބާރުވެރިކުރުވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވާރޗުއަލްކޮށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ މައުލޫގައި އާންމުކޮށް ކުރެވޭ ބަހުސަކީ މައުލޫމާތު ހޯދާނެ ގޮތާއި ވަކި މައުލޫމާތެއް ލިބޭނެތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސް ކަމަށެވެ.
ޝިއުނާ ވިދާޅުވީ އެފަދަ ހައްގެއްގެ މުހިއްމުކަމާއި، އެންމެ ފުރިހަމަ ގޮތުގައި އެ ހައްގު ލިބިދިނުމުން ނުކުންނަ ނަތީޖާއަކީ ކޮބާ ކަމާމެދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި މައުލޫމާތު ފޯރުކޮށްދެވޭނެ މާހައުލެއް އޮތްނަމަ އެކަމުގެ ސަބަބުން ޑިމޮކްރަސީއަށް ކުރާނީ ކޮންފައިދާއަކީ ކޮބައިކަމާމެދު ވިސްނާލަންޖެހޭ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.
”ވަރަށް އާންމު ގޮތެއްގައި ބޭނުންކުރާ ފްރޭޒް އެއް އެއީ އިންފޮމޭޝަން އިޒް ދި އޮކްސިޖަން އޮފް ޑިމޮކްރަސީ އޭ، މާނައަކީ މައުލޫމާތު ހާމަކުރެވޭނެ މާހައުލެއް ނެތި އަދި ރައްޔިތުން މައުލޫމާތު ނުލިބޭނަމަ އަޅުގަނޑު މެންނަކަށް ހަޤީގީ ޑިމޮކްރަސީއެއް ތަޖުރިބާ ނުކުރެވޭނެ ވާހާކަ“ ޝިއުނާ
މީގެ އިތުރުން ޝިއުނާ ވިދާޅުވީ ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު، މައުލޫމާތު ހޯދުމާތު ހޯދާ ލިބިގަތުމުގެ ހައްގަކީ އިންސާނީ އެތައް ހައްގުތަކެއް ކަށަވަރުވާކަން ޔަގީން ކުރުމަށްޓަލައި ލިބިދީފައިވާ ހައްގެއްކަން ދަންޖެހޭ ކަމަށެވެ.
މުޖުތަމައުގެ އެތައް މައްސަލަތަކަކަށް މައުލޫމާތޫ ހޯދާ ލިބިގަތުމުގެ ހައްގުގެ ތެރެއިން ހައްލުލިބޭ ކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި އެ ހައްގަކީ އެގައުމެއްގެ ވެރިކަމުގެ ތެރޭގައި ރައްޔިތުންގެ ބާރު އޮތް މިންވަރު ހާމަކޮށްދިނުމަށްވެސް މުހިއްމު ކަމެއް ކަމަށް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގައި ކިތަންމެ ރަނގަޅު ޤާނޫނެއް ފާސްވެފައި އޮތަސް އޭގެ މާނައަކީ އެ ހައްގު ކަށަވަރު ވަނީއެއް ނޫނެވެ.
އެ ގާނޫނާއެކު ރާއްޖޭގައި ކުރިން އޮތް މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތް ނެތުމުގެ އުންމީދު އާވި ކަމަށާއި އެ ގާނޫނުގެ ފައިދާ ލިބޭނީ ސުވާލު ކުރާނެ ރައްޔިތުން އުފެދި މައުލޫމާތު ދޭން އިދާރާތަކުން ވެސް މަސައްކަތްކޮށްގެން ކަމަށް ޝިއުނާ ވިދާޅުވިއެވެ.
ސަރުކާރާއި އަދި އެނޫންވެސް ބައެއް އިދާރާތަކުން މިހާރުވެސް މައުލޫމާތު ނުދީ ހިފެހެއްޓުމުގެ ސަގާފަތެއް ގެންގުޅޭކަން ފާހަގަކުރައްވާ ޝިއުނާ ވަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

