ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެންގެ ޚިޔާލު: ހިތްފަސޭހަ މާލެއެއްވެސް ނުލިބޭ، ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނެކަމުގެ އުންމީދެއްވެސް ނެތް!

ރައީސް ސޯލިހު ދޮރުން ދޮރަށް ކުރެއްވި ކެމްޕެއިންގެ ތެރެއިން ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ރިޔާސީ އިންތިޚާބަކާއި ދިމާކޮށްވެސް އެންމެ ގިނައިން އަޑުއިވޭ އެއް ވާހަކައަކީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާއި ގުޅުންހުރި ވާހަކަތަކެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ މާލެ ރައްޔިތުންނަށާއި އެހެނިހެން ރަށްތަކަށް ނިސްބަތްވާ ރައްޔިތުންނަށް މިހުވަފެން ދައްކާލެއް ބޮޑުކަން އެންމެންވެސް ފާހަގަކުރެވެއެެވެ.

މިސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނުގައިވެސް މިފަދަ އެތައް ވާހަކަތަކެއް ދެއްކިއެވެ. ޚާއްސަކޮށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއިން ހުށައެޅި މެނިފެސްޓޯގައި މާލެ ރައްޔިތުންނަށާއި މާލެ ސަރަހައްދުގައި އުޅެމުންދާ ރައްޔިތުންނަށް އުންމީދީ ވައުދުތަކެއް ވަނީ ވެފައެވެ. ބޯހިޔާވަހިކަމާއި ގުޅުންހުރި ވައުދުތަކާއި، މާލެ ސަރަހައްދުގައި އުޅެމުންދާ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމަށް ޕްރޮޖެކްތްތަކެއް ހިންގާނެކަމަށް އެމްޑީޕީއިން ހުށައެޅި ޖަޒީރާ ޜާއްޖޭގެ ވައުދުނާމާގައިވެއެވެ.

“ޖަޒީރާ ރާއްޖެ”އަކަށް ރާއްޖެ ހެދުމަށް، ޖަޒީރާ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭން ހުށައެޅި މެނިފެސްޓޯގައި ވެށިފަހި މާލޭގެ ދަށުން ކަންތައްތަކެއް ކޮށްދިނުމަށް ވަނީ ހުށައަޅާފައެވެ. އެގޮތުން މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި، މާލޭގައި ދިރިރުއުޅޭ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި މާލެއަކީ ހިތްފަސޭހަ ރަށަކަށް ބަދަލުކުރުމަސް މަސައްކަތްކުރާނެކަމަށް މެނިފެސްޓޯގައިވެއެވެ.

އެންމެފާހަގަކޮށްލެވޭ ނުވަތަ އެންމެ ގިނަބަޔަކު އެވައުދެއް ފުއްދާނެކަމަށް އުންމީދުކުރި ވައުދަކީ ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވެފައިވާ ވައުދެވެ. އާއިލާތަކަށް ދިރިނޫޅެވޭވަރުގެ ކުދި ބިންކޮޅުތަކުގައި އުޅޭ މީހުންނަށް އެމީހުން އިހްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ގޯއްޗެއް ފޯރުކޯށްދޭނެކަމަށް އެމްޑީޕީއިން ހުށައެޅި ވައުދުނާމާގައިވެއެވެ. މީގެ އިތުރަށް، ހުސްޖާގަތައް ހަދައި، ބަންދުކޮށްފައިހުރި ތަންތަނާއި މަގުތައް ހުޅުވައި، ޓްރެފިކަށް ލުއިހޯދައިދިނުމަށް ވަނީ ހުށައަޅާފައެވެ. އެއްގަމު އުޅަނދުފަހަރު ޕާކްކުރާނެ އެކަށީގެންވާ އިންތިޒާމެއްކުރުމަށްވެސް ވެށިފަހި މާލޭގެ ދަށުން މެނިފެސްޓޯގައި ވަނީ ހުށައަޅާފައެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް ކުރި ކެމްޕެއިންތަކުގައިވެސް، އަދި މަޖިލިސް އިންތިޚާބަށް ކުރި ކެމްޕެއިންތަކުގައިވެސް ޚުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފައެވެ. އަދި ހުޅުމާލޭގައި 4000 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއްވެސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަަށްފަހު އިއުލާންކުރައްވައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަށާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެތެރެއިން، 1700 ހައުސިންގ ޔުނިޓުގެ ބިންގާ މިއަހަރުގެ މާޗް މަހު ވަނީ އަޅާފައެވެ. އަދި މިސަރުކާރުން ބިންގާ އަޅާ ފްލެޓުތަކުގައި މިދައުރު ނިމުމުގެ ކުރިން ދިރިއުޅެން ފެށޭވަރުވާނެކަމަށް ސަރުކާރުން އަަންނަނީ ބުނަމުންނެވެ.

ހައުސިންގ ޔުނިޓުގެ ބިންގާ އެޚުމުގެ ތެރެއިން

ކެމްޕެއިންތަކުގައި އެކިފަހަރުމަތިން، ބޯހިޔާވަހިކަމާއި ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، މުޅި ރާއްޖޭގެ އެންމެންނަށް ގޯތިގެދޮރު ފޯރުކޯށްދޭނެކަމަށާއި ޚާއްސަ އިސްކަމެއް މާލޭގެ ރައްޔިތުންނަށް ދޭނެކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ގެދޮރުނެތް ރައްޔިތަކު ނުހުންނާނެކަމަށް ވިދާޅުވެފައިވެއެވެ.

ތަންކޮޅެއް ތަފްސީލިގޮތަކަށް މިވާހަކަތަށް ބަލާއިރު، ހުޅުމާލޭގައި 900 އަކަފޫޓުގައި 3 ކޮޓަރީގެ އެޕާޓްމަންޓެއް އަޅައި، އެތަންތަން 9،000 ރުފިޔާއަށް ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި މިފްލެޓުތަކުގައި އާމްދަނީއެއް ނުލިބޭ މީހުންނަށް އާމްދަނީއެއް ލިބޭނެގޮތެއްވަންދެން ހިލޭ ބޯހިޔާވަހިކަން ލިބޭނެކަމަށާއި، ލިބޭ އާމްދަނީއިން ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން އެހީވެދޭނެކަމަށް ވިދާޅުވިއެވެ. އަދި މިފްލެޓްްތަކުން ފްލެޓް ގަންނަން ބޭނުންވާ މީހުންނަށް އެފުރުސަތުވެސް އޮންނާނެކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހު ދޮރުން ދޮރަށް ކުރެއްވި ކެމްޕެއިންގެ ތެރެއިން ފޮޓޯ: މިހާރު

އިންތިޚާބުވިތާ ދެއަހަރުވެގެންދިޔައިރު، ވެފައިވާ ވައުދުތަކާއި ގާތަށްވެސް މަސައްކަތްކުރެވިފައިނުވާކަމަށް ގިނަ ބަޔަކު، ޚާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުން ގަބޫލުކުރެއެވެ. ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ނަމުގައި ދެއްކީ ހުވަފެންތަކެއްކަމަށް އާންމުން އަންނަނީ ބުނަމުންނެވެ. މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިނުވާއިރު، މިސަރަހައްދުގެ އިޖްތިމާއީ ތަރައްގީއަށް ނުވަތަ ދުޅަހެޔޮަކަމަށްވެސް އެއްވެސް ކަމެއް ކުރެވިފައިނުވާކަމަށްވެސް އާންމުންދެކެއެވެ. “ޖަޒީރާ ރާއްޖެ”އެއް ހޯދައިދޭނެކަމަށް ބުނެ، ހިތްފަސޭހަ މާލެއެއް ހޯދައިދޭނެކަމަށް ބުނެ ވެރިކަމަށް އައުމަށްފަހު، އޭގެން އެއްވެސް ކޮށްދިނުމަށް ކުރެވުނު މަސައްކަތެއް ނެތްކަމަށް ގަބޫލުކުރެއެވެ. އަދި އެއީ ވެރިކަމަށް އައުމަށް ދެއްކި ދަޅަތަކެއްގެ ގޮތުގައި ރައްޔިތުން ދެކެއެވެ.

މިދައުރުގައި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ރައްޔިތުން ބޭނުންވެއެވެ. ލިބޭ މުސާރަ އެއްކޮަށް އުޅޭ ތަނުގެ ކުއްޔަށް ހޭދަކުރަން ނުޖެހޭނެފަދަ ގޮތެއް ބޭނުންވެއެވެ. ރަައީސް ޔާމީނަށް އިތުރު ދައުރެއް ހަވާލުނުކޮށް، ރައްޔިތުން ކޯލިޝަން ސަރުކާރަަކަށް ވެރިކަން ހަވާލުކުރީ ހަމަ ހަގީގަތުގައިވެސް ބަދަލެއް ބޭނުންވާތީއެވެ. އެހެންނަމަވެސް، ރައްޔިތުން އެދުނު ބަދަލު ހަގީގަތުގައިވެސް ފެނޭތޯ މިއީ މިއަދު ރައްޔިތުން އުފައްދަމުންދާ ސުވާލެކެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 40%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: