ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ވަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައި: މިނިސްޓަރު

"ފޯތް ވަރލްޑް ކޮންފަރެންސް އޮން ވިމެން" އަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮންލައިން ބައްދަލުވުމުގައި މިނިސްޓަރު އައިޝާ/ ފޮޓޯ: ޖެންޑާރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އަންހެނުން ބާރުވެރިކުރުވާ، ކަންކަމުގައި ގޮތް ނިންމާ ބައެއްގެ ގޮތުގައި ހެދުން ކަމަށް ޖެންޑާރ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި “ފޯތް ވަރލްޑް ކޮންފަރެންސް އޮން ވިމެން” އަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮންލައިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ވަކި ޓާގެޓުތަކެއް ކަނޑައެޅި އެ ކަންކަން ހާސިލް ކުރުމަށްޓަކާ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ގައި، ބެއިޖިންގ ޑެކްލަރޭޝަނާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލަށް ރިޢާޔަތް ކޮށް އަންހެނުން ބާރުވެރިކުރުވުމާއި، ގޮތް ނިންމާ މަރުޙަލާގައި އަންހެނުންގެ ޙިއްސާ އިތުރުކުރުމާއި، އަންހެނުންނާއި މެދު ކުރެވޭ އެންމެހާއި ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އައިޝާ ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި އަންހެނުންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އިގްތިސޯދީ ދާއިރާތަކުން އަންހެނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރުން ހިމެނޭކަން ފާހަގަކޮށް ޖެންޑާރ މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރާއްޖޭގައި އިންތިހާބު ކުރާ ކައުންސިލްތަކަށް 33 އިންސައްތަ އަންހެނުންނަށް ކަނޑައެޅުމަށް ފާސްކުރި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދެ އަންހެން ކަނބަލުން އައްޔަން ކުރެވިގެން ދިޔަކަމަށް އައިޝާ ވިދާޅުވިއެވެ. އަދި ހަމެއެއާއި އެކު އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންގެ ތެރެއިން 50 އިންސައްތަ ހިއްސާކުރަނީ ވެސް އަންހެން ކަނބަލުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާގެ ބާވަތްތައް އިތުރުވަމުން އަންނައިރު، ރަނގަޅު ނިޒާމުތަކެއްގެ ދަށުން އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރަން ޖެހޭ ކަމަށް އައިޝާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އަނިޔާގެ ޝިކާރައަކަށް ވާ މީހާއަށް ރައްކާތެރިކަން ފޯރުކޮށްދީ އިންސާފު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމާއި އެކު ހުށަހެޅުނު މައްސަލަތައް އިތުރުވެގެން އައުމާއި އެކު، ރަނގަޅު މޮނީޓަރިންގެ ނިޒާމެއް ކަނޑައަޅާ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރި ކަމަށް އައިޝާ ވިދާޅުވިއެވެ. ގެވެށި އަނިޔާ އާއި، ކުޑަކުދިނަށް ކުރާ އަނިޔާތައް ހުއްޓުވޭނީ އެންމެން އެކުގައި މަސައްކަތްކޮށް، ކުށް ކުރާ މީހާއަށް އަދަބު ދެވިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކަށް އައިޝާ އަލިއަޅުއްވާލެއްވިއެވެ.

އައިޝާ ވިދާޅުވީ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ހެލްޕްލައިނެއް ކަނޑައެޅިގެން ދިޔަ ކަމަށެވެ. އަދި މިކަންކަން ބެލެހެއްޓުމުގައި ވެސް ހަރަކާތްތެރިވަމުން ދިޔައީ އަންހެނުން ކަމަށެވެ.

ކޮވިޑްގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަނަމަވެސް، މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިއްބެވީ އަންހެން ބޭފުޅުން ކަމަށެވެ. އެގޮތުން ކޮވިޑާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި، އަދި މިވަގުތު އެ މަސައްކަތްތައް ބަލަހައްޓަމުން އަންނަ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސްރޯލުތަކުގައި ތިބީ އަންހެނުންކަން އައިޝާ ފާހަގަ ކުރެއްވިއެވެ.

ބައްޔަށް ޝައްކުވާ މީހުންގެ ސާމްޕަލް ނެގުމާއި، އަދި އަލާމާތްތައް އުފެދި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ސާމްޕަލްތައް ނެގުމުގައި ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ޓީމުގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ރާއްޖޭގެ އަންހެން ކަނަބަލުން ކަމަށް އައިޝާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރު އައިޝާ ވިދާޅުވީ ވެސް އެކި ފެސިލިޓީތަކުގައި އާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް ގާއިމް ކުރި ވަގުތީ ހިޔާތަކުގައި، ހިއްވަރާއި އެކު އެތައް އަންހެނުންތަކެއް މަސައްކަތް ކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: