މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 106 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 44 މައްސަލައެއް ރިޕޯޓުކޮށްފައި ވެއެވެ.
މީގެއިތުރުން އިހުމާލުވުމުގެ 29 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ ފަސް މައްސަލައަކާއި ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލައެއް ހުށަހަޅާފައިވެއެވެ.
އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލައެއްގެއިތުރުން އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނަހަމަގޮތުގައި ކުދިން ބޭނުންކުރުމުގެ މައްސަލައެއްވެސް އެމިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންގެ މައްސަލަތަކުގެތެރޭގައި ކުދިންގެ އަޚުލާގާ ގުޅުންހުރި 10 މައްސަލައަކާއި އެކިބާވަތުގެ ކުށްކުރާ ކުދިންގެ ދެ މައްސަލައަކާއި ކުޑަކުދިންގެ ޙައްގުތަކުން ކުދިން މަޙުރޫމްކުރުމުގެ 10 މައްސަލައެއްވެސް ޖެންޑަރ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.

