ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުތަކުގައި ވަކާލާތު ކުރުމުގައި އިސްލާމީ ޝަރީއާ ކިޔަވާ ފަރާތްތައް އެކަހެރި ކުރާތީ ސަލަފުގެ ނުރުހުން

ސަލަފްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމާއި، ފަނޑިޔާރުކަން ކުރުމުން؛ އިސްލާމިކް ޝަރީޢާ ކިޔަވާ ފަރާތްތައް އެއްކިބާކޮށް، މަޙްރޫމްކުރާ ކަމަށް ބުނެ ޖަމިއްޔަތުއް ސަލަފް އިން ނުރުހުން ފާޅު ކޮށްފިއެވެ.

ސަލަފުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުސްލިމް ދީނުން ބޭރުކޮށް؛ އިންސާނުންގެ ތެރެއިން މަދު ބަޔަކު އަމިއްލައަށް އެކުލަވާލައިފައިވާ، ދުވަހުން ދުވަހަށް އެކި ފަރާތްތަކުގެ އަމިއްލަ މަސްލަހަތުގެ މައްޗަށް ބަދަލުކުރަމުން ގެންދާ ވަޟަޢީ ގާނޫނުގެ މައްޗަށް އަޅުވެތިކޮށްގަތުމަށް ކާފިރުންނާއި، އެމީހުންނަށް ތަބާވާ މީސްތަކުން ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދައުލަތުގެ މުއައްސަސާތަކުން އެކަށައަޅާ ގާނޫނާއި ގަވާއިދުން؛ އިސްލާމީވަންތަކަމާއި، އިސްލާމީ ޝަރީއަތާ އެކީއެކަށް ގުޅުންކަނޑާލުމަށް މަކަރުވެރި ރޭވުންތައް ރާވަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސަލަފުން ބުނީ އެއީ ތައުލީމީ ދާއިރާއިން ދީނީ ޝަރުއީ އިލްމު ފުހެލުމަށް ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށެވެ. އަދި ޝަރުއީ ދާއިރާއިން މުސްލިމު ފިގުހުވެރިންނާއި، ޝަރުއީ ފަނޑިޔާރުން އެކަހެރިކޮށް ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުން ސާބިތުވާ ހުކުމްފުޅުތަކުގެ އަސަރު އިސްލާމީ މުޖުތަމަޢުތަކުން ނައްތާލުމަށް ކޮށްފައިވާ ހަޑިމުޑުދާރު މަސައްކަތެެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

“ކުރިއަށް މިދާ ފިކުރީ ހަނގުރާމަގައި، އެބައިމީހުން އެދަނީ މުސްލިމް ގައުމުތަކުގައި ފަހަރަކު ހަރުފަތެއް ގިރާކުރަމުންނެވެ. މާޒީގައި ކަނޑިއާއި ބަނޑި ބޭނުންކޮށްގެންނެވެ. މިއަދު އެމީހުން ތަރުބިއްޔަތުކޮށްފައިވާ އޭޖެންޓުންނާއި، ގޮނޑިކޮއްކޮ ސަރުކާރުތަކާއި، މުސްލިމުންގެ ތެރޭގައި ތިބެ ދީނާއި ގައުމަށް ޣައްދާރުވާ، މިނިވަންކަމުގެ އަގުވަޒަން ކުރަން ނުދަންނަ، މަދު ބަޔަކު މެދުވެރިކޮށެވެ.” ސަލަފުން ބުންޏެވެ.

ސަލަފުން ބުނީ އެ ހަނގުރާމައިގެ ވިލާގަނޑުގެ ދަށުން ރާއްޖެ ވެސް އިސްތިސްނާ ނުވާކަމަށެވެ.

އަދި އިސްލާމީ ޔުނިވާސިޓީތަކުން ހަމައެކަނި ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގެ އިލްމު އުނގެނިވަޑައިގެން އިސްލާމީ ޝަރީއާގެ ރޮނގުން މަތީ ތައުލީމު ފުރިހަމަ ކުރައްވާފައިވާ ދީނީ އިލްމުވެރިން، ރާއްޖޭގެ ޝަރުއީ ދާއިރާގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުން ވެސް މަހްރޫމްކޮށް، އެކަހެރިކުރާ ކަމަށް ބުނާ “ބިރުވެރި ލާދީނީ އަޑުފަށްގަނޑެއް” އިވެން ފަށާފައިވަ ކަމަށެވެ.

އަދި އެއީ ފާއިތުވެގެން ދިޔަ ގަރުނުގައި މިސްރުން ވެސް ޝަރުއީ ކޯޓުތައް އުވާލާ ޝަރުއީ ދާއިރާއިން މުސްލިމް އިލްމުވެރިން އެކަހެރި ކުރުމަށް އޭރު އެ ގައުމުގައި އޮތް އިނގިރޭސިވިލާތުގެ ގޮނޑިކޮއްކޮ ސަރުކާރުން ކަންތައްކުރި ގޮތް ކަމަށް އެ ބަޔާނުގައިވެ އެވެ.

“މަޝްހޫރު ޖާމިޢުލްއަޒްހަރުން ކިޔަވައިގެން ނިކުމެވަޑައިގަންވާ އިލްމުވެރިންނަށް މަގާމުތަކަށް ނާދެވޭ ގޮތް ހަދައި، ވިލާތާއި އެނޫން ކަރަކަރައިން ކާފިރުންގެ އުނގުން އެދުރުވެގެން އަންނަ ފަރާތްތަކަށް ދައުލަތުގެ މަތީ މަގާމުތަކާއި ޝަރުއީ ދާއިރާއަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ނަތީޖާ ގާހިރާއިންނާއި އިސްކަންދަރިއްޔާއިން މިއަދު އަޅުގަނޑުމެންގެ ހަމަލޮލަށް އެހެރީ ދިމާލަށް ފެންނާށެވެ.”

ތާރީހަކީ ތަކުރާރުވާ އެއްޗެއްކަން ފާހަގަކޮށް ސަލަފުން ތުހުމަތުކޮށްފައި ވަނީ ބާ ކައުންސިލެއް އުފައްދައި އެކަމަށް ހާއްސަ ގާނޫނީ ފަންނުވެރިކަމުގެ ބިލެއް ރައްޔިތުންގެ މަޖްލީހުން ފާސްކޮށް، ރާއްޖޭގެ ކޯޓުތަކުގައި އެކަނި އިސްލާމިކް ލޯ ނުވަތަ ޝަރީއާ ކިޔަވާފައިވާ އިލްމުވެރިން ބާކީކޮށްލުމުގެ މަކަރުވެރި ސިލްސިލާ ތަންފީޒު ކުރަން ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

“އެހެންކަމުން މި އަމަލަކީ ރާއްޖޭގެ ޝަރުއީ ނިޒާމުން ދީނީ އިލްމު އުގެނިވަޑައިގެން ތިއްބަވާ ހުރިހާ އިލްމުވެރިން ދުރުކޮށް ފޭކުރުމަށް މާކުރިން ރޭވިގެން ހިންގާ ލާދީނީ އެޖެންޑާގެ ކުޑަ މިންވަރެއް ކަމަށް މިޖަމިއްޔާއިން ޔަގީންކޮށްދެމެވެ،” ސަލަފުން ބުންޏެވެ.

ސަލަފުން ވަނީ މިކަމަށް އެންމެހާ ދިވެހި ރައްޔިތުން ސަމާލުވެ ހޭއެރުމަށް ގޮވާލައިފައެވެ.

ރާއްޖެ އިސްލާމްވުމަށްފަހު ދިވެހިންނަށް ދީނަކާއި ތާރީހަކާއި ސަގާފަތަކާއި ބަހެއް ލިބިދިން ދުވަހުން ފެށިގެން ދާދި މިދާކަށް ދުވަހާއި ޖެހެންދެން ރާއްޖޭގެ ފަނޑިޔާރުކަމާއި ކޯޓުތަކުގައި މުޅިންހެން ތިއްބެވީ ހަމައެކަނި އިސްލާމީ ޝަރީއާ އުނގެނިވަޑައިގެން ތިބި އިލްމުވެރިންކަން ސަލަފުން ފާހަގަކުރިއެވެ.

އަދި އެއީ ދިވެހި ދައުލަތް އިސްލާމީ ވަންތަކަމާއި ޝިރުކާއި ކުފުރުގެ އަނދިރިކަމުން ސަލާމަތްވެ 800 އަހަރު ވަންދެން ދެމިއޮތް އެންމެ ބޮޑު އެއް ސަބަބު ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ފުރަތަމަ ގާނޫނު އަސާސީއިން އެކުލަވާލި ފަނޑިޔާރުގޭގައި ވެސް އިންނެވީ ހަމައެކަނި ޤުރްއާނާއި ސުންނަތާއި އިމާމުންގެ ފިޤްހު ކިޔަވައި ވިދާޅުވެފައިވާ އިލްމުވެރިއެއް ކަމަށާއި، މިހާ ސާފުކޮށް ފެންނަން އޮތް ދިވެހިންގެ ތާރީހީ އާދަކާދައެއް ބަދަލުކުރުމަކީ ދިވެހި ތާރީހަށް ވެސް ދެވޭ ހަމަލާއެއްކަމަށް ސަލަފުން ބުންޏެވެ.

“ވީމާ، ހަމައެކަނި އިސްލާމީ ޝަރީއާ ކިޔަވައިގެން ތިއްބަވާ ފަރާތަކަށް ގާނޫނީ ވަކީލުކަމާއި ކޯޓުތަކުގެ ޤާޒީކަން ނުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހުރިހާ ގަވާއިދަކާއި ގާނޫނެއް މިހާރުން މިހާރަށް މުރާޖައާކޮށް އިސްލާހުކުރުމަށް ދިވެހިރާއްޖޭ ރައީސުލް ޖުމްހޫރިއްޔާއަށާއި ޖުޑިޝަރީގެ އެންމެހައި ވެރިންނަށް ޖަމިއްޔަތުއްސަލަފުން ގޮވާލަމެވެ.” ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: