ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝުކޫރު މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އޭނާ މެޖިސްޓްރޭޓްގެ މަގާމުން ވަކިކުރުމަށް ނިންމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ބުނީ ފަނޑިޔާރު ކަމުގެ މަގާމުން ޝުކޫރު އިސްތިއުފާ ދެއްވިކަން ހާމަކޮށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ޖޭއެސްސީ އިން މިދިޔަ ހޮނިހިރު ދުވަހު ބުނީ ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމުއްގައި ކުރީގެ ފަނޑިޔަރުންތަކަކާއި ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށް، ވާހަކަދައްކައި ވޯޓޫ ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވިލިނގިލީ ކެފޭއެއް ތެރޭ ސިޔާސީ ވާހަކަ ދައްކައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް އެދިފައިވާކަންވެސް ސާބިތުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާ އެކު އަޙްމަދު ޝުކޫރު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދު ކުރާ ކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމާއި، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގއ. ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، އަޙްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައި ދިނުމަށް އެދިފައިވާ ކަން ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

